ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް އެދި ހުށަހަޅުއްވައިފި

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެއްގޮތަށް، ރާއްޖެއިން ކޮމޮންވެލްތުގައި އަލުން ބައިވެރިވުމަށް އެދި ހުށަހަޅުއްވައިފިއެވެ.

އެކަމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ސިޓީއެއް ފޮނުވައިފައެވެ.

އެ ސިޓީގައި ކޮމަންވެލްތުގެ ޗާޓަރާއި، ހަރާރޭ ޑެކްލެރޭޝަންގައި، ބަޔާންކޮށްފައިވާ އުޞޫލުތަކަށް ހުރުމަތްތެރިކޮށްހިތައި، އެއްބަސްވެފައިވާ ކަންކަން ނަގަހައްޓައި، އެކަންކަމަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމާފައިވަނީ ކޮމަންވެލްތު ޗާޓަރުގައިވާ އުޞޫލުތަކަކީ ރާއްޖެއާއި ބޭރު ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދުގައި އޮންނަ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ލިބިގެންދާނެ މުހިންމު ބާރަކަށްވާތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލުތައް ނަގަހައްޓައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން ކަށަވަރުކޮށް، ޤައުމުގެ ހިންގުން ހަރުދަނާކޮށް، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓެނިވި ތަރައްޤީއަށް ޖާގަދިނުމުގައި، ކޮމަންވެލްތުގެ މެންބަރަކަށް ވުން މުހިންމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މިފަދަ ބައިނަލްއަޤްވާމީ ލަނޑުދަނޑިތައް ކާމިޔާބުކަމާއެކީ ހާސިލުކުރުމުގައި ދިވެހިރާއްޖެއިން ބޭރު ދުނިޔެއާ އެކަހެރިކޮށް އޮތުމަކީ މި ސަރުކާރުން ޤާބޫލުކުރައްވާ އުސޫލެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. މިގޮތުން، މި ސަރުކާރުގެ ވިސްނުންފުޅަކީ، ކުޑަ އަދި ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމެއްގައި ސުލްހަވެރިކަމާއި އޮމާން ކަމާއެކު ވެރިކަން ބަދަލު ވެގެން ދިޔަދިއުމުގެ ތަޖުރިބާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ ޑިމޮކްރަސީއާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާގުޅޭ ބަހުސްތައް ބައިނަލްއަޤްވާމީ މައިދާނުގައި ސަމާލުކަމަށް ގެނައުމުގައި، ރާއްޖޭގެ ތަޖުރިބާގެ އަލީގައި މަސައްކަތް ކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެކިއެކި ފަންނީ އަދި ޤާބިލް މީހުން ތަމްރީނު ކުރުމުގެ މުހިންމުކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ. މިގޮތުން، ކޮމަންވެލްތްގެ ފަރާތުން މީގެ ކުރިން ދިވެހިންނަށް ލިބެމުންދިޔަ، މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި، ކުޅިވަރުގެ މައިދާނުގައި ފަހިވެފައި ހުރި ފުރުޞަތުތައް ފާހަގަ ކުރައްވައި، އެފަދަ ފުރުޞަތުތަކުގައި ދިވެހިން ރާއްޖެއިން އެކި ރޮނގުރޮނގުން ބޭރުގައި ކުރާ ތަޖުރިބާތައް، ރާއްޖޭގެ ފަންނީ ދާއިރާތަކުގައި ހިއްސާވަމުން ދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.

ދިވެހިރާޖެއިން ކޮމަންވެލްތްގައި ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ކޮމަންވެލްތުން ވަކި ވެފައިވަނީ 13 އޮކްޓޫބަރު 2016 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.