މެދުތެރޭ އެފްރިކާގައި އޮންނަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީގައި ފެތުރެމުންދާ އެބޯލާގެ ސަބަބުން 200 އަށްވުރެ ގިނަ މީހުން މަރުވެއްޖެ ކަމުގައި އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ގައުމުގެ މިނިސްޓަރ އޮފް ހެލްތު އޮލީ އިލުންގާ ކަލެންގާ ނެރުއްވި ބަޔާނެއްގައި ވާގޮތުން މިއީ އެގައުމުގެ ތާރީޚުގައި އެންމެ ބޮޑަށް އެބޯލާ ފެތުރުނު ފަހަރެވެ. މިފަހަރު މިހާތަނަށް 319 މީހުން ވަނީ އެބޯލާ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އެބޯލާ ވައިރަސް ފުރަތަމަ ކޮންގޯގެ އީކޯޓާ ޕްރޮވިންސުގެ ރަށެއްކަމުގައިވާ ޔަމްބުކޫއިން 1976 ވަނަ އަހަރުއެވެ. އެފަހަރު ވައިރަސް ފެތުނު އިރުވެސް ޕޮޒިޓިވް ވެފައި ވަނީ 318 މީހުންނެވެ.
މިހާތަނަށް 201 މީހުން މަރުވެފައި ވާއިރު، ބަލި ޖެހިފައިވާ އެންމެ ގިނަ މީހުން ފެނިފައިވަނީ 8 ލައްކަ މީހުންގެ އާބާދީއެއް އޮންނަ ބެނީންނެވެ.
މިއީ 1976 ވަނަ އަހަރު ފުރަތަމަ އެބޯލާ ފެނުނު ފަހުން ޑރ ކޮންގޯގައި މި ބަލި ފެތުރުނު 10 ވަނަ ފަހަރެވެ.
އެބޯލާ ފެތުރުން ކޮންޓުރޯލު ކުރުމަށް ތަފާތު މަސައްކަތްތައް ކުރެވެމުން ދާއިރު އެކަަމަށް އެންމެ ބޮޑު ހުރަކަށް ވެފައި ވަނީ ސަރުކާރާ ދެކޮޅަށް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރިންނެވެ. އދ. ގެ ސުލްހަބެލެެެހެއްޓުމާ ބެހޭ އިދާރާއިން ވަނީ އެބޯލާ ބަލި ކޮންޓުރޯލުކުރުމަށް ކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސްނޭޅުމަށް ހަނގުރާމަވެރިންނަށް ގޮވައިލާފައެވެ.
އެބާލާއާ ދެކޮޅަށް މަސައްކަތްކުރާ ޓީމުތަކަށް "ބިރުދައްކައި، ޖިސްމާނީ ގޮތުން އަނިޔާކޮށް، ތަކުރާރުކޮށް އެމީހުން ގެންގުޅޭ އާލާތްތައް ހަލާކުކޮށްލާފައި" ވާކަމަށް ސިއްހަތާ ބެހޭ ވުޒާރާގެ ބަޔާނެއްގައި ވެއެވެ.
ޑރ ކޮންގޯގެ ސަރުކާރާ ގުޅިންގެ ޑަބްލިޔުއެޗްއޯއިން ދަނީ އެބޯލާ ކޮންޓުރޯލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިހާތަނަށް 27 ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޖަމާއަތުން ބުނެއެވެ.
އެބޯލާ ޖެހޭ މީހުންގެ 83% މީހުން މަރުވުގެ ފޮރުސަތު އޮންނައިރު، މި ފަހަރު މިބަލި ޖެހުނު މީހުންގެ ތެރެއިން 91 މީހުން މަރުނުވެ ރަނގަޅުވެފައިވާ ކަމީ ލިބުނު ކާމިޔާބީއެއް ކަމުގައި ޑަބްލިޔުއެޗްއޯ އިން ދެކެއެވެ.