މިފަހަރު، ދުންފަތް އިސްތިހާރުކުރުމާ ދެކޮޅަށް !

wntd-image-eye

ދުނިޔޭގެ ދުންފަތުން އިސްތިއުމާލު ނުކުރާ ދުވަހަކީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އިސްނަގައިގެން ބައިނަލް އަޤުވާމީގޮތުން ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކޮންމެ އަހަރެއްގެ މެއި 31 ގައި ފާހަގަކުރެވޭ ދުވަހެކެވެ. މިދުވަސް ފާހަގަކުރުމުގެ މަޤުސަދަކީ ދުންފަތުގެ ވަބާއިން އިންސާނުންނަށް ލިބެމުންދާ ޞިއްޙީ، މާލީ އަދި އިޤްތިޞާދީ ގެއްލުންތަކާމެދު ހޭލުންތެރިކަން އިތުރުކޮށް މި ވަބާއިން ރައްކާތެރިވުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ދޭދޭ ޤައުމުތަކުގެ ސަރުކާރުތަކާ، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާ، އަދި ޢާއްމުރައްޔިތުން ދޭ އަހަމިއްޔަތުކަމާއި، އެއްބާރުލުމާއި، ބައިވެރިވުން އިތުރުކުރުމެވެ. މިދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ދުވަހާ ގުޅޭ ޝިޢާރެއް ކަނޑައަޅައެވެ. މިއަހަރަށް ޑަބްލިއު.އެޗް.އޯ އިން ކަނޑައަޅާފައިވާ ޝިޢާރަކީ "Get ready for plain packaging" ނުވަތަ "ދުންފަތް ހިމެނޭތަކެތި ބަންދުކުރުމުގައި ދުންފަތް އިސްތިހާރުނުވާގޮތް ޚިޔާރުކުރަމާ" އެވެ.

 

ސިނގިރޭޓު ފޮއްޓަކީ އިސްތިހާރު ބޯޑެއް!

ދުންފަތުގެ ބާވަތްތަކަށް މީހުންގެ ހިތް ލަންބުވާލައި މީހުން ޝައުޤުވެރިވާާފަދަގޮތަކަށް ދުންފަތުގެ ބާވަތްތައް ބަންދުކޮށް، އަދި ދުންފަތުގެ އެއް ބާވަތް އަނެއް ބާވަތަށްވުރެ މޮޅުކަމަށާ، ސިއްހަތަށް ލިބޭ ގެއްލުން ކުޑަކަމަށް، އަދި ވަކި ޢުމުރަކަށް ނުވަތަ ވަކި ޖިންސަކަށް ނުވަތަ ވަކިކަހަލަ މަސައްކަތެއްކުރާ ބަޔަކު ބޭނުންކުރުމަށް މާ ރަނގަޅުކަމަށްބުނާ ދޮގު މަޢުލޫމާތުތައްވެސް، ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ބަންދުކުރުމުގައި ދުންފަތުގެ ސިނާޢަތުން ބޭނުންކުރާ ކުރުމަކީވެސް މީހުންނަށް އޮޅުވާލައިގެން ދުންފަތް ޕްރޮމޯޓުކުރުމަށް އެ ސިނާޢަތުން ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އުކުޅެކެވެ.

ދުންފަތުގެ ބާވަތްތައް ފާޅުގައި އަދި ސީދާގޮތެއްގައި އިސްތިހާރުކުރުމަކީ، ހުރިހާ ޤައުމެއްގައިހެންވެސް މިހާރު ޤާނޫނީގޮތުން މަނާކަމެއްކަމުގައިވާތީ ދުންފަތުގެ ސިނާޢަތުގެ އިސްތިހާރުބޯޑެއްގެގޮތުގައި ބޭނުންކުރަނީ ސިނގިރޭޓު ފޮއްޓާއި، އަދި ދުނފަތް ބަންދުކޮށްފައިހުންނަ އެހެން ޕެކެޓުތަކުގެ ބޭރުކަވަރެވެ. ދުންފަތުގެ ސިނާޢަތުން ދުންފަތުގެ ވަބާގައި މީހުން ގެއްސުމަށް މިކުރާ މަސައްކަތުގެސަބަބުން ދުންފަތް އިތުރަށް ޕްރޮމޯޓުވެ، އަދި ސިއްޙަތުގެ އިންޒާރުގެ ފާޅުކަން ކުޑަވެގެންދާތީ މިކަން ޙައްލުކުރުމަށްޓަކައި ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ، "ޕްލެއިން ޕެކޭޖިން" ތަޢާރަފްކުރުމެވެ.

 

ޕްލެއިން ޕެކޭޖިންއަކީ ކޮބާ؟

ޕްލެއިން ޕެކޭޖިންއަކީ ދުންފަތުގެ ހުރިހާ ބާވަތެއްވެސް ވީހާވެސް އެއްގޮތަކަށް ތަފާތުކަން ކުޑަވާނޭހެން ޕެކެޓުކޮށް ބަންދުކުރުމެވެ. މިގޮތުން ސިނގިރޭޓު އަދި ދުންފަތުގެ ވަކި ބްރޭންޑަކަށް ނުވަތަ ވައްތަރަކަށް ނިސްބަތްވާ ނުވަތަ ރަމްޒުކޮށްދޭ ލޯގޯއެއް، ނަމެއް، ކުލައެއް، ފޮޓޯއެއް، ކުރެހުމެއް އަދި އެތަކެތި ޕްރޮމޯތުކުރާފަދަ ލިއުމެއް ނުވަތަ މަޢުލޫމާތެއް ވެސް "ޕްލެއިން ޕެކޭޖިން"ގައި ނުހިމެނޭނެއެވެ.

ހަމައެކަނި ހުއްދަވާނީ ސަރުކާރުން ކަނޑައަޅާ ފޮންޓަކާއި ސައިޒަކާއި ކުލައަކުން ނުވަތަ ކުލަތަކަކުން ވަރަށް އާދައިގެ ގޮތަކަށް ބްރޭންޑްގެ ނަން ޖެހުމާއި ވިޔަފާރީގެ އެޑްރެހާ އަދި މިނޫންވެސް އޭގެ ސަބަބުން ދުންފަތް އިތުރަށް އިސްތިހާރު ނުވާފަދަ އަސާސީ ބައެއް މަޢުލޫމާތެވެ.

މީގެ އިތުރުން ސަރުކާރުން ކަނޑައަޅާ ގޮތަކަށް ސިއްޙަތުގެ އިންޒާރު ޖެހުމަކީވެސް "ޕްލެއިން ޕެކޭޖިން" ގައި ލާޒިމުކަމެކެވެ. މިގޮތަށް ދުންފަތުގެބާވަތްތައް ބަންދުކުރުމުން ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަަތް އިތުރަށް ހަރުދަނާވެއެވެ.

 

ޕެލެއިން ޕެކޭޖިންގެ ފައިދާ

"ޕްލެއިން ޕެކޭޖިން" ގެ މަޤުސަދާއި ފައިތާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

ރާއްޖޭގައިވެސް ޕްލޭން ޕެކޭޖިން ތަޢާތަފް ކުރެވިއްޖެނަމަ:

  • ދުންފަތުގެ ބާވަތްތައް ފެނުމުން އެތަކެއްޗަށްދެވޭ ޝައުޤުވެރިކަން މިހާރަށްވުރެ ކުޑަވުން.
  • ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމަށް ސިނގިރޭޓް ފޮއްޓާއި ދުންފަތް ޕެކެޓުފަދަ ތަކެތީގެ ބޭރު ބޭނުންކުރާކުރުމަށް ނިމުމެއް ގެނައުން.
  • ސިނގިރޭޓް ފޮއްޓާއި ދުންފަތް ޕެކެޓު ޑިޒައިންކޮށް އަދި ލޭބަލްކުރުމުގެ ތެރެއިން އެއް ބާވަތެއް އަނެއް ބާވަތަށްވުރެ ސިއްޙަތަށް ގެއްލުންކުޑަކަމަށް ދައްކުވައިދޭފަދަ ދޮގު މަޢުލޫމާތު ފަތުރާ މައްސަލައަށް ޙައްލެއް ގެނައުން.
  • ދުންފަތުންލިބޭ ގެއްލުންތައް ހާމަކޮށްދޭ ސިއްޙަތުގެ އިންޒާރުގެ މެސެޖުތަކުގެ ފާޅުކަން އިތުރުކުރުމާއި އެފަދަ މެސެޖުތަކުން މިހާރަށްވުރެ ރަނގަޅު ނަތީޖާ ޙާޞިލްކުރުން. (މިސާލަކަށް: ފޮޓޯ ނުވަތަ ތަޞްވީރުން ދުންފަތުގެ ނުރައްކާތެރިކަން ހާމަކޮށްގެން)

 

ޕްލެއިން ޕެކޭޖިން އަށް ބާރުލިބޭ ކަންކަން

ރާއްޖެ ބައިވެރިވެފައިވާ ދުނފަތް ކޮންޓްރޯލްކުރުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ "ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް (އެފް.ސީ.ޓީ.ސީ) ގެ 11 ވަނަ މާއްދާގެ ދަށުން އެކުލަވާލައި ޢާއްމުކޮށްފައިވާ "ޕްލޭން ޕެކޭޖިން އަދި ދުންފަތުގެ ބާވަތްތަކުގައި ލޭބަލް ހަރުކުރުމާގުޅޭ އުޞޫލު (ގައިޑްލައިނ)" އަދި ހަމަ އެމުޢާހަދާގެ 13 ވަނަ މާއްދާގެ ދަށުން އެކުލަވާލައި ޢާއްމުކޮށްފައިވާ "ދުންފަތް އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމާއި އަދި ސްޕޮންސަރ ކުރުން ކޮންޓްރޯލްކޮށް މަނާކުރުމާބެހޭ އުސޫލު (ގައިޑްލައިން)" އަށް ރިޢާޔަތްކުރާއިރު، "ޕްލެއިން ޕެކޭޖިންއަކީ މެމްބަރު ޤައުމުތަކަށް ލަފާދީފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަދި މިހާތަނަށް (2012) ޕްލެއިން ޕެކޭޖިން ތަޢާރަފްކުރި އޮސްޓްރޭލިއާގެ ތަޖުރިބާއަށް ބަލާއިރު، މިކަމަކީ ދުންފަތުގެ ވަބާގައި މީހުން ނުޖެހި ސަލާމަތްވުމަށް އަދި ޖުމުލަގޮތެއްގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އަދި ޢާއްމު ސިއްހަތު ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި އެ ޤައުމުގައި ކުރެވިފައިވާ ދިރާސާތަކުން ސާބިތުކޮށްދެއެވެ.

ޕްލެއިން ޕެކޭޖިން އޮސްޓރޭލިއާގައި ތަޢާރަފްކުރާނެކަމަށް، އެޤައުމުގައި އިއުލާންކުރި ހިސާބުން ފެށިގެންވެސް އޮސްޓްރޭލިއާ އަދި ޑަބްލިއު.ޓީއޯ ފަދަ ބައިނަލްއަޤުވާމީ އިދާރާތަކުގެ ފެންވަރުގައި، ދުންފަތުގެ ސިނާޢަތުން، ޕްލެއިން ޕެކޭޖިން ހުއްޓުވުމަށް ކުރި މަސައްކަތުން ކުރި މަސައްކަތުން ކުރި ލިބުނީ ޢާއްމު ސިއްޙަތުގެ އަދި ފުރާނަ ރައްކާތެރިކުރުމުގެ ނިޔަތުގައި ކުރަމުންދިޔަ ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތަށެވެ.

އޮސްޓްރޭލިއާގެ މި ތަޖުރިބާއަށް ބަލާ، ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި، އުތުރު އަޔަލެންޑްގައި މިއަހަރުގެ މެއި މަހުން ފެށިގެން ޕްލެއިން ޕެކޭޖިން ތަޢާރަފްކުރުމަށް ކަނޑައަޅާ ފާސްކުރިއެވެ. އެހެން ޤައުމުތަކުންވެސް މިހާރުވަނީ ޕްލެއިން ޕެކޭޖިންއާ ދިމާއަށް މިސްރާބުޖަހާފައެވެ.

 

ޞިއްޙަތުގެ އިންޒާރު: މިސަރަޙައްދުގެ ޤައުމުތަކާއި ދިވެހިރާއްޖެ

ދުންފަތުގެ ވާބަތްތަކާއި ސިއްހަތުގެ އިންޒާރު ފުރަތަމަ ޖަހަންފެށީ ވަރަށް އާދައިގެ ގޮތަކަށް، ހަމައެކަނި ލިއުންކޮޅަކުން ޖަހާ މެސެޖެއްގެ ގޮތުގައެވެ. އަދި އެމެސެޖުގައި ޞިއްޙީ ގެއްލުން ދުންފަތާ ގުޅުވާފައި ބައެއްފަހަރު ހުންނަނީ ވަރަށް ނުސީދާކޮށެވެ. އެއަށްފަހު މިފަދަ އިންޒާރުތައް ބަދަލުވެގެންދިޔައީ "ގްރެފިކް ހެލްތް ވޯކިންގ" ނުވަތަ ފޮޓޯއިން ނުވަތަ ތަސްވީރު ބޭނުންކޮށްގެން ދެވޭ އިންޒާރުގެ ގޮތުގައެވެ. އަދި މިފަދަ މެސެޖުތަކުގެ ސައިޒު ބޮޑުވެ މެސެޖުތަކުގައި ދުންފަތުގެ ނުރައްކާ ކުރިއަށްވުރެ ސާބިތުކޮށް ހާމަކުރަންފެށިއެވެ.

މިހާރު ހަމައެކަނި މިވަކާލާތުކުރެވޭ ޕްލޭން ޕެކޭޖިން ގައި ސިއްޙަތުގެ އިންޒާރު ލިއުމާއެކު މަންޒަރުވެސް ހިމެނެއެވެ. ދިވެހިރާއްޖޭގައި އަދިވެސް ބޭނުންކުރަނީ 2004 ގައި ތަޢާރަފްކުރި ހަމައެކަނި ލިއުންކޮޅެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދި ހަމައެކަނި ޕެކެޓުގެ ބޭރުގެ %30 ބޮޑުމިނުގައި ޖަހާ "ޓެކްސްޗުއަލް" އިންޒާރެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުން (މިސަރަޙައްދުގެ އެހެން ހުރިހާ ޤައުމެއް ހިމެނޭހެން) މިހާރުވަނީ މަންޒަރު ޖަހައިގެން ދެވޭ އިންޒާރު ތަޢާރަފްކޮށްފައެވެ. ބައެއް ޤައުމުތަކުގައި ފޮށީގެ %85 އޭރިއާގެ ބޮޑުމިނަށް މެސެޖު ޖަހަންޖެހެއެވެ.

ދިވެހިރާއްޖޭގައި މިފަދަ ޞިއްޙަތުގެ އިންޒާރު ތަޢާރަފުކުރުމުގެ ބާރު ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު (15/2010) އިން ވަނީ ސަރުކާރަށް ދީފައެވެ. މި ޤާނޫނައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ބައިނަލްއަޤުވަމީ މުޢާހަދާ އެފް.ސީ.ޓީ.ސީ ގެ ގައިޑްލައިންތަކަށް ރިޢާޔަތްކޮށް، ރާއްޖެއިންވެސް ކައިރި މުސްތަޤުބަލެއްގައި މަންޒަރުޖަހައިގެންދެވޭ ޞިއްޙަތުގެ އިންޒާރު ތަޢާރަފްކުރުމުގެ މަސައްކަތް މިހާރު ދަނީ މުރަމުންނެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމަށް ބޭނުންކުރާ ބާވަތްތައް:

މީގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކޮށްގެން އޭގެ ދުން ދަމާލުމަށް ތައްޔާރުކުރެވިފައިވާ ބާވަތްތަކާއި ދުންނާރާ ބާވަތްތައް ވެއެވެ. މިގޮތުން ދުން ދުންއަރާ ބާވަތްތަކުގެ ތެރޭގައި ސިނގިރޭޓު ، ސުއްޓާ، ބިޑި، ކަށިގަނޑު، އަދި ގުޑްގުޑާ ހިމެނެއެވެ.

ދުންނާރުވައި ބޭނުންކުރާ ބާވަތްތަކުގެތެރޭގައި ހަފައިގެންކާ ނުވަތަ ދުފުމުގައި ބޭނުންކުރާ ދުންފަތް އަދި ވަސްބަލާ ދުންފަތް (މޮއިސްޓް ސުނަފް) ހިމެނެއެވެ. ދުނިޔޭގައިވެސް އަދި ރާއްޖޭގައިވެސް އެންމެ ޢާއްމުކޮށް ބޭނުންކުރާ ދުންފަތުގެ ބާވަތަކީ ސިނގިރޭޓެވެ. ނަމަވެސް ފަހަކަށްއައިސް ޝީޝާ (ޒަމާނީ ގުޑްގުޑާ) އަދި މިފަދަ ގިޑްގުޑާގައި ބޭނުންކުރާ ތަފާތު ރަހަރަހައާއި ކުލަކުލަ ހިމެނޭ، ދުންފަތް ރާއްޖެއަށް ދަނީ ތަޢާރަފްކުރަމުންނެވެ. އަދި މިތަކެތި އަންނަނީ ޚާއްސަކޮށް ޒުވާނުންގެ މެދުގައި މަޤުބޫލުވަމުންނެވެ.

 

ދުނިޔޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު:

މުޅިދުނިޔެއަށް ބަލާއިރު، ދުންފަތުގެ އިސްތިޢުމާލުކުރާ ގާތްގަނޑަކަށް1 ބިލިއަން ފިރިހެނުންނާއި 250 މިލިއަން އަންހެނުންވާކަމަށް އަންދާޒާކުރެއެވެ. މީގެ %80 އަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އަހުލުވެރިންނެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ޢަދަދު ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.

 

ރާއްޖޭގެ ޙާލަތު:

2011 ގައި 15 އަހަރާއި 64 އަހަރާ ދެމެދުގެ ޢުމުރުފުރާގެ މީހުންގެ މެދުގައި ރާއްޖޭގައި މާލޭގައި، ކުރެވުނު ސްޓެޕްސް ސާރވޭއިން ދައްކާގޮތުގައި ރާއްޖޭގައި 25 އަހަރާއި 34 އަހަރާ ދެމެދުގެ ފިރިހެނުންގެ ގާތްގަނޑަކަށް %37.6 މީހުންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ވަބާގައި ޖެހިފައިވާ މީހުންނެވެ.

މި ޢުމުރުފުރާގެ އަންހެނުންގެ މެދުގައި މި ޢަދަދު ހުރީ އެންމެ %1.8 ގައި ނަމަވެސް އއަންހެނުންގެ ތެރެއިން 55 އާއި 64 އާ ދެމެދުގެ ޢުމުރުފުރާގައި މި ޢަދަދު %9.2 އަށް އަރައެވެ.

ދުނިޔޭގެ ސިއްޙަތުޖަމްޢިއްޔާއިން އަންދާޒާކުރާގޮތުގައި، މިހާރު މުޅިރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ ނިސބަތް %44 އާ ގާތްކުރާނެއެވެ.

2011 ވަނަ އަހަރު، 13 އަހަރާއި 15 އަހަރުގެ ޢުމުރުފުރާގެ ކިޔަވާކުދިންގެ މެދުގައި ކުރެވުނު "ގްލޯބަލް ޔޫތް ޓޮބޭކޯ ސާރވޭ" އިން ދައްކާ ގޮތުން %19.9 ސްކޫލް ކުދިން އެންމެ ފަހަރަކު ނަމަވެސް ދުންފަތުގެ އިސްތިޢުމާލު ކޮށްފައިވެއެވެ. އެއީ %24.2 ފިރިހެން ކުދިންނާއި، %8.9 އަނަހެން ކުދިންނެވެ.

އެނެމްގިނަމީހުން ދުންފަތުގެ އިސްތިޢުމާލުކުރަންފަށަނީ ޢުމުރުން 18 ވުމުގެ ކުރިންނެވެ.

މިފަދަ ސާރވޭތަކުގެ ނަތީޖާއިން އެނެމް ކަންބޮޑުވާންޖެހޭ ކަމެއްގެގޮތުގައި ފާހަގަވަނީ، ކުޑަކުދިންނާއި، އަންހެނުން ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު ދުވަހުންދުވަހަށް އިތުރުވަމުންދާކަމާއި، އެމީހުންނަށް އަމާޒުކުރެވިގެން ދުނފަތުގެ ބާވަތްތައް އިސްތިހާރުކޮށް ޕްރޮމޯޓުކުރެވޭކަމެވެ.

 

އިޤްތިޞާދީގޮތުން ވެސް ގެއްލުން!

މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2015 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި ދުންފަތުގެ ބާވަތްތަކުގެ އަގަށް، 243481471.4 ( ދުއިސައްތަ ސާޅީސް ތިން މިލިއަން ހަތަރުލައްކަ އަށްޑިހަ އެއްހާސް ހަތަރުސަތޭކަ ހަތްދިހަ އެއްރުފިޔާ ހަތަރުލާރު) އަރައެވެ.

ހަޤީގަތަށް ބަލާއިރު، މިފައިސާއަކީ އަޅުގަނޑުމެން އަމިއްލައަތުން އަލިފާންޖަހައި އަންދާލާފައިވާ ފައިސާއެވެ.

ދުންފަތުގެ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭ މިންވަރު އެއްއަހަރުން އަނެއް އަހަރަށް ބޯދުވަމުންދާކަމަށް ކަސްޓަންސްގެ ހިސާބުތަކުން ދައްކައެވެ. އެހެންކަމުން ރާއްޖޭގައި ދުންފަތުން އިސްތިއުމާލުކުރާމީހުންގެ ޢަދަދު އަހަރުން އަހަރަށް އިތުރުވެގެންދާކަމަށް ޤަބޫލުކުރަންޖެހެއެވެ.

ދުންފަތުގެ ވަބާއަކީ އަވަހަށް ޙައްލުކުރަން ޖެހިފައިވާ ޤައުމީ ބޮޑު މައްސަލައެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.