ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުންވަނީ ކިނބިދޫ ދާއިރާގައި ހިމެނޭ ފަސް ރަށަށް އިހުމާލުވެފައި ކަމަށް އެދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާސީ ވިދާޅުވީ ކިނބިދޫ ދާއިރާގައި ހިމެނޭ 5 ރަށުންކުރެ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމެއްނެތް ކަމަށެވެ.
"އަޅުގަނޑުގެ ދާއިރާއަކީ ވޭތުވެދިޔަ ފަސް އަހަރު ވަރަށްބޮޑަށް ސަރުކާރުން އިހުމާލުވެފައި އޮތް ދާއިރާއެއް. އެއީ އެންމެ ސަބަބަކާހުރެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެއީ ސިޔާސީ ގޮތުން އަޅުގަނޑު މިމަޖިލީހުގައި ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތްކުރާތީ،" ޢަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.
އެ ދާއިރާއަށް ރައީސް ޔާމީން ވެވަޑައިގެންނެވި އެއްވެސް ވަޢުދެއް ފުއްދަވައި ދެއްވާފައި ނުވާކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ. އޮމަދޫގެ ބަނދަރު ހައްދަވައި ދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދު އެއްގޮތަކަށް ވެސް ފުއްދައެއް ނުދެއްވާ ކަމަށާއި، ވަންދޫގެ ގިރާސަރަހައްދު ހިމާޔަތް ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންވި ވަޢުދާ އެއްގޮތަށް އެއްވެސް ކަމެއް ކޮށްދެއްވައިފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ. އަދި ކަނޑޫދޫ ގިރާ ސަރަޙައްދު ޙިމާތްކޮށް ދެއްވުމަށް ހިންގެވި ޕްރޮޖެކްޓަކީ އޭގެ އެންމެ ފައިދާހުރި ގޮތަށް ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށް ޤާބޫލު ކުރަންދަތި ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ. އެއީ ބޮޑު ކޮރަޕްޝަނެއްގެ ތެރެއިން ހިންގާފައިވާ ކަމެއް ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
"މިދާއިރާގެ ފަސްރަށަށް ނަރުދަމާގެ ނިޒާމާއި ބޯފެން އެއީ ކޮންމެހެން މުހިންމު ކަންކަން،" އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަހަރުގެ ބަޖެޓުގައި ވެސް ހިރިލަންދުއާއި އޮމަދޫ ހިމަނާފައި ނުވާ ކަމަށް ޢަބްދުﷲ ރިޔާޒު ވިދާޅުވިއެވެ. އެކަމަކު އެދެރަށުގައި ފެނާއި ނަރުދަމާ ގާއިމް ކޮށްދެއްވުމަށް ބަޖެޓުގައި ހިމަނައި ދެއްވުމަށް ބަޖެޓު ކޮމިޓީގައި މިހާރުވާނީ އެދިވަޑައިގެންފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިނބިދޫގެ އިތުރަށް އެދާއިރާގައި ހިމެނެނީ އޮމަދޫ، ހިރިލަންދޫ، ވަންދޫ އަދި ކަނޑޫދޫއެވެ.