ފޮރިން މިނިސްޓަރ ޑރ. މުޙައްމަދް އާސިމްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވި، ގިނަ ދުވަސްތަކެއް ވަންދެން ހަނު ހުންނެވުމަށް ފަހު އެތުހުމަތު ތަކަށް އެމަނިކުފާނު އިންކާރު ކުރައްވައިފިއެވެ. އެމަނިކުފާނު މި ތުހުމަތުތަކަށް އިންކާރު ކުރައްވާފައި ވަނީ ރައިސް ޔާމީންގެ ޒަޢާމަތުގައި ރައީސް ޔާމީންގެ ވަޒީރުންގެ މަޖިލީހުގައި ޚިދްމަތް ކުރެއްވުމަށް ލިބިލެއްވި ފުރުސަތަށް ރައީސް ޔާމީން އަށް ށުކުރު ދަންނަވައި ކުރެއްވި ޓުވީޓެއްގައެވެ.
މި ޓުވީޓުގައި އެމަނިކުފާނު ވަނީ އެމަނިކުފާނުގެ މައްޗަށް ދާދިފަހުން ކުރެވުނު ހުރިހައި ތުހުމަތު ތަކަަށްވެސް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ފޮރިން މިނިސްޓްރީ އަށް ބާއްޖަވެރި ކުރިމަގަކަށް އެދި އަލަށް ޚާރިޖިއްޔާ އާ ހަވާލުވެވަޑައިގަންނަވާ މިނިސްޓަރަށް ހެޔޮ އެދުން ފޮނުއްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ބޭރު ގައުމުތަކުގައި ޖިންސީ ގޯނާ ފަދަ ބޮޑެތި ތުހުމަތު ތައް ކުރެވުމުން މަގާމުގައި ތިއްބަވާ ބޭފުޅުން އެފަދަ ތުހުމަތު ތަކަށް އިންކާރު ކުރައްވައި މަގާމުން އިސްތިއުފަ ދެއްވަތަން ފެނެއެވެ. ނަމަވެސް މިއީ ރާއްޖެއިން ނުފެންނަ ކަމެކެވެ. އެންމެ ކުޑަމިނުން މަޢާފަށް އެދޭތަންވެސް ރާއްޖޭގައި ނުފެނެއެވެ. ރާއްޖޭގައި އެފަދ ތުހުމަތު ކުރެވޭ ގިނަ ބޭފުޅުްނ ޚިޔާރު ކުރަނީ ހިމޭނުްން ތިބުމަށެވެ.
ޑރ. އާސިމްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވަނީ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކެއްގެ ތެރެއިން ފޮރިން މިނިސްޓްރީގެ ތިން މުއައްޒަފަކާ އެކު އެފަދަ ގުޅުމެއް ހިންގަން އުޅުމުގެ ތުހުމަތެވެ. މި މައްސަލަ އާއި ދެކޮޅަށް ސޯޝަލްމީޑިއާގައި އަޑުއުފުލަން ފެށުމުްނ ފޮރިން މިނސިްޓްރީ އިން ވަނީ އިސް މުއަައްޒަފެއްގެ އެފަދަ މައްސަލައެއް ބަލަމުްނދާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.