ހަވާދުގެ ވާހަކަ… ގިނަ މީހުން ނުދަންނަ ފަރާތް!

އަޅުގަނޑުމެންގެ  ބަދިގޭގެ ކަފޭރާތަކުގެ ހަރުތަކުގައި ކުދިކުދި ރީތި ފުޅިފުޅީގައި 'އަނގަ ބަންދު' ވެފައި އެހުރި ހަވާދުގެ ތަފާތު ބާވަތްތަކަކީ މިހާރު މަންމަން ބާވަތްތަކެކެވެ! ޔޫރަޕުގެ ދޮންމީހުން ފެނުކެއްކި ކާނާ ކައިލަ ކައިލަ ތިއްބައި އެމީހުންގެ ކާނަގައި މީރު ރަހަ ލައްވައިދިން ހަވާދުގެ އާއިލާގެ ތަފާތު މެންބަރުންނަށް ވާހަކަ ދެއްކޭނަމަ، ނުވަތަ އަޅުގަނޑުމެނަށް ފޮނިތޮށްޓާއި އަސޭމިރުހާއި ކައްބާބާއި ކުކުން ދައްކާވާހަކަ މޭރުންވާނަމަ، ބަދިގެއިން އަޅުގަނޑުމެން ނިކުންނަ ހިތްވެސް ނުވާހައި ދިގު ވާހަކަތައް ކިޔައިދޭން ހުންނާނެކަން ޔަގީނެވެ! ހަވާދުގެ ވާހަކައަކީ ސިންދުބާދުގެ މަޝްހޫރު ހަތް ދަތުރަށްވުރެ ވަކީން ދެރަ ވާހަކަތަކެއް ނޫނެވެ!


މާކަނާ ހާލި ހަދަނީ ފޮނިތޮށިން!

ކޮންމެ ކަމެއްވެސް އެނގި އޮޅުން ފިލުމުން އެއީ އަޖައިބަކަށް ނުވެއެވެ! މާ އިހު ޒަމާނެއްގައި ވިލާތު މީހުންނަށް ފޮނިތޮށްޓަކީ އަރަބި ސައުދާގަރުން، ކޮން ދިމާއަކުން ހޯދާ އެއްޗެއް ކަމެއް މާ ސާފުކޮށް އޮޅުން ފިލާފައެއް ނުވެއެވެ. ހަވާދުގެ މީރު ރަހަތައް ވިލާތަށް ފޯރުކޮށްދިން އަރަބި ވިޔަފާރިވެރިންވެސް ބޭނުމީ ވިލާތުގެ ދޮން މީހުންނަށް މިކަން މާ ސާފުކޮށް ނުދީ، އެމީހުން ނޭނގުމުގެ އަނދިރީގައި ވީހައި ގިނަ ދުވަހަކު ބައިތިއްބާށެވެ! ކާންބޯން ކުރާ މަސައްކަތުގެ އަގު އަމިއްލައަށް ވައްޓައިލާނީ ކާކުތޯއެވެ؟
 
ފޮނިތޮށީގެ އަގު ވެއްޓުނަ ނުދީ ބެހެއްޓުމުގެ ގޮތުން އަރަބި ވިޔަފާރިވެރިން ފާޑުފާޑުގެ ވާހަކަތައް ހަދައި އުޅުނު ކަމަށްވެއެވެ! މީގެ ތެރެއިން އެންމެ ޚިޔާލު ތަނަވަސް ކަމަށް ބެލެވޭ އެއްވާހަކައަކީ، ފޮނިތޮށި ގަހުން ކަނޑާ ދަނޑީގެ ބޭރު ތޮށި ކޮޅުކޮޅު އެމީހުން ( އަރަބިން ) ހޯދާ ގޮތެވެ! މިމީހުން ވިލާތު މީހުން ގާތު ކިޔައިދޭ ވާހަކައަކީ މިއެވެ. ” ތިމަންނާމެން މި ގެންނަ ފޮނިތޮށްޓަކީ މާ ދުރު ރަށްރަށުގައި ހެދޭ އެއްޗެކެވެ. ބޮޑެތި މާކަނާ، ހާލިހަދަން ބޭނުން ކުރަނީ ހަމަ އެކަނި އެންމެ މޮޅު އެންމެ ވަސްމީރު ފޮނިތޮށްޓެވެ! އަދި މިބާވަތުގެ ބިޔަ މާކަނާ ހާލި ހަދައި އުޅެނީ އެންމެ ބިޔަ ގަސްގަހުގެ ކުރީގައެވެ! ވީމާ، ފޮނިތޮށި ހޯދަން ތިމަންނަމެން، މަސްފަލަ ފިރިހެން ގެރިއެއް ކަތިލައި މާކަނާއަށް ފެންނާނޭހެން ބޮޑެތި މަސްބުރިބުރި އެކި ހިސާބު ހިސާބުގައި ބަހައްޓަނީއެވެ! މާކަނާއަށް މި މަސްބުރިތައް މާ ދުރުން ފެނިގެން އައިސް، އެތަނުން ފަލަ މަސްގަނޑެއް އެސޮރުމެންގެ މާކަނާ ފުއްގަނޑަށް ކާންދޭން ގެންގޮސް ހާލީގައި ބާއްވައެވެ. ނަމަވެސް ގެންދިޔަ މަސްބުރި ބަރުކަމުން ހާއްޔާއި އެކު ބިންމައްޗަށް ވެއްޓިދެއެވެ! ގަސްދޮށަށް މާކަނާ ހާލި ވެއްޓުމުން، އެވީ ހާލިން ބުރަބުރައިގެން ދިޔަ ފޮނިތޮށިތައް ހޮވާށެވެ!”

ފަނަރަވަނަ ގަރުނު ފެށެން ދާދި ކައިރިވަންދެން ވިލާތު މީހުން މިފަދަ ވާހަކަތައް ގަބޫލު ކުރިކަމަށްވެއެވެ! 1400 ގައި ފުރެތިކާލުންނަށް މިކަމުގެ ހަގީގަތް އެނގެންދެންނެވެ!  ފޮނިތޮއްޓަކީ ސިލޯނުގެ ބޯ ޖަންގަލީގައި ހެދޭ ގަހެއްގެ ތޮށި ކަން ޕޯޗުގީޒުންނަށް އެނގިއްޖެއެވެ. ހަމަ ވަގުތުން ސިލޯނު މީހުންނާއި އެއްބަސްވުމަކަށް އައިސް އެހެން އެއްވެސް ބަޔަކަށް ފޮނިތޮށި ނުވިއްކުމަށް އެއްބަސްވެ މުޅި ސަރަހައްދު އެމީހުންނަށް ކޮންޓްރޯލު ކުރެވޭގޮތަށް އަސްކަރީ ފިޔަވަޅުތަކެއް އެޅިއެވެ! އޭގެ ދުއިސައްތަ ފަންސާހެއްހައި އަހަރު ފަހުން 1658 ގައި މި ވިޔަފާރިއަށް އަތްގަދަ ކުރީ ހޮލެންޑު މީހުންނެއެވެ. އަދި 1796 ގައި   އިނގިރޭސީން މި ހިސާބަށް އަންނަންދެން މި ވިޔަފާރީގެ މުގުލުގައި ތިބީ ހޮލެންޑު މީހުންނެވެ. ނަމަވެސް މިހިސާބަށް އައި އިރު ދުނިޔޭގެ އެކި ހިސާބު ހިސާބަށް ފޮނިތޮށީގެ އެތައް ގަހެއް ސިއްރުން ފޮނުވައި ނިންމައިފިއެވެ!

ކައްބާބުގެ ބާރު
ކައްބާބަކީ އަސޭމިރުހާއި ފެންނަ ފެނުމުގައްޔާއި ރަހައިގައިވެސް ދާދި އެއްވައްތަރު ކަމެއް އެކުލެވޭ، އަދި (ގަސްގަހާގެހީގެ އިލްމުގައި) އާއިލީ ގޮތުން ތިމާގެ ވެސް ބާވަތެކެވެ. މި ދެބެންގެ ދެދަރި ވައްތަރުގެ ތެރެއިން ކައްބާބަކީ އަސޭ މިރުހަށްވުރެ މާ އަގު ހެޔޮ ބާވަތެކެވެ. މިހެންވެ ޔޫރަޕުގައި  1800 އާއި ހަމައަށް އަސޭމިރުހުގެ ބަދަލުގައި ކައްބާބު ބޭނުންކޮށް އުޅުނެވެ. ނަމަވެސް މިހާރު ކެއްކުމުގައި ކައްބާބު ބޭނުންކުރަނީ ހަމައެކަނި އިންޑޮނީޝިޔާގެ ޚާއްސަ ރަހަތައް ލެއްވުމަށެވެ!

ނަމަވެސް ކެއްކުމާއި މާ ދުރު ކަމެއްގައި ވިލާތުގައި އެއް ދުވަސްވަރެއްގައި ކައްބާބު ބޭނުން ކޮށް އުޅުނެވެ.  އިޓަލީ ވިލާތުގެ ފާދިރީން، ޖިންނި އަވަލާފައިވާ މީހުން އެ ސުންޕާ ކަމުން ސަލާމަތްކުރަން ( އެމީހުން އެ ކިޔަވާ އެއްޗެއް ) ކިޔަވާއިރު މުރީދުބޭ  ކައްބާބު ބޭނުން ކުރާކަމަށް ވެއެވެ!  17 ވަނަ ގަރުނުގައި Demoniality މި ފޮތުގައި ( އެގިވަޑައިގަންނާވާނޭ ފަދައިން Demon   އަކީ ޖިންނި ޝައިތާނެވެ) އިޓަލީ ވިލާތުގެ ފާދިރީ Ludovico Maria Sinistrari ލިޔުއްވާފައިވާ ގޮތުގައި ” މާތް އާއިލާއެއްގެ ޒުވާން އަންހެން ކުއްޖަކަށް ރެއާއި ދުވާލު ގޯނާ ކުރަމުން ދިޔަ( އަންހެން ކުދިންނާއި އަވަލާ ފިރިހެން) ޖިންނި ޝައިތާނެއް، އަހަރެން އެ އަންހެން ކުއްޖާ ނިދާ ކޮޓަރިއަށް ވަދެ ކޮޓަރީގެ އެކި ހިސާބު ހިސާބަށް ކައްބާބުކޮޅެއް އަޅައިލުމުން، އެކުއްޖާގެ ހަށިގަނޑުން ބޭރަށް ނިކުމެ އެ ޖިންނި ޝައިތާނަށް އެނބުރި އެ ހަށިގަނޑަށް ވަންނާކަށް ނުކެރުނެވެ!”

އެއް ޒަމާނެއްގައި މުސާރަ ދީއުޅުނީ ލޮނުންނެވެ!

 ހަވާދުގެ ތެރޭގައި ލޮނުގެ ވާހަކަ މި ލިޔަނީ ހަވާދަކަށް ވާތީއެއް ނޫނެވެ! ހަމަ އެކަނި ލޮނުހެޔޮވަރުކޮށްލުމުގެ ބޭނުމުގައެވެ! ތާރީޚީ ފޮތްފޮތުން ފެންނަ ގޮތުގައި އަޅުގަނޑުމެން މިހާރު މި ދެކޭ  ފުރެއްދެލޮނު (ފުއްލޮނު)  އެންމެ ފުރަތަމަ ބޭނުން ކުރަން ފެށުނީ ރޯމޭނިޔާގައި، އީސާ ޢަލައިހިއްސަލާމުގެ 6000  އަހަރު ކުރިންނެވެ. މަޝްހޫރު ކަޅު ކަނޑުގެ އައްސޭރި ފަށުގައި އެއްވެ   ޖަމާވާ ފުއްލޮނު ކަހައި ނަގައިގެންނެވެ. އަޅުގަނޑުމެން ދިވެހިން މިހާރުވެސް ލޮނުމަސް އަޅާ ގޮތަށް މީގެ އަށެއްކަ ހާސް އަހަރު ކުރިން ރޯމޭނިޔާގައި ކަނޑު މަހާއި އެއްގަމު މަސް، ލޮނުމަސް އަޅައިގެން ފަހަށް ރައްކާ ކުރަން ދަސްވުމުން އެމީހުންގެ އާބާދީއަށް ވަރަށް ހެޔޮ ބަދަލެއް އައިސް އާބާދީ އިތުރުވާން ފެށިއެވެ! ހަގީގަތުގައި، ދަނޑުވެރިކަމުގެ ސަބަބުން އިންސާނީ ތަހުޒީބާއި ދަމައްދުން ކުރި އެރި ފަދައިން، އެއްގަމު މަހާއި ކަންޑުމަސް ލޮނުއަޅައި ފަހަށް ރައްކާކުރެވެން ފެށުމުގެ ސަބަބުން އާދަމުގެ ދަރީންގެ ކުރިއެރުމަށް ވަރަށް ބޮޑު ހަލުވި ކަމަކާއި ފަސޭހަކަމެއް ލިބުނެވެ!

 ނަމަވެސް އެމެރިކާގައިވެސް، ފުރެއްދެ ލޮނާއު ހުރެ ކުރު ހަނގުރާމަ ކޮށްފައިވެއެވެ. ވިހިވަނަ ގަރުނާއި ހަމައަށް މިހާރުގެ އިތިޔޯޕިޔާގައި ފައިސާގެ ގޮތުގައި ލޮނު ބޭނުންކޮށްފައިވެއެވެ! ދެކުނު އެމެރިކާގައި ހުސް ލޮނުން ފޮރުވިފައިވާ 4000 އަކަ މޭލުގެ ސަރަހައްދެއް ފަޒާއިން ވެސް ފެންނަކަމަށްވެއެވެ! ލޮނަކީ ވަކި މިންވަރަކަށް އަޅުގަނޑުމެންގެ ހަށިގަނޑުގައި ހުންނަން ޖެހޭ އެއްޗެކެވެ. ކުއްލިއަކަށް މާގިނައިން ފެންބޮއިފިނަމަ، ހަށިގަނޑުގައި ހުންނަންވާ ލޮނުގެ އަސަރު ކުޑަވެ، ފުރާނައަށް ނުރައްކާވެދެއެވެ. އަދި މާ ގިނައިން ލޮނު ބޭނުންކުރުމުން ވެސް ހަމަ އެފަދައެވެ. ގަދީމީ ޗަައިނާގައި ބައެއް މުއްސަނދި އާއިލާގެ މީހުން އަމިއްލަ އަށް މަރުވާން ލޮނުގެ އެކަށީގެންނުވާ މިންވަރެއް ކައި އަމިއްލައަށް މަރުވެއެވެ. މިހެން ހަދާ އެއްސަބަބަކީ އެ ޒަމާނުގައި ލޮނަކީ ވަރަށް އަގު ބޮޑު އެއްޗެކެވެ. ވީމާ މަރުވާވަރަށް ލޮނު ގަނެ ބޭނުން ކުރެވެނީ ތަނަވަސް މީހުންނަށެވެ!      ( އެ ޒަމާނުގައިވެސް މުއްސަނދިން ކުރާ ކަންކަން ވާނީ ފެޝަނަށް ނޫންތޯއެވެ؟ ) ކަނޑުން ނަގައިގެން ހިއްކާ ފުއްލޮނުގައި ހަށިގަނޑަށް ބޭނުންވާ ތަފާތު މައުދަނުތައް އެކުލެވެއެވެ! ފަލްސްތީނު/ އިޒްރޭލާއި ޖޯޑަން ހިއްސާވާ ޑެޑްސީގައި ވާ ލޮނުގަނޑުގެ އޮލަކަމުގެ ( ލޮނުރަހަ ގަދަކަމުގެ) ސަބަބުން އެ ކަނޑުގައި ދިރޭ އެއްވެސް އެއްޗަކަށް ނުއުޅެވެއެވެ! ލޮނުގަނޑުގެ އޮލަކަމުގެ ސަބަބުން  ފަތަން ނުދަންނަ މީހަކުވެސް ހަމަހިމޭނުން އޮވެއްޖެނަމަ ގެނބިގެން އަޑިޔަކަށް ނުދާނެއެވެ! އެމެރިކާގެ މަޝްހޫރު އަދީބު މާކް ޓްވެއިން ލިޔުއްވި ގޮތުގައި ” ޑެޑްސީގައި އުއްޑުން އޮވެ، އެއްފައި މައްޗަށް އަނެއްފައި ލައިގެން، ކުޑައެއް ނަގައިގެން  ނޫހެއް ކިޔައިލެވިދާނެއެވެ! ” ( ހަގީގަތުގައި އަޅުގަނޑަށް ވެސް މިފަދަ ފުރުސަތެއް ދެފަހަރަކު ލިބުނެވެ! )

ގަދީމީ ރޯމުގައި ސިފައިންގެ މުސާރަ ދީ އުޅުނީ ލޮނުންނެވެ. އަދި އިނގިރޭސި ބަހުން މަހު މުސާރައަށް މިކިޔާ ‘ SALARY’ )ގަދީމީ ލެޓިން ބަހުން( SALARIUM ގެ އަސްލަކީވެސް ‘  ‘SALTއެވެ.

ކުކުން: 
މިހާރުގެ ޒުވާނުންނަށް މި އަގުބޮޑު ބާވަތުގެ އިނގިރޭސިނަން ( ‘ ސެފްރޮން’ ގެ ގޮތުގައި)  އެނގިފައި އޮތުން މާ ގާތެވެ. ކުކުމަކީ ކެއްކުމުގައި، ކާނާގެ ރަހަނެރެން ބޭނުންކުރާ   ތަކެތީގެ ތެރެއިން އެންމެ އަގުބޮޑު ބާވަތެވެ. މިއީ ނިޔަނެތި މަލެއްގެ ކަރުގަނޑުގައި ހިމެނޭ، ޖަނބުރޯލުގެ އެތެރޭގައި އެ ހުންނަ ކަހަލަ ނަރުކޮޅު ކޮޅު ހިމެނޭ، އެ މަލުގެ ކަރުގަނޑެވެ! ކޮންމެ މަލެއްގެ ކަރުގަނޑުން ލިބެނީ ދެތިން ހަތަރު ‘ނަރު’ ކޮޅެވެ! އެންމެ ފުރަތަމަ ކުކުން ހައްދައި އުޅުނީ މީގެ 3000 އެއްހައި އަހަރު ކުރިން، އެވޭލާ މިސްރު މީހުންނާއި ގަދީމީ ރޯމަނުންނާއި އެންމެ އިހުގެ ( ގްރީކު މީހުން)  ޔޫނާނީންނެވެ.

މިހާރު އެންމެ ގިނައިން ކުކުން ހައްދަނީ މެދުތެރޭކަނޑުގެ އައްސޭރިފަށުގެ ރަށްރަށުގައްޔާއި އީރާނާއި އިންޑިޔާ ޕާކިސްތާނުގެ ކަޝްމީރު ސަރަހައްދުގައެވެ. ދާދި ފަހުން އދ ގެ އިސްނެގުމުގެ މަތިން އަފްޣާނިސްތާނުގައި ދަނޑުވެރިން، އަފިހުން ހެއްދުމުގެ ބަދަލުގައި ކުކުން ހައްދަން އަހުލުވެރިކުރެވުނެވެ. މަލުގެ ކަރުގަނޑުން ލިބޭ ކުކުންކޮޅުގެ މަދުކަމަކީ، މީގެ އަގު އެހާ ބޮޑުވާ ސަބަބެވެ! އެއް ކިލޯ ކުކުމުގެ އަގަކީ ގާތްގަނޑަކަށް 33 ހާސް ދިވެހި ރުފިޔާއެވެ! ވާނީވެސް އެހެން ނޫންތޯއެވެ! އެއް ކިލޯ ކުކުން މި ލިބެނީ ދޮޅު ލައްކައެއްހައި މާ، ގުރުބާން ކުރުމަށްފަހުގައެވެ!

ގަދީމީ ޔޫނާނުގެ އަސްކަރީ ވެރިޔާ އިސްކަންދަރުލް އަކްބަރު ނާނޭފުޅު ފިއްލަވާއިރު ބިލިގާގައިވާ ފެނަށް ކުކުން އަޅުއްވާކަމަށް ވެއެވެ. އެއީ ހަނގުރާމައިގައި ލިބިލެއްވި ޒަޚަމްތަކަށް ފަރުވާއަކަށް ވާތީކަމަށް ވިދާޅުވެއެވެ! މިހާރުގެ އެންމެ ފަހުގެ އިލްމީ ހޯދުންތަކުން އެނގޭ ގޮތުގައި، ހަނދާންނެތޭ ބައްޔަށާއި އުރަމަތީ ކެންސަރަށާއި ހިތްދަތިވެ މާޔޫސްވާ ބައްޔަށާއި ތަފާތު އެހެނިހެން ބަލިބައްޔަށް ކުކުމަކީ ހަގީގަތުގައިވެސް ވަރަށް ފައިދާހުރި ބޭހެކެވެ!

އަގު ބޮޑު ކޮންމެ ސެންޓެއް، ފައިސާއެއް އަދި ޗޮކްލެޓެއްވިޔަސް (ވަގަށް) ނަކަލު ކުރެވޭތޯ ބަޔަކު އަބަދުވެސް އުޅޭ ނޫންތޯއެވެ؟ މިދެންނެވުނު ވަގުލު (ވަގަށް ނަކަލު) ކުރުމުން ކުކުންވެސް ސަލާމަތެއް ނުވިއެވެ! ތޭރަވަނަ ގަރުނުގައި ޖަރުމަނު ވިލާތުގައި ފާސްކުރެވުނު ގާނޫނެއްގެ ދަށުން، މަކަރުހަދައިގެން ކުކުން ވިއްކުމަކީ މަރުގެ އަދަބު ދެވޭވަރުގެ ބޮޑު ކުށެކެވެ! މަކަރުވެރި، ނަސީބު ދެރަ ވިޔަފާރިވެރިއަކު ވިއްކަމުން އައީ މަކަރު ހަދާފައި ހުރި ކުކުން ކަމަށް ސާބިތުވުމުން، އޭނާ އަންދައިލެވުނީ، އޭނާ ވިއްކި ( ރަހަޔަކުން ކުރެ ރަހައެއް ނުލާ ) ކުކުން ތަކާއި އެކުގައި ކަމަށް ވެއެވެ!

ރަން ފަދަ އަސޭމިރުސް:
ބިލެތް ކުރިހެން ހެދޭ މި ވެލުގެ ރަތް އޮށް ބިނދެ ކަޅު ކުލައަށް ބަދަލުވަންދެން ފެނުކައްކައި އަވީލައި އަވިން ހިއްކުމުން އެލިބުނީ ރީތި ކަޅު އަސޭމިރުހެވެ. ދިވެހިން އަސޭކަރަ ކިޔައި އުޅުނީ އިންޑޮނީޝިޔާގެ އަޗޭ އަށް ނިސްބަތްކޮށެވެ. އަޗޭ ސަރަހައްދަކީ އިންޑޮނީޝިޔާގެ އެންމެ ހުޅަނގު މައި ޖަޒީރާ ސުމާޓްރާ އަށް ވެފައި އަޗޭ އަކީ މި ޖަޒީރާގެ އެންމެ އުތުރު ކޮޅެވެ. ވީމާ މުޅި އިންޑޮނީޝީޔާއިންވެސް ދިވެހިންނާއި އެންމެ ގާތް ހިސާބަކީ އަޗޭއެވެ! އިރުވައި މޫސުމުގައި އަޗޭން ފުރައިގެން ރިޔަލު އޮޑިފަހަރުގައި ފައްސިޔައަށް ރާއްޖެއަށް ދަތުރު ކުރެވެއެވެ. އަދި ހުޅަނގުގައި މިކޮޅުން އެކޮޅަށްވެސް ފައްސިޔައަށް ދަތުރު ކޮށް އުޅުނުކަން އެނގެއެވެ!

އާދައިގެ ބިސްގަނޑެއްވެސް ކުޑަ ލޮނުކޮޅަކާއި ކުޑަ އަސޭމިރުސްކޮޅެއް އޭގެ މަތީގައި ޖެހިލުމުން އެ ބަދަލުވީ ހަމަ އެއްވަނައިގެ ބިސްގަނޑަކަށެވެ. މިހެންވެ އަސޭމިރުހަކީ ހަވާދުގެ އާއިލާގެ އެންމެ މަޝްހޫރު މެންބަރެވެ! އެމެރިކާ އާއި ވިލާތުގެ ތަނަވަސް ބައްރަށް ފޯރުމުގެ ކުރީގައި އަސޭމިރުސް ހައްދައި އުޅުނީ އިންޑިޔާގައެވެ. އެދުވަސްވަރު އަސޭމިރުހަށް ‘ކަޅު ރަން’ ވެސް ކިޔުނެވެ. ނަމަވެސް ހަގީގަތަކީ (ބަރުދަނަށް ބަލާއިރު) އަގުބޮޑީ އަސޭމިރުހެވެ! އަސޭމިރުސް ކޯޅިއެއް ފައިސާގެ ގޮތުގައިވެސް އަތް އަތް މަތިން ބަދަލު ކުރެވުނެވެ!

ހޮލެންޑުމީހުން ވާހަކަ ދައްކައި އުޅޭ ޑަޗް ބަހުން، މިވެނި އެއްޗެއް ‘ އަސޭމިރުސް ހާ އަގުބޮޑޭ ‘ ކީ ޒަމާނެއްވެސް ދިޔައެވެ! މިހާރުވެސް މުއްސަނދި ބިންބިމުގެ ބޭނުމުގައި ހަނގުރާމަ ކުރާފަދައިން، އަސޭމިރުހުގެ ވިޔަފާރި ޕޯޗުގީޒުންގެ ކިބައިން އަތުލުމުގެ އުންމީދުގައި 1590 ގައި ހޮލެންޑާއި ޕޯޗުގީޒުންނާއި ދެމެދުގައި ހަނގުރާމައެއް ކުރިއެވެ! 19 ވަނަ ގަރުނާއި ހަމައަށް އަސޭމިރުހުގެ އަގު ތިރިއެއް ނުވެއެވެ. މިހެންވެ އެކިފާޑުފާޑުގެ މަކަރު ހަދައި، އަސޭމިރުހާއި އެކު ތަފާތު ތަކެތި މުގުރައި އެއްކޮށްގެން ވިޔަފާރިވެރިން ވިއްކައި އުޅުނެވެ! މިހާރުވެސް ބުއްދިވެރި ގޮތަކީ ގޭގައި އަމިއްލައަށް ހަވާދު މުގުރުމެވެ.

އަޅުގަނޑުމެން އާދައިގެ މުސާރަވެރިން، ބިސްގަނޑެއް ކާއިރު ބުރުވައިލާނެ އަސޭމިރުސް ކޮޅެއް ގަނެވޭވަރު މިވީ ދުނިޔޭގެ އެކި ހިސާބު ހިސާބުގައި އަސޭމިރުސް ވެޔޮ ހައްދަން ފެށި، ދަނޑުވެރިކަން އިލްމީ ގޮތުން ކުރިއެރި ފަހުންނެވެ!

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.