ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ނައިބު ރައީސް އަދި ވިލުފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ރިޔާޒް ރަޝީދު ވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ.
ރިޔާޒު ވިދާޅުވީ އޭނާ ޖޭޕީއަށް ސޮއިކުރެއްވީ ކުރީގެ ރައީސް ޢަބްދުﷲ ޔަމީނާއި، ޕީޕީއެމްގެ އެހެން މެމްބަރުންނަށް ވެސް އެކަން އެންގެވުމަށްފަހު ކަމަށެވެ. ރިޔާޒު ރަޝީދު ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު އޭނާގެ މެމްބަރޝިޕް ފޯމުވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާ ޙަވާލު ކުރައްވައިފައެވެ. އޭނާ ޖޭޕީއަށް ސޮއިކުރެއްވުމުން އެޕާޓީގެ މެމްބަރުންގެ ޢަދަދު 20 އެރީއެވެ. އެމްޑީޕީގެ މެމްބަރުންގެ ޢަދަދަކީ 19 އެވެ. އެހެން ކަމުން މިރެއިން ފެށިގެން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށްވާނީ ޖޭޕީއެވެ. އަދި މައިނޯރިޓީ ލީޑަރަކަށްވާނީ ޖޭޕީގެ ޕީޖީ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒެވެ. ކުރީން މައިނޯރިޓީ ލީޑަރަކީ އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމެވެ.
މަޖިލީހުގެ މެންބަރުންނަށް ބަލާއިރު ޖޭޕީގައި މިހާރު ތިބީ 20 މެމްބަރުނެވެ. އެމްޑީޕީގައި 19 މެމްބަރުންނެވެ. އެމްޑީއޭގައި 4 މެމްބަރުންނެވެ. ޕީޕީއެމްގައި 28 މެމްބަރުންނެވެ. ޢަދާލަތުގައި އިންނެވީ އެންމެ މެމްބަރެކެވެ. ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 7 މެމްބަރުން އެބަ ތިއްބެވިއެވެ.
ރިޔާޒު ޖޭޕީއަށް ސޮއިކުރެއްވުމުން އެޕާޓީގެ ލީޑަރު ޤާސިމް ވަނީ ރިޔާޒަށް މަރުޙާބާ ވިދާޅުވެފައެވެ. އެއީ ވަރަށް ބޭނުންވެފައި ހުރިކަމެއް ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ޖޭޕީއަށް ސޮއިކުރެއްވީ އަމިއްލަ އެދުމެއްގެ ބަދަލުގައި ރައްޔިތުންގެ ޙައްގުގައި ކަމަށެވެ. އޭނާ ބޭނުންވަނީ ވިލުފުށީދާއިރާގައި ފަށައިފައިވާ ތަރައްގީގެ މަސައްކަތްތައް ނިންމަވަން ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވެސް ވިލުފުށީ ދާއިރާއަށް ކުރިމަތި ލައްވައި ބޮޑު އަޣުލަބިއްޔަތަކުން ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށެވެ.