މާލޭގައި ފެންބޮޑުވެ ގެއްލުންތައް ވަނީ

މާލޭ މަގެއްގައި ޕާކުކޮށްފައިވާ ސައިކަލްތަކެއް: ފޮޓޯ ޕޮލިސް

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި ކޮންޓްރޯލް ނުވާވަރަށް ފެންބޮޑުވެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަދިވެސް ފެންބޮޑުވުން ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ. އެހެންނަމަވެސް ފެން ހިންދާ ޕަންޕުތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކި ހިސާބުތަކުގައި ވެލި ބަސްތާއް ޖެހުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.  މާލޭގެ ބައެއް މަގުތަކުގައިވަނީ ކަކުލާ ހިސާބަށް ފެންބޮޑުވެފައެވެ. އަދި ބައެއް ގެތަކާއި ފިހާރަތަކަށް ފެންވަދެ ގެއްލުން ވަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. މާލެއަށް ވާރޭ ވެހެން ފަށައިފައިވަނީ މިއަދު މެންދުރު 12:00 އެހައިކަންހާއިރުން ފެށިގެންނެވެ. އެހެންނަމަވެސް އަދިވެސް ވާރޭ ނުހުއްޓައެވެ.

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ވަނީ އެލާޓަށް އައިސްފައެވެ. އެމްއެންޑީއެފުން ވިދާޅުވީ ފެންބޮޑުވެފައިވާތީ ރައްޔިތުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެ ތިބުމަށެވެ. އެގޮތުން ހަލާކުވާ ޒާތުގެ ސާމާނު މައްޗަށް ނަގައި ރައްކާތެރިވެ ތިބުމަށް އަމިއްލައަށް ވެސް އެޅެންހުރި ފިޔަވަޅުއަޅައިގެން ތިބުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

މާލޭގެ ބައެއް ޖަންކްޝަންތަކުން ލީކުވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެހެން ކަމުން ފެން ބޭނުންކުރާއިރު ކައްކައިގެން ނޫނީ ބޭނުން ނުކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކުރައްވައިފައިވެއެވެ. އޭގެ އިތުރަށް ކޮންމެހެން ދާންޖެހޭ ތަންތަނަށް ނޫނީ ނުގޮސް ގޭގައި މަޑުކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ ބައެއް މަގުތަކުގައި ޕާކުކޮށްފައިވާ ސައިކަލްތައް ވެސް ފެނުގެ ސަބަބުން ވެއްޓިފައިވާ ކަމަށެވެ. އެހެން ކަމުން އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ. އަދި ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ވެސް ދަތުރު ފެށުމުގެ ކުރިން އެމްއެންޑީއެފާއި ފުލުހުންނަށް ދަތުރާބެހޭ މަޢުލޫމާތު ދެއްވުމަށް ވެސް ވަނީ އެދިފައެވެ.

މެޓު އޮފީހުން ވިދާޅުވީ މިރެއާ ހަމައަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އެހެންނަމަވެސް މާދަމާ ކޮންމެވެސް ވަރަކަށް ވާރޭވެހުނަސް އެހާ ބޯކޮށް ވެހޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.