އައްޑޫ ސިޓީ ހިތަދޫ މައި ބަނދަރުން މަސްވެރިންނަށް މިހާރު ފެން ލިބޭނެ ކަމަށް އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.
ޔަސްރިފް ވިދާޅުވީ މީގެ ދެދުވަސް ކުރިން ބަނދަރަށް ފެންދޫކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެފެން އަދި ބޯން ކަމުނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެއްޗެހި ދޮވުމާއި ގަޔަށް އަޅާލުމަށް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދުވަސްވަރު މަސްވެރިންނަށް ފެންލިބޭނީ ހިލޭ ކަމަށް ވެސް ޔަސްރިފް ވިދާޅުވިއެވެ. ފެނުގައި މިހާރުހުރި ވަސް ދުވުމުގެ މައްސަލަ ވެސް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހިތަދޫ މައިބަނދަރަށް ގުޅައިފައިވާ އިސްކުރުތަކަށް ފެން ދިނުމުގެ އިތުރަށް ސްވިމިން ޓްރެކް ކައިރީގައި ހަދައިފައިވާ ޝަވަރަށް ވެސް ވަނީ ފެން ދޫކޮށްފައެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑަށް ފަސޭހަވެގެން ދިޔަ ކަމަށް ޔަސްރިފް ވިދާޅުވިއެވެ.
މަސްވެރިންނަށް ފެންލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އައްޑޫސިޓީ ހިތަދޫ ބަނދަރުގައި ވަނީ 8 އިސްކުރު ބަހައްޓައިފައެވެ. މީގެ 2 އަހަރު ކުރިން މަސައްކަތް ނިންމައިފައިވާ އެތަނަށް ފެން ނުލިބި ލަސްވެފައިވަނީ ކުރީގެ ސަރުކާރުން އެކަމަށް އެއްބާރު ލެއްވުމުން ނުދެއްވައިގެންނެވެ.
މަރަދޫ ބަނދަރަށް ވެސް ވަނީ ފެންގުޅައިފައި ކަމަށް އައްޑޫސިޓީ ކައުންސިލުން ކުރިން ކުރިން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ބަނދަރަށް ފެން ދޫކުރި ކަމެއް އެނގިފައެއް ނުވެއެވެ.