ބޭރު ޤައުމެއްގެ ޢަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދުމުގެ ފުރުސަތު ނުދޭނަން: ޝާހިދު

ދިވެހި ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ޢަސްކަރީ މަރުކަޒެއް ހެދުމަށް އެއްވެސް ޤައުމަކާއެކު އެއްބަސް ނުވެވޭނެ ކަމަށެވެ.

"ރާއްޖޭގައި އެއްވެސް ބޭރު ޤައުމެއްގެ ޢަސްކަރީ މަރުކަޒެއް ހަދާކަށް ފުރުސަތެއް ނުދެވޭނެ. އެފަދަ އެއްބަސްވުމެއް އެއްވެސް ޤައުމަކާ ނުކުރެވޭނެ،" މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭރުގެ އެހީ ހޯދަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫ ނާރާ ގޮތަށް ކަމަށެވެ. "ރާއްޖެއަށް ބޭރުގެ އެހީ ހޯދަނީ ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤުލާލަށް ބުރުލެއް ނާރާނެ ގޮތުގެ މަތިން،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދު މިގޮތަށް ޓްވީޓް ކުރެއްވީ ޒަމާނުއްސުރެ ރާއްޖެ އެންމެ ގާތްކޮށް ބަލަމުންއައި އިންޑީއާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ދުރުކަން ނައްތާލައި ކުރިން ވެސް އޮތް ގުޅުން ޤާއިމް ކުރުމަށް މިސަރުކާރުން ފެއްޓެވި މަސައްކަތްތަކަށް ބައެއް މީހުންގެ ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މިދުވަސްވަރަކީ ރާއްޖޭގައި އިންޑީއާ ސިފައިން ދާއިމީކޮށް ބައިތިއްބައިފި ކަމަށްވާނަމަ ތަރައްޤީގެ މަޝްރޫޢުތަކަށް ލޯނާއި އެހީގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް 1 ބިލިއަން ޑޮލަރުދޭން އިންޑިއާއިން ދިވެހި ސަރުކާރަށް ހުށަޅައި އެކަން ސަރުކާރުން ޤަބޫލުވެސް ކުރައްވައިފި ކަމުގެ އަޑުތައް ވެސް ފެތުރިފައިވާ ދުވަސްވަރެކެވެ.

މިކަމަށް ވަރަށްގިނަ ދިވެހިން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެމީހުން ބުނަނީ ދާއިމީކޮށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭގޮތް ހެއްދެވުމަކީ އިންޑިއާގެ ޢަސްކަރީ މަރުކަޒެއް ރާއްޖޭގައި ޤާއިމް ކުރުން ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.