ސޯމާލިޔާގައި ދިން ކާރުބޮމުގެ ހަމަލާއެއްގައި 39 މީހުން މަރުވެއްޖެ

ސޯމާލިޔާގައި ދެވުނު ކާރުބޮމުގެ ހަމަލާއަށް ފަހު އެ ސަރަހައްދު

ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ދެ މީހަކު ދެ ކާރުބޮން ގޮއްވާލައިގެން އެއް ފަހަރާ ދިން ޖާނުންް ފިދާވުމުގެ ހަމަލާއެެއްގައި މަދުވެގެން 22 މީހުން މަރުވެއްޖެއެވެ. ސޯމާލިޔާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) މައި އޮފީސް ކައިރީގައި ހުންނަ ސަހަފީ ހޮޓަލަށް ދިން މި ހަމަލާގެ މަސްއޫލިއްޔަތު އަލްޤާއިދާއާ ގުޅުން އޮންނަ ސޯމާލިޔާގެ ހަނގުރާމަވެރި ޖަމާއަތް، އައްޝަބާބުން ވަނީ އުފުލާފައެވެ.

ކުރިން ލިބުނު ރިޕޯޓުތަކުގައި މަރުވި މީހުންގެ އަދަދު 28 ކަމަށް ބުނެފައިވީ ނަމަވެސް ފަހުން ފުލުހުން ވަނީ 39 މީހުން މަރުވެފައިވާކަން ޔަގީންކޮށްދީފައެވެ.

ދެ ކާރު ގޮވުމަށްފަހު ހޮޓަލުގެ ގާޑުންނާއި ފުލުސް އޮފިސަރުން ބަޑިޖަހާފައި ވެއެވެ. އަދި ހޮޓަލާ ދިމާއަށް މަގުމަތީގައި އޮތް ތިން ފުރޮޅުލީ 'ޓުކްޓުކް' އެއްވެސް އޭގެ ވިއްސަކަށް މިނެޓުފަހުން ގޮވާފައި ވެއެވެ.  

ސަރުކާރުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި އެއް ކާރުބޮން މިނީ ބަހެއް ކައިރީގައި ގޮވުމުގެ ސަބަބުން ބައެއް މީހުން ވަނީ ކާކުކަން ނޭނގޭ ވަރަށް އަނދައިގެން ގޮސްފައެވެ. 

"ފުލުހުންގެ މީހަކާއި ހޮޓަލުގެ ގާޑަކު ވަނީ ހޮޓަލަށް ވަންނަން މަސައްކަތްކުރި ހަތަރު ހަނގުރާމަވެރިން ބަޑިޖަހައި މަރާލާފައި." ރޮއިޓާސްއާ ވާހަކަދައްކަމުން ޕޮލިސް ކެޕްޓަން މުޙައްމަދު އަޙްމަދު ބުންޏެވެ.  

"އަނެއް ދެ ހަނގުރާމަވެރިން ވަނީ ދެ ކާރު ގޮވި އިރު ގޮވައިގެން ގޮސްފައި. ތިން ވަނަ ގޮވުން ގޮއްވާލާފައި ވަނީ ރިމޯޓް ކޮންޓުރޯލުން." އޭނާ އިތުރަށް ބުންޏެވެ.  

ސަހަފީ ހޮޓަލުގައި ހުރި، ގޮވި މަންޒަރު ދުށް މީހަކު ކަމުގައިވާ މުޙައްމަދު ޢަބްދިޤަނީ ބުނީ 2015 ވަނަ އަހަރު ހަނގުރާމަވެރިން ދިން ހަމަލާއެެއްގައި ހޮޓަލުގެ ވެރިޔާ މަރުވުމުން ހޮޓަލާ ހަވާލުވި އަބްދިފައްތާހު އަބްދިރަޝީދު އިއްޔެގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ހިމެނޭ ކަމުގައެވެ.  

"ހޮޓަލުގެ ގޯތިތެރެއަށް ވަން ހަނގުރާމަވެރިންނަށް ހޮޓަލުގެ ގާޑުންގެ ވަރުގަދަ ހަމަލާޔާ ކުރިމަތިލާން ޖެހުނު. ހޮޓަލު ހިންގާ އަބްދިފައްތާހު އަބްދިރަޝީދުއާއި އޭނާގެ ތިން ބޮޑީގާޑުން އެ ހަމަލާގައި މަރުވި." ޢަބްދިޤަނީ ބުންޏެވެ.

"ހޮޓަލުގެ ތެރެއަށް ވަނުމުގައި އެމީހުން ކާމިޔާބުނުވި ނަމަވެސް ހޮޓަލުގެ ބޭރުގައި ގޮވި ގޮވުންތަކުން ގިނަ ބަޔަކު މަރުވި." އޭނާ އިތުރަށް ބުންޏެވެ.

ހާދިސާ ހިނގި ހިސާބުގައި ހުރި ރޮއިޓާސްގެ ފޮޓޯގްރާފަރަކަށް 20 އާއްމުންގެ ހަށިގަނޑާއި، އަދާފައިވާ މިނީ ބަހާއި، ކާރުތަކާއި، ސައިކަލުތައް ފެނިފައި ވެއެވެ.

އައްޝަބާބު އަސްކަރީ ހަރަކާތްތަކާ ބެހޭ ތަރުޖަމާނު އަބްދިއަސީސީ އަބޫމުސްއަބު ބުނީ، އެމީހުން އައްސަހަފީ ހޮޓަލަށް އަމާޒުކޮށް ހަމަލާދިނީ، އެމީހުން ވައްޓާލަން މަސައްކަތްކުރާ ސަރުކާރާ އެ ހޮޓަލާ ގުޅުން އޮންނާތީއެވެ.

"އަހަރުމެން (އެތަން) އަމާޒަކަށް ހެދީ އެއީ ސަރުކާރުގެ މަރުކަޒަކަށް ވާތީ. އެ ހޮޓަލުގައި ސަރުކާރުގެ މަސްއޫލުވެރިންނާ، ސަލާމަތީ ބާރުތަކުގެ މީހުން އަބަދު އުޅޭ." ރޮއިޓާސްއާ ވާހަކަދައްކަމުން އޭނާ ބުންޏެވެ.

1991 އަހަރު އޭރުގެ ރައީސު ސިޔާދު ބައްރޭގެ ވެރިކަން ވައްޓާލިފަހުން ސޯމާލިޔާ ވަނީ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.