ފައިސާ ނުލިބޭ ކަމަށްވާނަމަ ރައީސްގެ ހެޔޮފުޅުކަމެއް ނުފެންނާނެ: މަސްވެރިން

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާ ކަމަށްވާނަމަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ހެޔޮފުޅު ކަމެއް ނުފެންނާނެ ކަމަށް ގެމަނަފުށީގެ މަސްވެރިން ބުނެފިއެވެ.

ގެމަނަފުށީ މަސްވެރިންގެ ފަރާތުން މިހެން ބުނީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު އެރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި މަސްވެރިން އެންމެބޮޑަށް ޝަކުވާ ކޮށްފައިވަނީ މިފްކޯއަށް މަސްކިރާފައި ފައިސާ ނުލިބޭތީ އެ ޝަކުވާއެވެ. "މަސްވެރިންނަށް ލާރި ނުލިބި ދެހަފްތާ ތިންހަފްތާ ވަންޏާ އިބޫ ޞާލިޙުގެ ހެޔޮފުޅުކަމެއް މަސްވެރިންނަށް ނުފެންނާނެ،" މަސްވެރިއަކު ބުންޏެވެ. އެއަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެކަންކަން ސަރުކާރުން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އެކަންކަން ދާއިމީގޮތެއްގައި ޙައްލު ކުރެވޭނީ ކުންފުނި ހިންގުން ހަރުދަނާކޮށްގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނޫނީ އަބަދުވެސް ސަރުކާރަށް ޖެހިފައި އޮންނާނީ މިހާރުވެސް ދޭ އުސޫލުން ފައިސާ ދޭން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ މިދިޔަ ބުދަ ދުވަހާ ހަމައަށް މަސްވެރިންނަށް މިފްކޯއިންދޭން ޖެހޭ ފައިސާ ދިނުމަށް ސަރުކާރުން ވަނީ 37 މިލިއަންރުފިޔާ މިފްކޯއަށް ދެއްވައިފައި ކަމަށެވެ. މި ފައިސާ ދިނުމުން ބުދަދުވަހާ ހަމައަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

 އެކަމަނާ ވިދާޅުވީ ކޫއްޑޫ ވެސް ވަނީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށެވެ. އެކަންކަން ރަނގަޅުކޮށް ކުންފުނި ހިންގުން ހަރުދަނާ ކުރައްވައިގެން މެނުނީ މިހާރު ހުރި މައްސަލަތައް ޙައްލު ކުރައްވަން ފަސޭހަ ނުވާނެ ކަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.