ރިޝްވަތުދޭ މީހާ އިޞްލާޙު ކުރުމުގެ ވާހަކަ ދެއްކޭ މިންވަރު މާކުޑަ: ރައީސް ނަޝީދު

ޖަޒީރާ ޕާކު ހުޅުއްވައި ދެއްވުމަށްފަހު ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ އެމްޑީޕީ

ރިޝްވަތުގެ ފައިސާދޭ މީހާ އިޞްލާޙު ކުރުމުގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކޭ މިންވަރު މާކުޑަކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހއ. ދިއްދުއަށް ވަޑައިގެން އެރަށުގައި "ޖަޒީރާ ޕާކް" ހުޅުއްވައި ދެއްވުމަށްފަހު އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރައްވައި މިއަދު ހަވީރު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ނަޝީދު  ވިދާޅުވީ އެވާހަކައަކީ "އަޅުގަނޑުމެންގެ ހިތުން ކައްސާލައިގެންދާ މާމުހިންމު ވާހަކައެއް" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރަކަސް، ސަރުކާރުގެ މުވައްޒަފަކަސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަސް އަދި އެހެން މަސައްކަތެއްކުރާ މީހަކަސް މަގުން ކައްސާލާ ޙަޤީޤީ އެންމެ ބޮޑު ސަބަބަކީ އޭނާއަށް ފައިސާދޭތީ ކަމަށެވެ.

"އަޅުގަނޑަށް ފެންނަފެނުމުގައި ރިޝްވަތުގެ ހުތުރު ފައިސާދޭ މީހުން އެފައިސާ ގުނަގުނައިން ހޯއްދަވައިގެން ދެން އެފައިސާ އެކިއެކި ބޭފުޅުންނަށް ދެއްވާ ފައިސާވެރިން އިޞްލާޙު ކުރުމުގެ މަސައްކަތް، އިސްލާޙު ކުރުމުގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކޭ މިވަންވަރު މާކުޑަ. ފަނޑިޔާރުން ވިޔަސް އަދި ސަރުކާރުގެ މުވައްޒަފަކު ވިޔަސް މަގުން މިކައްސާލަނީ އޭނާއަށް ފައިސާ ދިނީމައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިޝްވަތުގެ ފައިސާގައި ހިފާ މީހާއެކޭ އެއްގޮތަށް އެ ފައިސާދޭ މީހާއަކީ ވެސް އިޞްލާޙު ކުރަން ޖެހިފައިވާ މީހެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުން ބަދަލުކޮށް ޝަރުޢީ ނިޒާމަށް ވެސް އެތައް ބަދަލެއް ގެނެވިއްޖެ ކަމަށެވެ. އެހެންނަމަވެސް ކޮންމެފަހަރަކު ވެސް ފެންނަނީ އިހެކޭ އެއްގޮތަށް ކަންކަން ވަމުންދާތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ މީގެ ސިއްރަކީ އަޅުގަނޑުމެން އިޞްލާޙު ކުރަންވީ ވިޔަފާރިވެރިޔާކަން ރަނގަޅަށް ދެނެނުގަންނަކަން. އޭނާގެ އާމްދަނީއާއި އޭނާގެ ފައިސާ އޭނާ ގެންގުޅޭގޮތުގެ ދެފުށް ފެންނަންޖެހޭ. އޭނާގެ މުއްސަނދި ކަމުގެ މިންވަރު އަޅުގަނޑުމެންނަށް ސާފުކޮށް އެނގެންޖެހޭ. އޭނާދޭ ފައިސާއިން އަޅުގަނޑުމެންގެ ރާއްޖެ ހަލާކުކުރަނީ. އޭނާގެ މަޤުޞަދާއި ބޭނުމަކަމަށްވަނީ އިތުރު ފައިސާ ހޯދުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.  އެފައިސާ އޭނާ ހޭދަކުރަނީ އިތުރުފައިސާ ހޯދުމަށްޓަކައި ނާޖާއިޒު ގޮތުގައި ކަންކަން ހިންގުމަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު އެމަނިކުފާނަށް ފެންނަ ކުށްވެރިއަކީ ފަނޑިޔާރު މަނިކުފާނު ނޫންކަމަށާއި، ކުށްވެރިއަކީ ފައިސާ ހޯއްދަވާ މަހުޖަނުކަމަށެވެ. ދިވެހިރައްޔިތުންނަށް އިންސާފު ހޯއްދަވައި ދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު މިޙަޤީޤަތް ހަނދާން ނައްތަވާލައްވައިގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ސަޢުދީޢަރަބިއްޔާއަށްވުރެ ބޮޑުކަމަށާއި ދިވެހިރާއްޖެއަކީ ބޮޑު މުއްސަނދި ޤައުމެއް ކަމަށް ވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެބޮޑު އެއް މުއްސަނދިކަމަކީ ޤުދުރަތީ ގޮތުން ރާއްޖެއޮތް މަޤާމް ކަމަށާއި އެ މުއްސަނދިކަމުގެ ބޭނުން އަޅުގަނޑުމެން ހިފަންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.