މާދަމާއިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނާނީ މީރާއަށް ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މިހާތަނާ ޖެހެންދެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރަމުންދިޔަ ޒަކާތް ބަލައިގަތުމުގެ މަސައްކަތް އެ މިނިސްޓްރީން މީރާއާ ހަވާލުކުރީ މިދިޔަ މާރިޗު މަހު އެ ދެ އިދާރާގެ މެދުގައި ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުންނެވެ.
މާލެ ނޫން ރަށްރަށުގައި ގާއިމްކޮށްފައިވާ މީރާގެ އޮފީސްތަކުން ވެސް މުދަލު ޒަކާތް ބަލައިގަންނާނެ ކަމަށާއި، މީރާގެ އޮފީހެއް ގާއިމްކޮށްފައިނުވާ ރަށްރަށުގެ ރަށު ކައުންސިލްގެ އިދާރާއިން ވެސް މުދަލު ޒަކާތް ބަލައިގަންނާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ. އަދި ޒަކާތުގެ ފައިސާ ދައްކާއިރު MIRA 510 ނަންބަރު ފޯމު ހުށަހަޅަންޖެހޭނެ ކަމަށް ވެސް މީރާއިން މައުލޫމާތު ދެއެވެ. މި ފޯމު މީރާގެ ވެބްސައިޓް އަދި ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ލިބޭނެކަމަށާ، މުދަލު ޒަކާތް މީރާއިން ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް ފިތުރު ޒަކާތް ބަލައިގަންނާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކަމުގައި ވެސް މީރާއިން މައުލޫމާތު ދެއެވެ.