ވެރިރަށް މާލެއަށް މިއަދު ވެހެމުންދާ ބޯވާރޭގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ގެއްލުންތަކެއް ލިބިފައިވާތީ އެކަމާމެދު ހިތާމަފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވާރޭގެ ސަބަބުން ފެންބޮޑުވުމާއި އެނޫންވެސް ގޮތްގޮތުން ގެއްލުން ލިބިފައިވާ ހުރިހާ ރައްޔިތުންގެ ޙާލަތާމެދު އެމަނިކުފާނު ހަމްދަރުދީވެވަޑައިގަންނަވާ ކަމަށެވެ. ރައީސް މިފަދައިން ވިދާޅުވިއިރު ސަރުކާރުން މިހާރު ދަނީ އެމްއެންޑީއެފް މެދުވެރިކޮށް މާލޭގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑުތައް ކަނޑަށް ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މާލެއަށް މިއަދު ހެނދުނު ވީއްސުރެ ވެހެމުންދާ ބޯވާރޭގެ ސަބަބުން މަގުމަތީގެ އުޅަނދުތައްވެސް ބަޔެއް ހިސާބުތަކުން ވަނީ ފެނުއަޑިއަށް އެއްކޮށް ގޮސްފައެވެ. އަދި ބަޔެއް ގެތަކާއި ފިހާރަތަކަށް އަދި ބަޔެއް އޮފީސްތަކަށްވެސް ފެން ވަނުމުގެ ސަބަބުން ވަނީ ގެއްލުންތަކެއް ލިބިފައެވެ.
މޫސުމާބެހޭ އިދާރާއިން ބުނެފައި ވަނީ ވިއްސާރަ ހުއްޓާނެ ވަކިއިރެއް ލަފާ ކުރަން ނޭނގޭ ކަމަށެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެހެން ބަޔެއް ހިސާބުތަކަށްވެސް މިއަދު ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.