އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޝާހިދު ޢަލީ އަޔަން ކުރައްވައިފައެވެ. އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހ. ސަންދަލީގެ، ޙަސަން މުޣުނީ އައްޔަން ކޮށްފި ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ވިދާޅުވެއްޖެއެވެ. ހަސަން މުޣުނީ އަކީ ކުރިން ވެސް އެމަޤާމް ފުރުއްވި ބޭފުޅެކެވެ.
ޝާހިދު ޢަލީ އެމްޕީއެލްގެ އެމްޑީއަކަށް ހަމަޖެއްސެވީ ކޯލިޝަންގެ މައިޕާޓީގެ އެމްޑީޕީގެ ސްލޮޓެއްގައެވެ. ސްޓެލްކޯއަށް މުޣުނީ ހަމަޖެއްސެވީ ޖޭޕީގެ ސްލޮޓެއްގައެވެ.
އައު ސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު ކުންފުނިތަކުގެ އިސްވެރިން ވަކިކުރެއްވުމަށްފަހު މިހާރު ގެންދަނީ އައު ބޭފުޅުން އައްޔަން ކުރައްވަމުންނެވެ. އެގޮތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް ވަނީ މުޙައްމަދު ރިޒްވީ އައްޔަން ކުރައްވައިފައިފައެވެ. އަދި އެސްޓީއޯގެ އެމްޑީއަކަށް ވަނީ ޙުސައިން ޢަމްރު އަޔަން ކުރައްވައިފައެވެ. އޭނާއަކީ ކުރިން އެމްޓީސީސީގެ އެމްޑީ ކަން ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އާދަމް ޢާޒިމް ވަނީ އައްޔަން ކުރައްވައިފައެވެ.
އަދި ވެސް އެމްޑީން ހަމަނުޖައްސަވާ ހުރި ކުންފުނިތައް އެބަހުއްޓެވެ. ވަރަށް އަވަހަށް އެކުންފުނިތަކަށް ވެރިން ލައްވާނެ ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.