ދީނާއި ސައިންސް (15)

(16 ނޮވެމްބަރު  2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިންސާނާގެ މުޅި ޒާތާއި ގުނަަވަންތަކާއި އޭނާޔާ ޚާރިޖީ ދުނިޔެއާ އޮންނާ ގުޅުން ފުރިހަމައަށް ދެނެގަނެވޭނޭ އެއްވެސް ޒަރީޢާއެއް އަަޅުގަނޑުމެންނަކަށް ލިބިފައެއް ނެތެވެ. އަމިއްލަ ޒާތު ދިރާސާކޮށް ހާމަ ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ތަފާތު އެތައް ފަންނީ ހުނަރެއްގެ ބޭނުން ކުރާން ޖެހެއެވެ. އަދި ތަފާތު އެތައް އިލްމެއްގެ ބޭނުންވެސް ހިފާން ޖެހެއެވެ. އިލްމީ އެކި ދާއިރާ ތަކުން މި ދެންނެވި ކަންތައްތައް ދެނެގަތުމަށްޓަކައި ކުރާ މަސައްކަތުން ނެރޭ ނަތީޖާ ތަފާތެވެ. ހުރިހައި އިލްމަކަށް އެއްބަސްވެވޭ އެއް ތަސައްވުރެއް ގާއިމެއް ނުކުރެވެއެވެ. އިލްމުވެރިން އެމީހުންގެ މަސައްކަތުގައި ބޭނުން ކުރަނީ އިންސާނާގެ ފުށުން ދެނެގަނެވޭ ކަންތައްތަކެވެ. މި ކަންތައްތައް އެއްކޮށްލީމާވެސް ލިބެނީ ފުރިހަމަ ހަގީގީ މައުލޫމާތު ކަމުގައި ބެލެވޭ ވަރަށްވުރެ މާ މަދު މައުލޫމާތުކޮޅެކެވެ. އެމީހުންނަށް ނުހޯދޭ ނުވަތަ ނޭނގޭ ކަންތައްތަކެއްގެ ގޮތުގައި ބާކީ ހުންނަ ކަންތައްތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ މާ މުހިއްމު ކަންތައްތަކެކެވެ. ތަޝްރީޙީ އިލްމު (Anatomy) އާއި ކީމިޔާއީ އިލްމު (Chemistry) އާއި ފިޢުލިއްޔާތު (physiology) އާއި ނަފްސިއްޔާތު (Psychology) އާއި ތަޢުލީމާތު (Pedagogy) އާއި ތާރިޚް (History) އާއި އިޖްތިމާޢިއްޔާތު (Sociology) އާއި ސިޔާސީ އިގްތިސާދިއްޔާތު (Political Economy) އިންވެސް އެ ދާއިރާތަކުގެ ދިރާސާތަކާއި ހޯދުންތައް ފުރިހަމަ ކޮށްފައެއް ނުވެއެވެ. ޚާއްސަ ދާއިރާތަކުގެ މާހިރުންނަށް ހޯދިފައިވާ އިންސާނާއަކީ ހަގީގީ އިންސާނާއާ އެތައް މޭލެއްގެ ދުރުގައިވާ އިންސާނެކެވެ. އެއީ އަޅުގަނޑުމެން ގަބޫލު ކުރާ އެތައް "ނަމޫނާ"އެއް ހިމެނޭ އެއް ނަމޫނާއެވެ. އެ "ނަމޫނާ" ތަކަކީ މި ދެންނެވުނު ދާއިރާތަކުގެ އިލްމުވެރިން އެކި ގޮތްގޮތަށް ހޯދައި ގާއިމުކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާވާ ނަމޫނާތަކެކެވެ.

އިންސާނާއަކީ ތަޝްރީޙީ އިލްމުވެރިން ފަޅައި ކޮށާ މައްޔިތެކެވެ. އެއީ ނަފްސިއްޔާތުގެ އިލްމުވެރިންނާއި ބޮޑެތި ރޫޙާނީ އުސްތާޒުން ބަލައި އިހްސާސްކުރާ ޝުޢޫރުތަކެކެވެ. އިންސާނާގެ ޝަޚުސިއްޔަތަށް ފުންކޮށް ބަލައިލީމާ ފެންނަނީ އަމިއްލަ ޒާތުގައި ފޮރުވި ފަރުދާ ކުރެވިފައިވާ އިންފިރާދީ ހައިސިއްޔަތެކެވެ. އެއީ ކީމިޔާއީ މާއްދާތަކާއި ފަށަލަތަކެއް އެކުލެވޭ ހަށިގަނޑެކެވެ. އެއީ ހައިރާންކުރުވަނިވި ފަދަ ގޮތަކަށް އެކުލެވިފައިވާ ހަތާތަކެއްގެ މަޖްމޫޢާއެކެވެ. ހަކަތައާއި ޣިޒާ ލިބިނެވި ދިޔަވަރުތަކެކެވެ. މި ހުރިހައި ތަކެއްޗަކީ ފިޢުލިއްޔާތުގެ އިލްމުވެރިން ދިރާސާކޮށް ތަހުލީލުކުރާ ތަކެއްޗެވެ. ތަޢުލީމާތުގެ އަހުލުވެރިންނާއި ސިއްހީ ދުޅަހެއުކަމުގެ ދިރާސާތައް ކުރާ މީހުން ގެންދަނީ އިންސާނާގެ ހަށިގަނޑުގައި އެކުލެވޭ ފަށަލަތަކާއި މާއްދާތައް ދިރާސާކޮށް އެ ތަކެތި އުފެދެމުން ޒަމާނުގެ ތެރެއަށް ތަހުލީލު ވެގެންދާ ގޮތް ބަލައި އުއްމީދުން ފުރިފައިވާ ތަރައްގީއެއް ގެނެސްދެވޭތޯ މަސައްކަތް ކުރަމުންނެވެ. އިންސާނާއަކީ ގެވެހި މަޚްލޫގެކެވެ. އޭނާ އެ ތަކެތީގެ އަޅެއް ކަމުގައިވާ މެސެނުތައް ދިރިދެމެހެއްޓުމުގެ މަސައްކަތް ކުރަނީ އޭނާ އަމިއްލައަށެވެ. އެއީ އެ މެސެނު ތަކުން އުފައްދާ ތަކެތި ބޭނުން ކޮށްގެންނެވެ.

އިންސާނާއަކީ ޝާއިރެކެވެ. ބަތަލެކެވެ. ވަލީވެރިއެކެވެ. އިންސާނާއަކީ ހަމައެކަނި ސިއްރުން ފުރިފައިވާ އަދި ސައިންސްވެރިން ފަންނީ ހުނަރުތަކުގެ ބޭނުން ކޮށްގެން ކެނޑިނޭޅި އޭނާގެ ހަގީގަތް ދެނެގަންނާން މަސައްކަތް ކުރާ އާދަޔާ ޚިލާފު މަޚްލޫގެއް ކަމުގައި ވަނީއެއް ނޫނެވެ. އޭނާއަކީ ޚުދު އޭނާ ފަދަ އިންސާނުންގެ ގިޔާސް ކުރުންތަކާއި އެދުންތަކުގެ އަމާޒުވެސް މެއެވެ. އިންސާނާ އޭނާގެ އަމިއްލަަ ހަގީގަތް ދެނެގަނެވޭތޯ ގަދައަޅައި މަސައްކަތް ކުރަމުން ދާ ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެކި ޒަމާނުގައި އެކި ފަލްސަފާވެރިންނާއި ޝާއިރުންނާއި ދަންނަބޭކަލުންގެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާން އެބަހުއްޓެވެ. އެކަމަކު އެއިން ކޮންމެ ހޯދުމަކުންވެސް އަޅުގަނޑުމެންނަށް އެނގިފައި ވަނީ އަޅުގަނޑުމެންގެ ޒާތާ ބެހޭ ވަރަށް ކުޑަ މިންވަރެކެވެ. އިންސާނާގެ މުޅި ހަގީގަތެއް ހަމަ އެއްގޮތަކަށްވެސް ހޯދިފައެއް ނެތެވެ. އަޅުގަނޑުމެންނަށް އިންސާނާ އެނގެނީ އެކި ދާއިރާތަކުގެ އިލްމުގެ އަލީގައި ހޯދިފައިވާ ވަކި މައުލޫމާތުގެ ގޮތުގައެވެ. އެ މައުލޫމާތުތަކަކީވެސް އަޅުގަނޑުމެން އަމިއްލައަށް އުފައްދާ ތަރުތީބަކުން އަމިއްލަ ގޮތަކަށް ކުރަމުން އައި މަސައްކަތުގެ ނަތީޖާއެވެ. ވުމާއެކު ކޮންމެ މީހަކަށްވެސް އިންސާނާ އެނގެނީ އެ މީހެއްގެ އަގީދާއާއި އިހްސާސްތައް ބުނެދޭ ގޮތަކަށެވެ. ސޯޑިއަމް ކްލޮރައިޑަކީ ވަހެއް ކުލައެއް ނުހުންނަ އެއްޗެއް ކަމަށް މާއްދިއްޔަތުގެ އަހުލުވެރިންނާއި ދަންނަބޭލަކުން، ޚިޔާލު ތަފާތު ވުމެއް ނެތި އެއްބަސްވެއެވެ. އެކަމަކު އިންސާނާއަކީ ކޮބައިކަން ބުނެދޭން ބޭނުން ކުރާ އުސޫލުތަުގެ މައްޗަކަށް މި ދެބައިމީހުން އެއްބަހެއް ނުވެއެވެ.

ހަގީގަތުގައި އަޅުގަނޑުމެންގެ ނޭނގުން ވަރަށް ބޮޑެވެ. އިންސާނާގެ ހަގީގަތާ މެދު ދިރާސާކުރާ މީސްމީހުން ޖަވާބެއް ނުލިބޭ އެތައް ސުވާލެއް އަމިއްލަަ ނަފުސާ ކުރެއެވެ. އަޅުގަނޑުމެންގެ [އެތެރޭގެ ދުނިޔޭގެ] ގިނަ ކަންތައްތައް އަދިވެސް ވަނީ ނޭނގުމެއްގެ ތެރޭގައެވެ. ހަތައެއްގެ ސިއްރުތަކުން ފުރިފައިވާ ފަދަ ގޮތަކަށް އޭނާގެ ނަސްލުގެ ހައިސިއްޔަތު އުފެއްދުމަށްޓަކައި ކީމިޔާއީ އުންސުރުގެ މޮލެކިއުލްތައް ގުޅިގަންނަނީ ކިހިނެއްތޯއެވެ؟ އިންސާނާގެ ޖީންގައި ހިމެނޭ ދިރޭ އޯވިއުމްގެ ނިއުކްލިއަސް އިން އޭނާގެ ޝަޚްސިއްޔަތުގެ ސިއްރުތައް ކަނޑައަޅަނީ ކިހިނެއްތޯއެވެ؟ ފަށަލަތަކާއި ގުނަވަންތައް ފަދަ އެކި ޖަމާއަތްތަކަށް ބަދަލު ވަމުންދާ ފަދަ ގޮތަކަށް ހަށިގަނޑުގެ ހަތާތައް އިންތިޒާމު ވެގަންނަނީ ކިހިނެއްތޯއެވެ؟ މި ދެންނެވުނު ޖަމާއަތުގައި ހިމެނޭ ކޮންމެ ހަތައެއްމެ، އެ ހަތައެއްގެ ދައުރު ވަރަށް ރަނގަޅަށް ދަނެއެވެ. ހިންޏާއި ކުޅަނދުރުފަދަ ތަކެއްޗަށް އެ ތަކެތީގެ ދައުރު އެނގޭ ފަދައިންނެވެ. އަދި ފޮރުވިފައިވާ ހަމަތަކެއްގެ މަތީން މި ދެންނެވުނު ފަދަ ޖިސްމާނީ ނިޒާމެއް ގާއިމު ކުރެއެވެ. ބައެއް ފަހަރަށް އެ ނިޒާމުގެ ހަމަތައް ދެނެގަނެވޭ ވަރަށް ތިލައެވެ. އަދި ބައެއް ފަހަރަށް ފުންމިން ނޭނގޭ ވަރަށް އުނދަގޫ ނިޒާމަކަށް ވެދެއެވެ. ފިޢުލިއްޔާތީ ވަގުތާއި ނަފްސިއްޔާތީ ވަގުތަށް ބަލާއިރު އަޅުގަނޑުމެންގެ ދިރިހުރުމުގެ މުއްދަތަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެންނަކީ ފަށަލަތަކާއި ގުނަވަންތަކާއި ދިޔަވަރާއި ޝުއޫރުގެ މަޖުމޫއާއެއްކަން އަޅުގަނޑުމެން ދަންނަމުއެވެ. އެކަމަކު ޝުއޫރާއި ސިކުނޑިއާ ހުންނަ ގުޅުމަކީ އަދިވެސް ބޮޑު ސިއްރެކެވެ. ނާރުގެ ހަތާގެ ފިއުލިއްޔާތުގެ ވަރަށް ކުޑަ މިންވަރެއް ނޫނީ އަޅުގަނޑުމެންނަކަށް ހޯދިފައެއް ނެތެވެ. އިންސާނާގެ ގަސްތުގެ ބާރުގެ ސަބަބުން (ނުވަތަ ކަމެއް ކުރާން ނުވަތަ ނުކުރާން ގަސްތު ކުރުމުން) ޖިސްމާނީ ނިޒާމަށް އަންނަ ބަދަލަކީ ކޮބައިތޯއެވެ؟ ސިކުނޑީގެ ނާރުތަކަށް އަންނަ ބަދަލެއްގެ ސަބަބުން ބުއްދިއަށް އަސަރު ކުރަނީ ކިހިނެއްތޯއެވެ؟ ބުއްދިއާއި ސިކުނޑި ވަނީ ގުޅިފައެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ގޮތަށް އިންސާނާ ބޭނުންކުރާ ކާާނާއިން ފޯރުކޮށްދޭ ކީމިޔާއީ މާއްދާތަކާއި، ފެނާއި ވަޔާއި، ފިއުލިއްޔާތީ އަދި އަޚްލާގީ ތަރުތީބުގެ ޒަރީއާއިން ޖިސްމާނީ އަދި ބުއްދީގެ ޚާސިއްޔަތުތައް ކަނޑައެޅި ވާރުތަވާ ފަދަ ގޮތަކަށް ފަރުދުންނަށް ލިބި، ބަދަލު ވަމުންދަނީ ކިހިނެއްތޯއެވެ؟

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.