ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސްގައި ރައީސް ގެ އަނބިކަނބަލުން ތަޤްރީރު ކުރައްވައިފި

79097_bbd8d44d-2_

މެލޭޝިޔާގައި މިއަދު ފެށިގެން ކުރިއަށްދާ "ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ" ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މިއަދު ތަޤުރީރު ކުރައްވައިފިއެވެ. މިއީ، މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 2 އަށް ބޭއްވުމަށް ހަމަޖެހިފައވާ ބައްދަލުވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މެލޭޝިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމާހް މަންސޫރުގެ އިސްނެންގެވުމާއެކު މިފަދަ ބައްދަލުވުމެއް ބާއްވަވާ ކަމަށްޓަކައި ތަޢުރީފު ކުރެއްވިއެވެ. އަދި، ޤައުމުގެ ކުރިމަގަށްޓަކައި ފެންވަރު ރަނގަޅު ތަޢުލީމްގެ މުހިންމުކަން ފާހަގަ ކުރައްވައި، ރާއްޖޭގެ ތަޢުލީމީ ދާއިރާ ބައްޓަންކުރެވިފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން ޚާއްޞަކޮށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އުޖާލާ މުސްތަޤްބަލަކަށްޓަކައި ހަރުދަނާ ދަރިފަސްކޮޅެއްގެ މުހިންމުކަން ފާހަގަ ކުރައްވަމުން، އަމަން އަމާންކަމާއި ފާގަތިކަން ޙާޞިލްކުރުމަށް ޤައުމީ ފެންވަރުގައާއި، ދުނިޔޭގެ ފެންވަރުގައި އަދުގެ ކުޑަކުދިން އަދާކުރާ ދައުރު ފާހަގަ ކުރެއްވިއެވެ. އަދި އެކުދިންނަށް ލޯތްބާއި ހިމާޔަތްތެރިކަން ދީ، ރަނގަޅު ތަޢުލީމެއް ހޯދައިދީ، އެކުދިންނަކީ ޤައުމުދެކެ ލޯބިވާ ހަރުދަނާ ބަޔަކަށް ހެދުމަށް ހުރިހާ ބައިވެރިންނަށް އެކަމަނާ ގޮވައިލެއްވިއެވެ.

"ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ" އަކީ، ކުޑަކުދިންގެ ތަރައްޤީއާއި ކުރިއެރުމަށް އަމާޒުކޮށްގެން، އެކި ދާއިރާތަކުން، އެކި ޤައުމުތަކުގެ މާހިރުން އެއްތަންވެ ޚިޔާލުފާޅުކުރުމަށް ބޭއްވޭ ވަރަށް މުހިންމު ބައްދަލުވުމެކެވެ. މިގޮތުން، މިއަދުގެ ދުނިޔޭގައި ކުޑަކުދިންނަށް ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތަކާއި، ޤައުމު އާރާސްތުކުރުމުގައި ކުޑަކުދިންގެ ދައުރާއި، ކުޑަކުދިންގެ ތަޢުލީމަށާއި ކުރިއެރުމަށް ޕަރމާޓާއިން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.