ހަތް އަންހެން ވަޒީރުން ހިމެނޭ އައުކެބިނެޓް މިރޭ ހުވައި ކުރައްވާނެ

މިއަދު ހަވީރު ހުވައި ކުރައްވާ ރާއްޖޭގެ އައު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓު ހުވައި ކުރެއްވުން މިރޭ އޮންނާނެއެވެ. އެހެންނަމަވެސް އަދި ގަޑި ކަށަވަރު ވެފައެއް ނުވެއެވެ.

އެމަނިކުފާނުގެ ކެބިނެޓުގައި ޖުމްލަ 19 މިނިސްޓަރުން ތިއްބަވާނެއެވެ. އޭގެތެރެއިން 7 ބޭފުޅުންނަކީ އަންހެނުންނެވެ. ރާއްޖެ ޓީވީން ބުނެފައިވަނީ އޭގެ ތެރެއިން ތިން ބޭފުޅުންނަކީ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ. އޭގެ އިތުރަށް ދެން ހިމެނިވަޑައި ގަންނަވަނީ އެމްޑީޕީގެ ދެ ބޭފުޅުންނާއި، ޢަދާލަތު ޕާޓީގެ ބޭފުޅަކާއި، ޖޭޕީ ގެ ބޭފުޅެކެވެ.

މިއީ ރާއްޖޭގެ ރައީސެއްގެ ކެބިނެޓް ގައި މިހާ ގިނަ ޢަދަދެއްގެ އަންހެން ބޭފުޅުން ހިމެނި ވަޑައިގެންނެވި ފުރަތަމަފަހަރެވެ.

ކެބިނެޓަށް މެމްބަރުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަޤާމުތަކަށް ޢައްޔަނު ކުރައްވާ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެއެވެ. މި ރަސްމިއްޔާތު އޮންނާނީ ރައީސް އޮފީހުގައެވެ.

ރައީސް ޞާލިޙާއި އެމަނިކުފާނުގެ ނާއިބު ފައިޞަލް ނަސީމް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 5:00 ގައި ގަލޮޅު ބޯޅަދަނޑުގައެވެ.

މިރަސްމިއްޔާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. އެހެންނަމަވެސް ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

މިރަސްމިއްޔާތުގައި 46 ޤައުމެއްގެ މަތީ ފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދުރިކާ ކުމާރަތުންގަ ވަނީ މިރަސްމިއްޔާތަށް ރާއްޖެއަށް ވަޑައިގެންފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.