ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް 3 ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އެމަޤާމަށް އައްޔަން ކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރެއްވި ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި، ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތާއި، ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ފާރިސް މައުމޫނެވެ.
ރައީސުލްޖުމްހޫރިއްޔާ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް މިއަދު އައްޔަން ކުރެއްވި ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު އެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
އަޙްމަދު ފާރިސް މައުމޫން އެމަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރެއްވި 3 ބޭފުޅުން އެކޮމިޝަންގެ މެންބަރު ކަމުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީގެ ކުރިފުޅުމަތީގައެވެ.
މި ތިން ބޭފުޅުން ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި ކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.