ރައީސް (މުންތަޚަބު) އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވާނެ ކަމަށް އެޤައުމުން ވިދާޅުވެއްޖެއެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙު ހުވައި ކުރެއްވުމުގެ ރަސްމިޔާތަށް ވަޑައިގެންނެވުމަށް އެމަނިކުފާނު (އިބޫ) ވަނީ މޯދީއަށް ދަޢުވަތު ދެއްވައިފައެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓްރީން މިއަދު ވިދާޅުވީ އެ ދަޢުވަތު ޤަބޫލު ކުރައްވައި މޯދީ ރާއްޖެ ވަޑައިގެންނެވިޔަސް ރަސްމިއްޔާތަށްފަހު އެދުވަހު އިންޑިއާއަށް ވަޑައިގެންނެވުމަށް މޯދީ ވަނީ ނިންމަވައިފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ރައީސަކު ވެރިކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި މިހާތަނަށް އިންޑިއާގެ ބޮޑުވަޒީރަކު ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހު 17 ވަނަ ދުވަހު ހަވީރު 5:00 ގައި ގަލޮޅު ދަނޑުގައެވެ. އެ ރަސްމިއްޔާތަށް 11500 މީހުންނަށް ދަޢުވަތު ދެއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފު ވިދާޅުވިއެވެ.
geri kathilaigen kaa baeh dhivehinnakee.