ނަބަވީ އަޚްލާޤް - 4 : ދެން އެހެން ހަދައިފި ނަމަ ނަތީޖާއާ ކުރިމަތިލާނެ

Camel Trade

مكّة مكرّمة އަކީ ޖާހިލިއްޔަ ޒަމާނުގައިވެސް ވިޔަފާރީގެ ބޮޑު މަރުކަޒެކެވެ. މީސްތަކުން ވިޔަފާރި މުދާ ވިއްކާން ދުރުދުރުން ދަތުރު ކޮށްފައި މި މުގައްދަސް ރަށަށް އާދެއެވެ. أبو جهل بن حشام އަކީ ހަމައެކަނި ކުފުރުގައި އަރައި ހުރި މީހަކީއެއް ނޫނެވެ. އޭނާ އަކީ އަނިޔާވެރިކަމާއި ނުލަފާ ކަމުގައިވެސް އަރައި ހުރި މީހެކެވެ. އޭނާ ބޭނުންވާ މީހަކުގެ އަގު ވައްޓައިލައި، ލަދު ގަންނަވައި ހަދައެވެ. ހިތަށް އެރި މީހަކަށް އަނިޔާކޮށް ވިޔަފާރިއަށް ގެއްލުން ކޮށް އުޅެއެވެ. އޭނާގެ ހިތާއި ސިކުނޑި އޮންނަނީ ފިރްޢަވްނިއްޔަތުގެ ހަމަތަކުން ކިލަނބު ވެފައެވެ.

زبيد އަކީ يمن ގެ ބޮޑު ސަހަރެކެވެ. މި ސަހަރުގައި އުޅޭ މީހުންނަށް ކިޔައި އުޅެނީ زبيدىންނެވެ.

އެއް ދުވަހަކު زبيدى އަކު މޮޅު ތިން ޖަމަލު ގޮވައިގެން ވިއްކާން مكّة ގެ ބާޒާރެއް ކަމުގައިވާ حزوة އަށް އަތުވެއްޖެއެވެ. މީސްތަކުން އައިސް ޖަމަލުތައް ބަލައި އުޅޭން ފަށައިފިއެވެ. އެއީ ވަރަށް ރީތި، އެހައިމެ އަގު ބޮޑު ތިން ޖަމަލެވެ. ޖަމަލުތަކުގެ މައްޗަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ. އެ ވަގުތު މައްކާގެ ސަރުދާރެއް ކަމުގައިވާ أبو جهل އެތަނަށް އަތުވެއްޖެއެވެ. އޭނާއަށް އެ ޖަމަލުތައް ކަމުދާ ގޮތް ވެއްޖެއެވެ.

އޭނާ زبيدى އަށް ގޮވައިލައިފައި އަހައިލިއެވެ. [އޭ زبيدى އެވެ. މި ޖަމަލު ވިއްކާނީ ކިހައި ވަރަކަށް ހެއްޔެވެ؟]

زبيدى އައީ ވަރަށް ދިގު ދަތުރެއް ކޮށްފައެވެ. އޭނާ ހުރީ ޖަމަލުތަކަށް ވަރަށް ބޮޑު އަގެއް ލިބޭނޭ ކަމުގެ އުއްމީދުގައެވެ. އެހެންވީމާ އޭނާ ހިތުގައި އޮތް އެކަށޭނެ އަގު ބުނެފިއެވެ. أبو جهل ޝައިޠާނީ ހިނިތުންވުމަކާ އެކު އޭނާޔާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. [ތިޔައީ މާ ބޮޑު އަގެކެވެ. އަހަރެން ތިޔަ އަގުގެ ތިންބައިކުޅަ އެއްބައި ދީފާނަމެވެ. ބުނާށެވެ. ވިޔަފާރިއާ ރުހެމު ހެއްޔެވެ؟]

زبيدى ބާޒާރަށް އައީ ވަރަށް ބޮޑު އުއްމީދަކާ އެކީގައެވެ. ކީ އަގުގެ ތިންބައިކުޅަ އެއްބަޔަކީ އޭނާ ރުހޭ އަގަކަށް ނުވިއެވެ. އޭނާ ނުރުހުމާއެކު ބޯ ހޯރައިލިއެވެ. [އަހަރެން ބޭނުން ވަނީ ފައިދާ ހުރި ވިޔަފާރިއެކެވެ. ތިޔަ ކުރާން އުޅޭ ވިޔަފާރިއަކީ އަހަންނަށް ގެއްލުން ވާނޭ ވިޔަފާރިއެކެވެ.]

ލޯބިވާ ކިޔުންތެރިންނޭވެ! އެ މާޙަވްލު ހިތްޕުޅަށް ގެންނަވާށެވެ. أبو جهل ޖަމަލަށް އަގެއް ކިޔައިފިއެވެ. އެޔާއެކު މުޅި ބާޒާރަށް އެ ޚަބަރު ފެތުރިއްޖެއެވެ. އެ އަގަށް ޖަމަލު ވިއްކާން زبيدى ދެކޮޅު ހެދިކަންވެސް އެންމެންނަށް އެނގިއްޖެއެވެ. أبو جهل ދެކެ އެންމެން ބިރު ގަނެއެވެ. އޭނާ ކިޔައިފައިވާ އަގަށް ވުރެ ބޮޑު އަގެއް ކިޔާކަށް އެކަކަށްވެސް ނުކެރުނެވެ. އެހެން ހަދައިފި ނަމަ ނުކުންނާނޭ ނަތީޖާ އެނގޭތީއެވެ. އޭނާގެ ރުޅިއާއި އަނިޔާވެރިކަމާ ކުރިމަތިލާކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ. އެހެންވީމާ އޭގެ ފަހުން އެކަކުވެސް އެ ޖަމަލުތައް ގަންނާކަށް ނޫޅުނެވެ. އެތައް އިރެއް ވާންދެން زبيدى އިންތިޒާރު ކުރިއެވެ. މީހަކު އައިސް އޭނާ ކިޔާ އަގަށް ޖަމަލު ގަނޭތޯ ބަލަން ހުރެހުރެ އެކަކުވެސް ނައެވެ. أبو جهل ދެކެ ގަންނާ ކުރައްވާ ބިރެއްގެ ސަބަބުންނެވެ.

އެހައި ތަނުން މިސްރާބު ޖެހީ މީހަކު އެކަލޭގެފާނަށް އެހީތެރި ނުވީ ނަމަވެސް، ބޭނުމެއް ޖެހިގެން އަންނަ ކޮންމެ މީހަކަށް އެހީތެރިކަން ދެއްވާ، އަޚްލާޤީ ނަމޫނާ އާ ދިމާއަށެވެ. އޭރު އެ މާތް ސާހިބާ محمّد صلّى الله عليه و سلّم އިންނެވީ مسجدالحرم ގައެވެ. އަރިހުގައި أبوبكر رضي الله عنه އާއި عمر رضي الله عنه އާއި سعد بن أبى وقّاص އާ ތިއްބެވިއެވެ.

بنو زبيد ގެ މި ވިޔަފާރިވެރިޔާ محمّد صلّى الله عليه و سلّم ގެ އަރިހަށް އައިސް ގޮވަން ފެށްޓިއެވެ. [އޭ قرييش ވަންހައިގެ މީހުންނޭވެ! ކަލޭމެންގެ ގާތަށް މުދާ ހިފައިގެން މީހަކު އަންނާނީ ކިހިނެއް ހެއްޔެވެ؟ ވިޔަފާރި ގާފިލާތައް އަންނާނީ ކިހިނެއް ހެއްޔެވެ؟ ވިޔަފާރިވެރިޔަކު ކަލޭމެންގެ ތެރޭގައި ގާއިމުވެ ހުންނާނީ ކިހިނެއް ހެއްޔެވެ؟ ކަލޭމެންގެ ކައިރިއަށް އަންނަ މީހުންނަށް ކަލޭމެން އެބަ އަނިޔާވެރި ވަމުއެވެ.]

އޭނާ ވަންހައިގެ އެކި ޖަމާޢަތްތަކުގެ މެދުގައި ހިގަމުން މި ގޮވެލި ފައްޗެއް ގޮވަމުން ދިޔައެވެ. އެއިން މީހަކު އޭނާގެ އަޑު އިވުނު ކަމަކަށްވެސް ނުހެދިއެވެ.

محمّد صلّى الله عليه و سلّم އޭނާޔާ ސުވާލު ކުރެއްވިއެވެ. (مَنْ ظَلَمَكَ؟) [ކަލެޔަށް އަނިޔާވެރިވީ ކާކު ހެއްޔެވެ؟]

أبو جهل އަނިޔާވެރިވީ ކަމުގައި އޭނާ ދެންނެވިއެވެ. އަދި ކަންތައް ހިނގައި ދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ދަންނަވައިފިއެވެ.

محمّد صلّى الله عليه و سلّم ސުވާލު ކުރެއްވިއެވެ. (أَيْنَ أَجْمَالُكَ؟) [ކަލޭގެ ޖަމަލުތައް ކޮބައި ހެއްޔެވެ؟]

زبيدى ދެންނެވިއެވެ. [ޖަމަލުތައް ވީ حزوة ގައެވެ.]

محمّد صلّى الله عليه و سلّم ތެދުވެ ވަޑައިގެން އަރިުހުގައި ވަޑައިގަންނަވާން އެހެން ބޭކަލުންނަށް އިޝާރާތް ކުރެއްވިއެވެ. އަދި زبيدى އާ އެކުގައި ޖަމަލުތައް ހުރި ތަނަށް، ބާޒާރަށް، ވަޑައިގެންފިއެވެ. ބެއްލެވި އިރު އެއީ ހަމަ ހަގީގަތުގައިވެސް ވަރަށް ރީތި ތިން ޖަމަލެވެ.

محمّد صلّى الله عليه و سلّم ސުވާލު ކުރެއްވިއެވެ. [މި ޖަމަލުގެ އަގަކީ ކޮބައި ހެއްޔެވެ؟] أبو جهل އަށް ހުށަހެޅި އަގު އޭނާ محمّد صلّى الله عليه و سلّم އަށް ދަންނަވައިފިއެވެ. އިތުރު އެކަލޭގެފާނު އެ އަގަށް ރުހިވަޑައިގެން، އަގު ދެއްވައިފައި ތިން ޖަމަލު ބައްލަވައިގެންފިއެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން އެ ޖަމަލުތައް ވިއްކަވާން محمّد صلّى الله عليه و سلّم ބާޒާރުގައި ޖާގަ ޖައްސަވައިފިއެވެ. މީހުން އައިސް ބަލައި އަގު އޮޅުންފިލުވަމުން ދިޔައެވެ. މާ ގިނަ އިރުތަކެއް ނުވެ ދެ ޖަމަލު ވިކިއްޖެއެވެ.

ދެ ޖަމަލު ވިކުނީ ކިހައި ވަރަކަށްތޯއެވެ؟ ދެ ޖަމަލު ވިކިގެން އެ ދިޔައީ އިތުރު އެކަލޭގެފާނު ތިން ޖަމަލަށް زبيدى އަށް ދެއްވި އަގަށެވެ.

ބާކީ އޮތް ޖަމަލަކީ ފައިދާއެވެ. ކުޑަ އިރުކޮޅެއް ފަހުން މީހަކު އައިސް އެ ޖަމަލުވެސް ގެންފިއެވެ. އިތުރު އެކަލޭގެފާނު އެ ޖަމަލަށް ލިބިވަޑައިގަތް އަގު ދެއްވީ بنو عبدالمطّلب ގެ ހުވަފަތް އަންހެނުންނަށެވެ.

زبيدى އަށް އޭނާގެ ހައްްު ލިބިއްޖެއެވެ. އޭނާ ރުހޭ އަގަށް ޖަމަލުވިއްކިއްޖެއެވެ.

އެކަމަކު އަދި އެހެން ކަމެއް އެބަ އޮތެވެ. އެއީ މުޖުރިމަށް ފިލާވަޅެއް ދެއްވުމެވެ. އެކަހަލަ ކަމެއް ދެން ނުކުރާނޭ ގޮތް ހެއްދެވުމެވެ. أبو جهل އޭރު ބާޒާރުގެ އެއް ފަރާތެއްގައި ހިމޭނުން، އިށީނދެގެން އިނެވެ. އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ތިމަންގެ ކުރިމައްޗަށް މިފަދަ ގޮތަކަށް محمّد صلّى الله عليه و سلّم ފިޔަވައި އެހެން މީހަކަށް އަންނާން ކެރޭނެ ބާވައޭ ހިތަށް އަރައިފައި ކަމުގައިވެސް ތޯއްޗެކެވެ. ޖެހި ބުދެއްހެން އެބަ އިނެވެ.

محمّد صلّى الله عليه و سلّم އޭނާގެ ކައިރިއަށް ވަޑައިގެން ބާރު އަޑުފުޅަކުން ޙަދީސް ކުރެއްވިއެވެ.

(يا عمرو! إِيَّاكَ أَنْ تَعُوْدَ لِمِثْلِ مَا صَنَعْتَ بِهذَ الْأَعْرابِىِّ فَتَراى مِنِّى مَا تَكْرَهُ)

[އޭ عمرو އެވެ! ރަށް ފުށުން އައި އެ މީހާޔާ މެދު ކަލޭ ކަންތައް ކުރި ގޮތަށް މީގެ ފަހުން ކަމެއް ނުކުރައްޗެވެ! ދެން އެކަހަލަ ކަމެއް ކޮށްފި ނަމަ އަހަރެންގެ ފަރާތުން ކަލޭ ދެކެން ނޭދޭ ފަދަ ކަމެއް ފެނިދާނެއެވެ.]

أبو جهل އަށް محمّد صلّى الله عليه و سلّم ފެނުމާއެކީ ބިރުން ފިތްކަނޑައިގެން ހިނގައްޖެއެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އަނގައިން ބުނާކަށް ނުކެރުނެވެ. ތެޅިގެންފައި ދަންނަވައިފިއެވެ. [އޭ محمّدގެފާނެވެ! މީގެ ފަހުން އެކަހަލަ ކަމެއް ނުކުރާނަމެވެ.]

އޭނާއަށް އިންޒާރު ކުރައްވައިފައި އިތުރު އެކަލޭގެފާނު އެނބުރި ވަޑައިގެންފިއެވެ.

ބާޒާރުގައި އެ ވަގުތު ތިބި މުޝްރިކުންނާއި أميّة بن خلف އާ، އައިސް أبو جهل ވަށައިގެން ޖަމާ ވެއްޖެއެވެ. އެ މީހުން ކިޔައިފިއެވެ. "އޭ أبوالحكم އެވެ! ކަލޭގެޔަށް ތިޔަވީ ކިހިނަކުން ހެއްޔެވެ؟ محمّدގެފާނުގެ ކުރިފުޅުމަތީގައި ކަލޭ ހާދަހާވާ ބޮޑަކަށް ފިނޑި ވެގެންފީމުއެވެ. ކަލޭ އެކަލޭގެފާނަށް ތަބާވީ ހެއްޔެވެ؟ ނޫނީ އެކަލޭގެފާނުގެ ސިހުރުގައި ކަލޭވެސް ހަމަ ރަނގަޅަށް ޖެހުނީ ހެއްޔެވެ؟] މި ވާހަކަތަކުގެ ޖަވާބުގައި أبو جهل ބުންޏެވެ. [ކަލާނގެ ގަންދީ ބުނަމެވެ. ތިޔަ ކަހަލަ އެއްވެސް ކަމެއް ވީއެއް ނޫނެވެ. އަހަރެން އެކަލޭގެފާނަކަށް ތަބައެއް ނުވާނަމެވެ. އަހަރެން ބަލިކަށިވީ އެކަލޭގެފާނުގެ ސިހުރު ފެނިފައެވެ. އެކަލޭގެފާނުގެ ދެ ފަރާތްޕުޅުގައި ނޭޒާ ހިފައިގެން ތިބި ބަޔަކު އަހަރެން ދުށީމެވެ. އެ މީހުންގެ ނޭޒާތައް އަމާޒު ކުރެވިފައި ހުރީ ސީދާ އަހަންނަށެވެ. އަހަރެން محمّدގެފާނާ ދެކޮޅު ހެދި ނަމަ އެ ނޭޒާތަކުން އަހަރެންގެ މޭ ފޫ އަޅުވައިލީސް ކަން ކަށަވަރެވެ.][1]

[1] أنسات الأشراف: 1/146-147، و ستل الهدى والرشاد: 2/420

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.