ދެވަނަ އެންވަޔަރަންމަންޓް އެސެމްބްލީގައި މިނިސްޓަރ ޠާރިޤް ވާހަކަފުޅު ދައްކަވައިފި

images (1)

މިމަގުގެ 23 އިން 27 އަށް ކެންޔާގެ ވެރިރަށް ނައިރޯބީގައި ކުރިއަށްދިޔަ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ ދެވަނަ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީގެ (ޔުނެއާ-2) ހައި ލެވެލް ސެގްމަންޓްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް އަލްފާޟިލް ޠާރިޤް އިބްރާހީމް ވާހަކަފުޅު ދައްކަވައިފިއެވެ.

ދެވަނަ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީ ކުރިއަށްގޮސްފައިވަނީ "2030 ގެ ނިޔަލަށް ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުން" މި މަޢުޟޫގެ ދަށުންނެވެ. މި އެސެމްބްލީގައި 170 ޤައުމަކުން 2400 އަށްވުރެ ގިނަ މަނދޫބުން ބައިވެރިވެފައި ވެއެވެ. މީގެ ތެރެއިން 75 ޤައުމަކުން ވަޒީރުންގެ ފެންވަރުގައި މި އެސެމްބްލީގައި ވަނީ ބައިވެރިވެފައެވެ. މި އެސެމްބްލީގައި ދިވެހިރާއްޖޭގެ ވަފުދުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ އޮނަރަބަލް މިނިސްޓަރ އަލްފާޟިލް ޠާރިޤް އިބްރާހިމެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، 2015 ވަނަ އަހަރާއި ހަމައަށް ހާސިލް ކުރުމަށް ކަނޑައެޅުނު ސާސްކަފް ތަރައްޤީގެ ލަނޑުދަނޑިތައް (މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް) ހާސިލް ކުރުމުގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާ ލެއްވިއެވެ. މިގޮތުން، 8 ލަނޑުދަނޑި ހިމެނޭ ސާސްކަފް ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 5 ލަނޑުދަނޑި 2015 ގެ މާކުރިން ހޯދުމަކީ ދިވެހިރާއްޖެއިން ހޯދި ފަޚުރުވެރި ކާމިޔާބީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކާމިޔާބީގެ މައްޗަށް ބިނާކޮށް 2030 ވަނަ އަހަރާއި ހަމަޔަށް ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ދިވެހިރާއްޖެއިން އަތުކުރި އޮޅާލައި މަސައްކަތް ފަށާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިގޮތުން، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުން ދާކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން މިހާތަނަށް މިނިސްޓްރީތަކުގެ ފެންވަރުގެ ބައްދަލުވުން ތަކާއި ޤައުމީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް ބޭއްވުނުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުންވެސް މިނިސްޓަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ތިމާވެށި ރައްކާތެރި ކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް އިސްކޮށްފައިވާ ޒިންމާގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، ތިމާވެއްޓާއި އިންސާނީ ސިއްޙަތާއި ހުރިގުޅުމާއި މި ދާއިރާއިން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ފެން ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާއި އެ މައްސަލަތައް ޙައްލު ކުރުމަށް ފެނާއި ނަރުދަމާގެ ނިޒާމް ތަރައްޤީ ކުރުމަށް ދިވެހިރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ.

މި އެސެމްބްލީއަށް 28 ޤަރާރެއް ހުށަހެޅުނުއިރު 27 ޤަރާރު ވަނީ އެސެމްބްލީގައި ބައިވެރިވި ޤައުމުތަކުގެ އިއްތިފާޤުން ފާސްވެފައެވެ. ޔުނެއާ-2 އަށް ހުށަހެޅުނު 28 ޤަރާރުގެ ތެރޭގައި، ޕެރިސް އެގްރިމެންޓް ތާއީދު ކުރުމަށް ބާރުއަޅާ ޤަރާރަކާއި، ތިމާވެއްޓާއި ގުޅުންހުރި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ބާރުއަޅާ ޤަރާރަކާއި، ހަމަނުޖެހުން ހިނގަމުންދާ ފަލަސްތީނުގެ ގާޒާއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަށް ބެލުމަށް ފީލްޑް އެސެސްމަންޓެއް ހެދުމަށް ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމަށް ބާރުއަޅާ ޤަރާރަކާއި، ކަނޑުތަކަށް ޕްލާސްޓިކްފަދަ ކުނި އެޅުން ހުއްޓުވުމަށް ބާރުއަޅާ ޤަރާރެއް ހިމެނެއެވެ. އަދި މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ފަރުތައް ބަލަހައްޓައި ހިމާޔަތް ކުރުމަށް ބާރުއަޅާ ޤަރާރެއްވެސް މީގެ ތެރޭގައި ހިމެނެއެވެ. އިންޑޮނޭޝިއާ އިން ހުށަހެޅި މި ޤަރާރަށް ދިވެހިރާއްޖެއިންވަނީ ތާއީދުކޮށް ކޯސްޕޮންސަރ ކޮށްފައިވެއެވެ.

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީގެ ތިންވަނަ ބައްދަލުވުން 2017 ގައި ބޭއްވުމަށް މި އެސެމްބްލީއިން ވަނީ ނިންމާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.