ތިންވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓް ރާއްޖޭގައި ބޭއްވުމަށް ނިންމައި އެއްބަސް ވުމުގައި ސޮއި ކޮއްފިއެވެ.
މިކާމާ ގުޅޭގޮތުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަޙުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ތިންވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭއިސް) ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން މި ސަމިޓް އިންތިޒާމު ކުރާ އިންޓަނޭޝަނަލް ޔޫތު ކޮމެޓީ (އައިވައިސީ) އާއި އެކު ވަނީ އެއްބަސް ވުމެއްގައި ސޮއި ކުރައްވައިފައި ކަމަށް ވެސް ވިދާޅުވިއެވެ.
މި ސަމިޓް ރާއްޖޭގައި ބޭއްވިގެން ދިއުމަކީ ރާއްޖޭގެ ޒުވާނުން ބާރުވެރި ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި ބާއްވާ ސޭއިސް ސަމިޓް މާލޭގެ ބަދަލުގައި ރާއްޖޭގެ ރަށެއްގައި ބޭއްވަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި މިއަންނަ އަހަރު ބާއްވާ މި ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 150 އާއި 200 އާ ދެމެދުގެ ޢަދަދަކަށް މީހުން ބައިވެރި ވާނެ ކަމަށް މިނިސްޓަރ އުންމީދު ކުރައްވައެވެ.
ދެވަނަ ސޭއިސް ސަމިޓުގައި ބައިވެރި ވުމަށް މިނިސްޓަރ މަހުލޫފް ވަނީ ލަންކާއަށް ވަޑައިގެންފައެވެ.
ސޭއިސް ސަމިޓް އަކީ އިންޓަނޭޝަނަލް ޔޫތު ކޮމެޓީ (އައިވައިސީ) އިން އިންތިޒާމު ކޮށްގެން ދެކުނު އޭޝިއާގެ ޒުވާނުންނަށް އަމާޒުކޮއްގެން ބާއްވާ ސަމިޓެކެވެ. އައިވައިސީގައި ރާއްޖެ ތަމްސީލު ކުރަނީ ރަފީ އެންޖީއޯގެ ފަރާތުންނެވެ. މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ފަންސާސް ޒުވާނުން ހިމެނޭ ވަފުދެއް އަންނަނީ ބައިވެރިވަމުންނެވެ.