ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙްގެ ސަރުކާރުގައި ފުރަތަމަ އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގެ ބަހުސްގައި ނިހާން ވިދާޅުވީ ރައީސް ސޯލިޙްގެ ކެބިނެޓަށް ރުހުން ދިނުމަށް ފަހު އެ ވަޒީރުން ހައްދަވާ ގޯސް ދެނެގަތުމަކީވެސް އިދިކޮޅު ޕާޓީއެއްގެ ޙައިސިއްޔަތުން ޕީޕީއެމުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ނިހާން ވިދާޅުވީ ވަޒީރުން މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ހައްދަވާ ގޯސްތައް ދެނެގަތުމަކީ ޕީޕީއެމްގެ ކޮނޑުގައި އެޅިފައިވާ އަމާނާތެކެވެ. އެހެންވެ އެކަންކަން ދެނެގަނެވޭނެ ޑޮކްޓަރުންނަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ކުރިމަތީގައި އޮތްއިރު ރައީސް ސޯލިޙްގެ ސަރުކާރަށް ވަގުތު ދޭންޖެހޭނެ ކަމަށެވެ.