އަވަށްޓެރި ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދުރިކާ ބަންޑާރަނަޔަކަ ކުމާރަތުންގާ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އެކަމަނާ ރާއްޖެ ވަޑައިގެންނެވީ ރައީސް މުންތަޚަބު އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ނާއިބު ފައިޞަލް ނަސީމް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ލަންކާ ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައެވެ.
އެކަމަނާ ރާއްޖެ ވަޑައިގެންނެވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ޗަންދުރިކާ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
ޗަންދުރިކާގެ އިތުރަށް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެސް ވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް އެމަނިކުފާނު ވަޑައިގަންނަވާނީ ކުރު ދަތުރުފުޅެއްގައެވެ. އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. ރަސްމިއްޔާތަށްފަހު މޯދީ އެނބުރި ޤައުމަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވަރަށްގިނަ ޢިއްޒަތްތެރިންނަށް ވަނީ ދަޢުވަތު އެރުވިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ރަސްމިއްޔާތުގައި ބޭރުގެ 250 އަށްވުރެ ގިނަ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙު ހުވައި ކުރެއްވުން އޮންނާނީ މާދަމަވާ ހަވީރު 5:00 ގައި ގަލޮޅު ދަނޑުގައެވެ. މިހާރުން ފެށިގެން ސިފައިންނާއި ފުލުހުން ގެންދަވަނީ އެސަރަޙައްދުގައި ސަލާމަތީ ކަންކަން ބަލަހައްޓަވަމުންނެވެ.