އިދިކޮޅު ޕާޓީތައް ގުޅިގެން ހަދައިފައިވާ ކޯލިޝަނަށް އޮތް އެންމެ ބޮޑުބިރަކީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ރާއްޖޭގެ ކުރީގެ ހޯމްމިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން ޢުމަރު ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ މުޅިކޯލިޝަން ނުވަތަ ބާރު އެމަނިކުފާނުގެ އަތްޕުޅަށް ނެންގެވުމަށް ކަމަށެވެ. އެހެންނަމަވެސް ކޯލިޝަންގެ އެހެން ލީޑަރުން އެފުރުސަތު އެގޮތަށް ދެއްވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޯލިޝަނަށް އޮތް އެންމެބޮޑު ބިރަކީ ނަޝީދު. އޭނާ މަސައްކަތް ކުރަމުން އެދަނީ މުޅިއެތި އޭނާގެ އަތަށް ނެގުމަށް،" ޢުމަރު ވިދާޅުވިއެވެ. ރައީސް ނަޝީދު މިހާރު އެމަސައްކަތް ކުރައްވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމް ކުރައްވަން ކަމަށާއި އެހެންނަމަވެސް އެކަން ކުރެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ޢުމަރު ވިދާޅުވިއެވެ.
ބަރުލަމާނީއަކަށް ބަދަލު ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އަންނަނަ އަހަރު ބާއްވާ މަޖިލީސް އިންތިޚާބުގައި ވާދަކުރައްވައި ގޮނިޑިއެއް ހޯދަވައިގެން މަޖިލީހުގެ ރައީސަކަށް ވެސް ރައީސް ނަޝީދު ވަޑައިގެންފާނެ ކަމަށް ޢުމަރު ވިދާޅުވިއެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައިގެން ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލު ކުރެއްވުމުގެ ވިސްނުންފުޅުގައި ކުރައްވައިފާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް "ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން މަޖިލިސްތެރެއިން ބަރުލަމާނީއަކަށް ބަދަލެއް ނުކުރެވޭނެ. އެހެންވީމާ ޖެހޭނީ އަނެއްކާ ވެސް ރައްޔިތުންގެ ގާތުން ވޯޓަކަށް އަހަން. އަހައިފިއްޔާ އަނެއްކާވެސް ބޮޑު ތަފާތަކުން ބަލިވާނެ،" ޢުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ވެރިކަން ބަރުލަމާނީއަށް ބަދަލު ކުރައްވައި ބޮޑުވަޒީރަކަށް ވަޑައިގެންނެވުމަށް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މިވަގުތު ވެރިކަމަށް ވަޑައިގެންނެވެންއޮތް އެންމެ ފަހި މަގަކީ އެމަގު ކަމަށްވުމެވެ.
ކޮންމެ ގޮތެއްވިޔަސް ރައީސް ނަޝީދަކަށް ކުރިއަށްއޮތް ފަސްއަހަރަކު ވެރިކަމަށް ވަޑައެއް ނުގަނެވޭނެ. ހުންވަންޖެހިވަޑައިގަންނަވާނީ އިންތިޒާރުގައި. އެހެންވެސް ބޮޑުވަޒީރަކަށް ވަޑައިގެންނެވުމަކީ ވެރިކަމަށް ވަޑައިގެންނެވުމަށް މިވަގުތުއޮތް އެންމެ ކުރުމަގު. އެހެންވެ ބަރުލަމާނީއެއް ގެންނަވަން މަސައްކަތް އެކުރައްވަނީ،" ޢުމަރު ވިދާޅުވިއެވެ.