ނަޝީދަށް ބޮޑުވަޒީރުކަން ނުދިނުމަށް ހުރިހާކަމެއް ކުރާނަން: ޢުމަރު

ރައީސް މުޙައްމަދު ނަޝީދަށް ރާއްޖޭގެ ބޮޑުވަޒީރުކަން ނުދިނުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އަބަދުވެސް ނަޝީދަށް ފާޑުވިދާޅުވަމުން ގެންދަވާ ޢުމަރު އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނެސް އޭގެ ތެރެއިން ބޮޑުވަޒީރަކަށް ވަޑައިގަންނަވަން ކަމަށެވެ. "ބަރުލަމާނީއާ ހިފުން ނޫން އެހެން އުކުޅެއް މިވަގުތު ރައީސް ނަޝީދަށް ނުއެއް އޮންނާނެ. އަންނި އެހެރީ ރައީސް ކަމުން ފަސް އަހަރަށް ބާކީވެފައި. ފަސްއަހަރު ފަހުން ނޫނީ އިބޫއެއް ނުއެއްދޭނެ އެއީ ޔަޤީން ކަމެއް،" ޢުމަރު ވިދާޅުވިއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ އެމްޑީޕީގެ ވަރަށްގިނަ މީހުން ދެކޮޅުކަމަށާއި އެހެން ކަމުން އެކަން ކުރެއްވުމަކީ ނަޝީދަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން މަސައްކަތް ކޮށްފިނަމަ އެކަމާ ވަގުތުން ދެކޮޅު ހައްދަވާނެ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. "އަންނިއަށް (ނަޝީދު) އަށް ބޮޑު ވަޒީރުކަން ނުދިނުމަށް ކުރެވެންއޮތް ކަމެއް މަކުރާނަން،" އޭނާ ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ދެކޮޅު ހަދާ ވަރަށްގިނަ ބަޔަކު ރާއްޖެގައި އެބަތިބި ކަމަށާއި އެހެން ކަމުން ކޮންމެހެން ޕާޓީއަކާ ނުގުޅުނަސް އެކަން ކުރެވޭނެ ކަމަށެވެ. ޕާޓީއަކާ ގުޅެން ބޭނުން ކަމަށްވާނަމަ އެފުރުޞަތު ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. "ހުރިހާ ޕާޓީތަކުން ވެސް ދަޢުވަތު ލިބުނު އެޕާޓީތަކާ ގުޅެން. އެހެންނަމަވެސް ޕާޓީއަކާ ގުޅޭނީ ޕާޓީތަކުގެ ލީޑަރޝިޕް ބައްދަލު ވެއްޖެއްޔާ. ޕާޓީތަކުގެ މަތި ލޮކްކުރާ (ތަޅުއަޅުވާ) ނިޒާމެއް ރާއްޖޭގައި މިއޮންނަނީ. މަތިގެ މި ހުންނަނީ ތަޅުލައިފައި. މަށަށް ކޮންމެހެން މަތިގޭގެ ތަޅުދަނޑި ދޭނެކަމެއްނެތް އެއްވެސް މީހަކު. އެކަމަކު މަތިގޭ ދޮރުތައް ހުންނަވާނީ ހުޅުވާފައި ކޮންމެ މީހަކަށް ވެސް މަތިގެއަށް ވަނުމުގެ ފުރުޞަތު އޮންނަގޮތަށް. ޕާޓިތަކުގެ މަތިގޭ ދޮރުތައް ހުޅުވައިފިއްޔާ މަ ޕާޓީއަކަށް ވަދެފާނެ،" ޢުމަރު ވިދާޅުވިއެވެ.

އެއްވެސް ޕާޓީއަކާ ނުވަތަ ވެރިކަންކުރާ ކޯލިޝަނާ ނުގުޅި ކުރިއަށް ނުދެވޭ ކަމަށްވާނަމަ ހުންނަވާނީ ހުއްޓިވަޑައިގެން މިހާރުވެސް ހުންނެވި ގޮތަށް ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. "ޕާޓީއަކާ ނުގުޅި ކުރިއަށް ހިނގެންނެތިއްޔާ މަ ހަމަހުއްޓިލައިގެން މިހާރު ވެސް ހުރިގޮތަށް ހުންނާނީ. އެކަމަކު މަށެއް ނުއެއް ހިނގާނަން މަޤަބޫލުކުރާ ޑައިރެކްޝަނަކަށް (މިސްރާބަކަށް) ނޫނިއްޔާ. މަ ޤަބޫލުކުރާ މިސްރާބަށް މަހިނގާނީ. ނުހިނގޭ ހިސާބަށް އާދެވުނީމައި ނުހިނގައި ހުންނާނީ،" ޢުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. މީނަމިއީ އަޅެކާކުތަ ނަޝީދުއާ އަޅާގަނެގެން މިއުޅެނީ ތިމާގަބޫކުރާގޮތްއެއީ އެންމެ ރަގަޅުގޮތްކަމަށް ގަބޫލުކުރާ މީހުންނަކީ ޑިކްޓޭޓަރުންގެ ސިފައެއް އުމަރަކީވެސް އެކަހަލަ މިޙެއްތާ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.