އިތުރު ސިޔާސީ ޕާޓީއެއް ހެދުމަށް ޕީޕީއެމްގެ ބޭފުޅަކު ފޯމު ނަގައިފި

ރާއްޖޭގައި އިތުރު ސިޔާސީ ޕާޓީއެއް ހެދުމަށްޓަކައި ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން އިއްޔެ ފޯމު ނަގައިފިއެވެ.

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ފޯމު ނަގާފައި ވަނީ ޕީޕީއެމްއަށް ނިސްބަތްވާ ބޭފުޅެއް ނަމަވެސް އެއީ ކޮންބޭފުޅެއް ކަމެއް ސާފެއް ނުވިއެވެ. އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ފޯމު ނަގާފައިވާކަން ކަށަވަރު ކޮށްދެއްވީ އިލެކްޝަން ކޮމިޝަނުގެ މެމްބަރު އިސްމާއީލް ހަބީބެވެ.

އިލެކްޝަން ކޮމިޝަނާއި ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފަށް ފާޑުވިދާޅުވެ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތަނުދިނުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެކަމުގެ ހެކި ދެއްކެވުމުގެ ގޮތުން ހަބީބު ވިދާޅުވީ ނިހާން ނިސްބަތްވާ ޕާޓީގެ ބޭފުޅަކު އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި އެ ކޮމިޝަނުން ފޯމު ދޫކުރައްވާފައިވާ ކަމެވެ.

"މަނިކުފާނު ނިސްބަތްވާ ޕާޓީގެ ބޭފުޅަކު އައު ޕާޓީއެއް އުފެއްދުމަށް އިއްޔެ އީސީން ފޯމެއްވެސް ގެންދަވައިފި، ހެޔޮނަސީބާއި ކާމިޔާބީއަށް އެދެން" ނިހާނަށް ރައްދު ދެއްވައި ހަބީބު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިޝަނުން ފޯމު ގެންދެވީ ރައީސް އަބްދުﷲ ޔާމީންއަށް ތާއީދު ކުރައްވާ ޕީޕީއެމްގެ އިސްބޭފުޅެކެވެ. ޕާޓީއެއް އުފެއްދުމަށް ފޯމު ނެގިއިރު އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ ޕީޕީއެމްގެ ކޮންގްރެސް ގަބޫލު ނުކުރާނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.