ރައީސް މުންތަޚަބު އިބްރާހީމް މުޙައްމަދު ޞާލިޙު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް މާލޭގެ ބައެއް މަގުތަކާއި ސިނަމާލެ ބްރިޖު މިއަދުން ފެށިގެން މާދަމާރެއާ ހަމައަށް ބަންދު ކުރަން ނިންމައިފިއެވެ.
ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުން ނެރެއިފައިވާ ކުރު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް މަގުތައް ބަންދު ކުރައްވާނީ މިއަދާއި މާދަމާ 2:00 އިން ފެށިގެން 7:00 އަށް ކަމަށެވެ.
އިންތިޚާބީ ރައީސް ހުވައިކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު 5:00 ގައި ގަލޮޅު ދަނޑުގައެވެ. އެހެން ކަމުން މިއަދުން ފެށި ބޯޅަދަނޑު ވެސް ބަންދުކޮށް އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކުރައްވައިފައެވެ.
ޓްރެފިކް ފުލުހުން ވިދާޅުވެފައިވަނީ ބޯޅަދަނޑު ހިމެނޭ ސަރަޙައްދުން މަޖީދީމަގު އިރަށް ވަގުތީ ގޮތުން އެއްކޮޅަށް ދުއްވާ ގޮތަށް އާންމު ޓްރެފިކް ބަދަލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ބޯޅަދަނުގެ އިތުރަށް ސިނަމާލެ ބްރިޖުވެސް ބަންދު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ސަރަހައްދުތަކުގެ އިތުރަށް އެއް ނަންބަރު ޖެޓީއާ ހަމައަށް ވެސް މަގުތައް ބައެއް ވަގުތުތަކުގައި ބަންދު ކުރާގޮތަށް ފުލުހުންވަނީ ނިންމަވައިފިއެވެ.
ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ހިމެނިވަޑައިގަންނަވައެވެ.