އެފްއޭއެމް ގެ ރައީސްކަމަށް ޓޮމް!

images (2)

މައްސަލަ ބޮޑުވެފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް އެންމެފަހުން ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.

އިންތިޚާބު ނުބޭއްވުމާއި، ކޮންގްރެސް ނުބޭއްވުންފަދަ އެތައް މައްސަލަތަކާހެދި، ރާއްޖެ ދުނިޔޭގެ ފުޓްބޯޅައިން ސަސްޕެންޑްކުރާ ހިސާބަށްދިޔަފަހުން މިއަދު ބޭއްވި އިންތިޚާބުގައި އެފްއޭއެމްގެ ރައީސަކަށް ހޮވިފައިވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާފައިވަނީ ވެސް ޓޮމް އެކަންޏެވެ. އޭނާ އެކަނި ކުރިމަތިލާފަފައިވާތީ މިއަދު ހެނދުނު ބޭއްވި އިންތިޚާބީ ކޮންގްރެސްގައި ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. ޓޮމް ރައިސަކަށް ހޮވުނީ އޭނާ އެމަޤާމަށް އިންތިޚާބުކުރަން ފެންނަކަމަށް ލިބުނު 19 ވޯޓާއެކުއެވެ.

އެފްއޭއެމުގެ ނާއިބް ރައީސުންނަށް ހޮވާފައިވަނީ ކުރީގެ ގައުމީ ފޯވަޑް އަދި އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަލީ އުމަރާއި ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު ކަލީމެވެ.

ޓޮމް ހަމަޖައްސާފައިވާ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގައި ހިމެނޭ އިތުރު ހަ މެންބަރުންނަކީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީއާއި އީގަލްސްގެ ޗެއާމަންގެ މަގާމުގައި ހުންނެވި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ޝިޔާމްއާއި ގައުމީ ޓީމުގެ ފިޒީޝަން އަދި އެފްއޭއެމްގެ ނޮމަލައިޒޭޝަން ކޮމިޓީގެ ކުރީގެ މެންބަރު އަހްމަދު ޝަކީބާއި، ނިރޭޑިއަންޓްގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާއާއި، އެޓީމުގެ ކުރީގެ ބޯޑު މެންބަރު އަހްމަދު ޒަރީރުގެ އިތުރުން މުހައްމަދު އީސައެވެ.

އެފްއޭއެމްގެ އެންމެފަހުގެ ރައީސަކީ އިލްހާމް އަޙުމަދެވެ. ހިންގުން ބޮއްސުންލުމާއި، އާ އިންތިޚާބު ނުބޭއްވުމާއި އެނޫންވެސް މައްސަލަތައް ބޮޑުވެގެން އޭނާ މަޤާމުންދުރުކޮށް ފީފާއިންވަނީ ނޯމަލައިޒޭޝަން ކޮމިޓީއަކާ އެފްއޭއެމް ޙަވާލުކޮށްފައެވެ.

މިއަދާހަމައަށް އެފްއޭއެމް ހުރިހާ ކަމެއް ބަލަހައްޓަމުންދިޔައީ އެކޮމިޓީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.