މިއަދު ހަވީރު 5:30 ގައި އައި ކޮޅިގަނޑެއްގައި އއ. އުކުޅަހު ޕެޓްރޯލްޝެޑުގެ ފުރާޅު އެއްލައިލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. ފުލުހުން މިހާރު ގެންދަނީ ޙާދިސާ ހިނގި ސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ.
މޫސުމާބެހޭ އޮފީހުން ވިދާޅުވީ ރާއްޖޭގެ އެކިހިސާބުތަކަށް އަދިވެސް ވިއްސާރަކުރާނެ ކަމަށެވެ. އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އުތުރުގެ އަތޮޅުތަކުގައި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެބާރުމިނުގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ކެރިގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓު އޮފީހުން ވިދާޅުވެފައިވެއެވެ.
އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަމަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި ރާއްޖޭގެ މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.