ރޯދަމަހު ދުވާލު ކެއި ބަޔަކު ހައްޔަރުކޮށްފި

20160607_105949

ރަމްޟާންމަހު ދުވާލުގެ ވަގުތު ކާންތިބި 3 މީހުން ގއ. ގެމަނަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަޙްޤީޤު ކުރަން ފަށައިފިއެވެ.

2016 ޖޫން 06 ވަނަ ދުވަހުގެ 13:15 ހާއިރު ގއ.ގެމަނަފުށި އިރުދެކުނުފަރާތު  އަތިރިމަތީގައި ރޯދަމަހު ދުވާލު ރޯދަ ނުހިފައި ބަޔަކު މީހުން ކާންތިބި ކަމުގެ މަޢުލޫމާތު ލިބިގެން، ގއ.ގެމަނަފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެސަރަޙައްދަށްގޮސް ކުށުގެ ވެށިން ވަނީ ދިވެހި 3 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނަކާއި، 18 އަހަރުގެ ފިރިހެނެކެވެ.

މި 03 މީހުން ބަންދާމެދު ގޮތެއްނިންމުމަށް ގއ.ގެމަނަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ދެއްވާފައެވެ.

މިމައްސަލާގައި ގެމަނަފުށި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 03 މީހުންގެ ތެރެއިން 02 މީހުންނަކީ މީގެ ކުރިންވެސް ކުށުގެ ރެކޯރޑް އޮންނަ ދެމީހުންނެވެ.

މިމައްސަލަ ގެމަނަފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.

ރަމްޟާންމަހު ދުވާލުގެ ވަގުތުތަކުގައި ރޯދަ ނުހިފައި ކާން ތިބުމަކީ ކުށަކަށްވީއިރު އެފަދަ ކުށްތަކަށް އަރައިނުގަތުމަށް އިލްތިމާސް ކުރަމެވެ. އަދި ރޯދަމަހު ދުވާލުގެ ވަގުތުތަކުގައި ކާންތިބޭ ކަމުގެ މަޢުލޫމާތު ލިބޭނަމަ އެފަރާތަކުން ފުލުހުންނަށް އެކަން އަންގައިދިނުމަށް އިލްތިމާސް ކުރަމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.