އިބްރާހީމް މުޙައްމަދުގެ ސަރުކާރުން ހިންގާނެ ތަޙުޤީޤުތަކަށް އެއްބާރުލެއްވުން ނުދެއްވައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ވިދާޅު ވެއްޖެއެވެ.
އައިޖީއެމްޗުގައި އެޑުމިޓްވެ މިހާރު ވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު މިހެން ވިދާޅުވިކަން ހާމަކުރައްވައިފައިވަނީ އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާއެވެ.
ނަޝްވާ ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހާރު ވެސް އަދީބަށް އަޅާ ވޭން އެންމެގާތުން ފެނިވަޑައިގަންނަވަނީ އޭނާއަށް ކަމަށެވެ. އެހެންނަމަވެސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރައްވާނެ ތަޙުޤީޤަށް އެއްބާރުލެއްވުން ނުދެއްވައި (މަރުވިޔަސް) ބޭސްފަރުވާއަށް ނުފުރުއްވާނެ ކަމަށް އަދީބު ވިދާޅުވި ކަމަށް ނަޝްވާގެ ޓްވީޓުގައިވެއެވެ.
"ހޮސްޕިޓަލުގައި އެޙާލުގައި އޮވެ އަދީބު ވިދާޅުވީ މަރުވިޔަސް ރައީސް ޞާލިޙުގެ ސަރުކާރުން ހިންގާ ތަޙުޤީޤު ތަކަށް ކުރިމަތިނުލައި ބޭސްފަރުވާއަށް ނުފުރާނެ ކަމަށް،" ނަޝްވާ ވިދާޅުވެފައިވެއެވެ.
އެމަނިކުފާނަށް ކުރަމުންދާ ސާބިތު ނުހިފޭ ދޮގު ތުހުމަތުތައް އިންސާފުވެރި ތަޙުޤީޤަކުން ސާފުވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް އެޓްވީޓުގައި ވެއެވެ. "އަދީބަށް މިހާރު ވެސް އަޅާވޭން ފެންނަނީ އަޅުގަނޑަށް. ތިންއަހަރުވީ ރާއްޖެއިން ވެސް އެކަށީގެންވާ ބޭސްފަރުވާ ނުދީ އިންސާފު ނުލިބި ޓޯޗަރ (އަނިޔާ) ކުރާތާ. އެކަމަކު އެކަމާ ޒިންމާވާނެ މުއައްސަސާއެއް، އިދާރާއެއް މިއަދަކުނެތް. ހުރިހާ ތަނަކުން ވެސް އަދީބުވީމާ ދަނީ ބޭއިންސާފުން ކަންކަން ކުރަމުން،" ނަޝްވާ ވިދާޅުވެފައިވެއެވެ.
ނަޝްވާ މިހެން ވިދާޅުވީ ބޭސްފަރުވާއަށް އަދީބު ބޭރަށް ފޮނުވައިފިނަމަ ފިއްލަވައިފާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އަދީބަކީ 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅެކެވެ.
އަދީބު ޖަލަށް ލައިފައިވަނީ އެމްއެމްޕީއާރްސީގެ އަށްޑިހަ މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައާއި ރައީސް ޔާމީން އަވަހާރަކޮށްލައްވަން ފިނިފެންމާ ލޯންޗުގައި "ބޮމެއް" ގޮއްވި މައްސަލައިގެ ކުށް ސާބިތުވެގެންނެވެ.
އަދީބަކީ ރައީސް ޔާމީންގެ އެންމެ އަރިސް އަދި އެންމެ އިތުބާރު ކުރެއްވި ބޭފުޅާގެ ގޮތުގައި އެއްދުވަސްވަރެއްގައި ހުންނެވި ބޭފުޅެކެވެ.