ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ދޮންބިލެތް އަޙްމަދު ޙަލީމްވެސް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ނިންމައިފިއެވެ.
ވިކްޓްރީ ސްޕޯޓްސް ކުލަބުން ވިދާލި ރާއްޖޭގައި އުފެދުނު އެންމެމޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނުނު ދޮންބިލެތް މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ނިންމާފައި ވަނީ ބިލެއްދޫ ދާއިރާއަށެވެ. ދޮންބިލެތް މިހާރު ދަނީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ނުކުތުމަށްޓަކައި އެދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ކެމްޕޭންވެސް ކުރަމުންނެވެ.
ބިލެއްދޫ ދާއިރާގެ އެމްޑީޕީ ޓިކެޓަށް ދޮންބިލެއް ކެމްޕޭން ކުރަމުންދާއިރު ފ. އަތޮޅުގައި ފެރީގެ ޚިދުމަތް ދެމުން ދަނީވެސް ދޮންބިލެއް އަޙްމަދުގެ ވިޔަފާރީގެ މަސްލަޙަތު އޮންނަ ކުންފުންޏަކުންނެވެ. ބިލެއްދޫ ދާއިރާގެ ގޮނޑި މިހާރު ފުރުއްވަމުން ގެންދަވަނީ އަޙްމަދު މުބީނެވެ.
ދޮންބިލެތް އަޙްމަދަކީ އެމްޑީޕީގެ ހަރަކާތްތަކުން ފެންނަމުން އަންނަ ފަރާތެކެވެ. އޭނާގެ ފުޓްބޯޅައިގެ ރަންޒަމާނުގައި ވިކްޓްރީގެ އިތުރުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިއާއަށްވެސް ކުޅެފައިވެއެވެ. ދޮންބިލެތަކީ ރާއްޖޭގައި މުސާރަ ދީގެން ފުޓްބޯޅަ ކުޅުން ތައާރަފްވި އަހަރު ވިކްޓްރީން ބޮޑު އަގުގައި ވެލެންސިއާއަށް ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ވަނީ ރާއްޖޭގެ ގައުމީ ޓީމުގެ ޑިފެންސް ލައިންވެސް ބަލަހައްޓައިދީފައެވެ.