މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގު ކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވައިލައްވައިފައިވާ ކޮމިޝަންގެ މަސައްކަތްތައް ރަސްމީކޮށް މިއަދު ފައްޓަވައިފިއެވެ.
މަސައްކަތް ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އެކޮމިޝަނުންވަނީ ނޫސްވެރިންނާ ބައްދަލު ވެސް ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަލްއުސްތާޒު ޙުސްނުއްސުޢޫދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮމިޝަނާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ނިންމެވުމަށް 2 އަހަރު ދުވަހުގެ މުއްދަތެއް ދެއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ކުރައްވާނީ ވީހާވެސް އަވަހަކަށް މަސައްކަތްތައް ނިންމެވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޝަންގެ މަސައްކަތްތަކުގެ ނަތީޖާއަށް ރައްޔިތުންގެ ޝައުގުވެރިކަން ބޮޑުވެފައިވާތީ ކޮމިޝަންގެ މަސައްކަތް ވީހާ އަވަހަކަށް އަދި އިތުބާރު ހިފޭގޮތަށް ކުރިއަށް ގެންދިއުމަކީ ކޮމިޝަންގެ މައިގަނޑު އެއްމަޤުޞަދު ކަމުގައި ވެސް ހުސްނުއްސުޢޫދު ވިދާޅުވިއެވެ. ކޮމިޝަންގެ ރައީސް ވިދާޅުވީ ޖިނާއީ ހެއްކިތައް ފިޔަވައި އެހެން ކަންތައްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގައެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މަސައްކަތްތައްކުރިއަށް ގެންދިއުމަށް ތަޖުރިބާކާރުން ނެތް ދާއިރާތަކުން، ބޭރުގެ ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުންގެ އެހީތެރިކަން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާފުޅާއެކު ނިންމާފައިވާކަމަށެވެ. އަދި ކޮމިޝަންގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާކަމުގައިވެސް ޙުސްނުއްސުޢޫދު ވިދާޅުވިއެވެ.
މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް ވަނީ ކޮމިޝަނާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ގަސްތުކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުން މަޖިލީހަށް ހުށަހަޅާ މިބިލު ފާސްވެއްޖެކަމުގައިވާނަމަ ކޮމިޝަނުގެ ޤާނޫނީ ބާރު އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޙުސްނުއްސުޢޫދު ވިދާޅުވީ މިފަދަ މައްސަލަތައް ކުރިއަށްއޮތްތާނގައި ތަކުރާރު ވިޔަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާދެއްވައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް މަޝްވަރާދިނުމަކީ ވެސް ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން އުފައްދަވާފައިވަނީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީއެވެ.