އަންނަ އަހަރު މާރިޗުމަހު ފަހުކޮޅު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިސް އިންތިޚާބުގައި ހިމެނޭ 87 ދާއިރާއަށް ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
އެމްޑީޕީން މިގޮތަށް ނިންމެވީ މާބްލް ހޮޓަލުގައި މިރޭ ބޭއްވި އެޕާޓީގެ 169 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާއިންނެވެ. އެމްޑީޕީން ހުރިހާ ދާއިރާއެއްގެ ގޮނޑިއަށް ވާދަކުރުމަށް ހުށަހެޅީ އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނުގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒެވެ. މި ހުށަހެޅުން ފާސްވީ ޖަލްސާގައި ބައިވެރިވި 80 މީހުންގެ ތެރެއިން 79 މީހުން ތާއިދު ލިބިގެންނެވެ.
މިއީ އެންމެ ފުރަތަމަ ވެސް ރައީސް ނަޝީދު ބޭނުންފުޅުވި ގޮތެވެ. ޤައުމީ މަޖިލީހުގެ މި ނިންމުމަކީ ކޯލިޝަން ދަމަހައްޓަން ބާރު އަޅަމުން އެމްޑީޕީގެ މަސްލަޙަތާއި މަންފާއަށް އިސްކަންދީގެން ނިންމި ނިންމުމެކެވެ.
ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ކައުންސިލް މެމްބަރަކު ވިދާޅުވީ އެމްޑީޕީގެ މި ނިންމުމުގެ ސަބަބުން ކޯލިޝަންވެސް ރޫޅައިލީ ކަމަށް ބެލެވިދާނެ ކަމަށެވެ. "އެމްޑީޕީގެ މި ނިންމުމަކީ ކޯލިޝަން ރޫޅައިލިކަން އަންގައިދިން ކަމެއް ކަމަށް ބެލެވޭ. އެހެންވީމާ އެހެން ޕާޓީތަކުން ވެސް ހުރިހާ ދާއިރާއަކަށް ވާދަކުރާނެ ކަމަށް ބެލެވެނީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ކޮލިޝަނަކުން އައިސް ސަރުކާރަކަށްވުމުން ކޯލީޝަންގެ އެހެން ޕާޓީތަކުގެ މިނިސްޓަރުންނާއި އިސް މީހުން ސަރުކާރުގައި އެބަތިބި ކަމަށެވެ. އެމީހުންނާ މެދު ގޮތްނިންމަން އެނގިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށް ވެސް އެނާ ވިދާޅުވިއެވެ.
އެބުނާ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ އިބޫ އާއި ހަސަން ލަތީފައި. އެހެންވީމާ ކޯލިޝަންގައި ތިބީ އެ ދެމީހުން އެކަނިތަ؟ އެހެން ބައެއް ނެތްދޯ؟ އެއީ އެއްބަސްވުމެއް ނޫން. އެއީ ހުށަހެޅުމެއް. އެއްބަސްވުމެއް ނަމަ 4 ޕާޓީގެ ފަރާތުން ސޮއިކޯށްފައި އޮންނާނެ.