ސަރުކާރުގެ އިސްވެރީންނާއި ޢިއްޒަތްތެރީން ރަށް ރަށަށް ޒިޔާރަތް ކުރެއްވުވުމުން މަރުޙަބާ ދެންނެވުމަށް ސްކޫލް ދަރިވަރުން ބައިވެރި ނުކުރާން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގަވައިފިއެވެ.
އެޑިއުކޭޝަން މިނސްޓަރ ޑރ. ޢާއިޝަތު ޢަލީ ސޮއި ކުރައްވައި މިއަދު މިނިސްޓްރީ އިން ނެރުއވި ސާރކިއުލަރ ގައި ބުނެފައިވަނީ ސަރުކާރުގެ އިސްވެރީންނާއި ޢިއްޒަތްތެރީން ރަށްރަށަށް ކުރައްވާ ދަތުރުފުޅު ތަކުގައި މަރްޙަބާ ދެންނެވުމަށް ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އޭގެ ސަބަބުން ދަރުވަރުންގެ ޞިއްޙަތަށް ނޭދެވޭ އަސަރުކޮށް އުނދަގޫ ތަކާއި ކުރިމަތިވާ ކަމެއް ކަމުގައެވެ. އަދި އެއީ ދަރިވަރުންނާއި ބެލެނިވެރީނގެ ވަގުތުތަކެއް ގެއްލިގެންދާ ކަމަކަށްވަތީ އާއި އެގޮތަށް ދަރުވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރެއްވުމަށް ދަންނަވާ ކަމަށެވެ.
ރަށްރަށަށް ވަޑައިގަންނަވާ ޢިއްޒަތްތެރީންނަށް މަރްޙަބާ ދެންނެވުމަށް ދަރިވަރުން ނެރުމަކީ ދުވަސްވީ ސަގާފަތެކެވެ، ހޮނިހިރު ދުވަހު ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ދިއްފުށްޓަށް ވަޑައިގަތުމުން މަރްޙަބާ ދެންނެވުމަށް ވެސް ސްކޫލް ދަރިވަރުން ނެރެފައިވެއެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. މިނިސްޓްރީ ގެ ނިންމެވުމަށް ގިނަބަޔަކު ދަނީ ތަޢުރީފު ކުރަމުންނެވެ.