ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖާންގް ލީޖޮންގް އާ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލު ކުރެއްވުން ބާއްވައިފައިވަނީ އެމްޑީޕީގެ އޮފީހުގައެވެ. މިބައްދަލު ކުރެއްވުމުގައި ރައީސް ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލު ކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދައްކަވައިފައިވަނީ ދެ ޤައުމުގެ ގުޅުޅުމާއި، ދެ ޤައުމު ގުޅިގެން ކުރެވިދާނެކަން ކަމާމެދު ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ. އެހެންނަމަ ވެސް މި ބައްދަލު ކުރެއްވުމާބެހޭ ތަފްސީލެއް ނުލިބެއެވެ.
ޗައިނާއަކީ ރައީސް ޔާމީން ސަރުކާރުން ވަރަށްގާތް ކަން ބޭއްވި ޤައުމެކެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީއަށް ރައީސް ޔާމީން ހިންގެވި މަޝްރޫޢު ތަކުގައި ޗައިނާގެ އެހީތެރިކަން ވަރަށް ބޮޑެވެ.
ޗައިނާއާ މާބޮޑު ގާތްކަމެއް ބާއްވަން ފެށުމުން އިންޑިއާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައީސް ޔާމީން ސަރުކާރުން ޗައިނާއާ ގުޅުން ބަދަހު ކުރުމުން އެމްޑީޕީން ވަނީ އެކަމަށް ފާޑުވެސް ކިޔައިފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމުގައި ގެންދަވަނީ އިންޑިއާއާ ކުރިން އޮތް ގުޅުން އިޔާދަ ކުރައްވަމުންނެވެ. އެކަމާ ޗައިނާއިން ބުނެފައިވަނީ އެއީ ޗައިނާއާ ދެކޮޅުވުމެއް ނޫން ކަމަށެވެ.