ގދ. ވާދޫގައި މިރޭ ވިހެއި ތުއްތު ކުއްޖާއަށް އެއްވެސް އަނިޔާއެއް ކޮށްފައި އަދި މަރާލަން ވެސް އުޅެފައި ނުވާކަމަށް ކަށަވަރު ވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެންމީހާ ބަލިވެއިން ކަމެއް އެއްވެސް މީހަކަށް ވެސް ނޭނގެއެވެ. އެހެންނަމަވެސް މިރޭ އޭނާ ބަނޑުގައި ރިއްސަން ފެށުމުން އޭނާ ވަނީ އަވަށްޓެރިއެއްގެ އެހީ ހޯދައިފައެވެ. އޭނާ އެ އެހީހޯދީ ބަނޑުގައި ރިއްސައިގަތް ވަގުތު އެގޭގައިހުރި ކުޑަ ކުއްޖަކު މެދުވެރިކޮށް އެކުއްޖޭގެ މަންމަށް އަންގައިގެންނެވެ.
"އެވަގުތު އެގޭގައިހުރި ކުޑަ ކުއްޖެއްގެ ގާތު އެ އަންހެން މީހާބުނީ މަންމަ ގާތު ގޮސް ބުނެބަލާށޭ ދައްތަ ބުންޏޭ އައިސް ބަލާށޭ. އެ އަވަށްޓެރި މީހާ އެގެއަށް އައިއިރު މާބަނޑު މީހާވީ ހުރީ ފާޚާނާގައި. އޭނާ ނުކުތް އިރު ކުރިންހުރި ބަނޑު ވެސް ނެތް. އަވަށްޓެރިޔާ ސުވާލުކުރުމުން އޭނާ ބަނޑު ބޮޑުކަމާއި އަމިއްލައަށް ވިހެއި ކަމާއި މިވާހަކަތައް ކިޔައިދިން. ކިޔައިދިނީމައި އެމީހާ ހީކުރީ ކުއްޖާ ފާޚާނަ ތަށްޓަށްލީ ކަމަށް. އާފަތިހަށް މަޢުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނީ އެ އަންހެން މީހާ ފާޚާނާއިން ނުކުތީ ކުއްޖާ ބަލިދީ ތެރޭގައި ބާއްވާފައި ފާޚާނާ ވެސް ދޮވެފައި ކަމަށެވެ. "އެމީހުން ވާހަކަ ދައްކަން ތިއްބާ ފާޚާނާއިން ކުއްޖާ ރޯ އަޑު އިވިގެން އަވަށްޓެރިޔާ ގޮސް ނެގީ. އޭރު ކުއްޖާގެ މަންމަ ބްލީޑްވެ ފައިން ހުރި ލޭފެންނަން. އެހެންނަމަވެސް އަވަށްޓަރިއާ ކުރިކަމަކީ އޭނާގެ ފިރިމީހާއަށް ގުޅައިގެން އޭނާ އައުމުން ބާލިދީއާއެކު ކުއްޖާ ގޮވައިގެން ސައިކަލުގައި ސިއްހީ މަރުކަޒަށް ގެންދިޔައީ،" އެމީހާ ކިޔައި ދިނެވެ.
ތުއްތު ކުއްޖާގެ މަންމަ ސިއްޙީމަރުކަޒަށް ގެންދިޔައީ ރަށު ކައުންސިލްގެ ވެހިކަލެއްގައެވެ. އޭނާ ޞިއްޙީ މަރުކަޒަށް ގެންދަން ވެހިކަލަށް ގުޅީ އެހެން މީހެކެވެ. އޭނާ ގުޅިއިރު ވެސް ވިހައިގެން އުޅޭ ކަމެއް ގުޅި މީހާއަށް ނޭނގެއެވެ. "އޭނާ ގުޅާފައިބުނީ މީހަކު ވަރަށް ޙާލުދެރަވެގެން މަރުކަޒަށް ނުދެވިގެން އެބައުޅެއޭ،" އާފަތިހަށް މަޢުލޫމާތު ދިން މީހާ ބުންޏެވެ.
މިއީ މި އަންހެން މީހާ ވިހެއި 4 ވަނަ ކުއްޖާއެވެ. ދެ މައިންގެ ޙާލުވެސް ރަނގަޅެވެ. އަދި ވެސް ސިއްހީމަރުކަޒުން ގެންދަނީ ދެމައިންނަށް ފަރުވާ ދެމުންނެވެ. ތުއްތު ކުއްޖާއަށް އަނިޔާއެއް ކޮށްފައި ނުވަތަ މަރާލަން އުޅެފައި ނުވާކަމަށް ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.