ދިވެހިނަށްވެސް ރާއްޖޭގައި ސީޕްލޭން ދަތުރުތައް ކުރެވޭނެ ދުވަހެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް މިނިސްޓަރއޮފް ޓްރާންސްޕޮޓޭޝަން އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ މިރޭ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ އޭވިއޭޝަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ އެއީ ވެސް ނުކުރެވޭވަރުގެ ކަމެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ރާއްޖޭގެ ބޮޑުބަޔަކީ ކަނޑު ކަމަށްވާއިރު އެފަދަ ދަތުރުތައް ދިވެހިންނަށް މުހިންމު ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެއް ކަމަށްވާ އެތެރޭގެ އުދުހުންތަކުގެ އަގުވެސް ހެޔޮކުރައްވާނެ ކަމަށެވެ. އެކަމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުބޮޑުކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އެކަމުގެ ޝަކުވާ މީހުންގެ ފަރާތުން ވެސް ލިބޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެކަން ޙައްލު ކުރުމަށްޓަކައި އެކަށީގެންވާ ރަނގަޅު އުސޫލުތަކެއް ކަނޑައެޅުމަށްފަހު ވާދަވެރި މާކެޓަކަށް ހުޅުވައިލުމުން އެކަން ޙައްލުކުރެވިދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ އެތެރޭގެ އުދުހުންތަކުން އަގުހެޔޮ ޚިދުމަތެއް ޢާއްމުންނަށް ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ ކުރީގެ އޭވިއޭޝަން ޤާނޫނު އީސްލާޙު ކުރެއްވުމަކީ ވެސް ސަރުކާރު ކުރައްވާނެ މަސައްކަތެއް ކަމަށެވެ. އެ ޤާނޫނޫ ވެގެންދާނީ ދަތުރުވެރިންގެ ޙައްޤުތައް ފުރިހަމައަށް ރައްކާ ކުރެވިފައިވާ ޤާނޫނަކަށް ކަމަށް ވެސް ވިދާޅުވިއެވެ. އެ ޤާނޫނު އިސްލާޙު ކުރެއްވުމަށްފަހު ދުރުނޫން މުސްތަޤުބަލެއްގައި މަޖީލިހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމަސް ނިމުމުގެ ކުރިން ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރައްވާނެއެވެ.