ހިޔަލީ މުޙައްމަދު ރަޝީދު އެމްޑީޕީއަށް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ކުރީގެ މެމްބަރު މުޙައްމަދު ރަޝީދު (ހިޔަލީ) އެމްޑީޕީއަށް މިއަދު ސޮއި ކުރައްވައިފިއެވެ.

ރައީސް ޢަބްދުﷲ ޔާމީނާ ކުރިން ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހިޔަލީ އެމްޑީޕީއަށް ސޮއިކުރެއްވީ މިއަދު މެންދުރު ހިތަދޫ ސްވައިދީބް ކެފޭގައެވެ. އެ ރެސްޓޯރެންޓުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގައި ހިޔަލީ ވަނީ އޭނާގެ މެމްބަރޝިޕް ފޯމް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާ ޙަވާލު ކުރައްވައިފައެވެ.

ރައީސް ޔާމީނާ ވަރަށް އަރިސްކޮށް އުޅުއްވުމަށްފަހު ރިޔާސީ އިންތިޚާބުގެ ކެމްޕޭން ނިންމުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ހިތަދޫގައި ބޭއްވި ޖަލްސާގައި ހިޔަލީ ވަނީ ވާހަކަ ދައްކަވައިފައެވެ. އެ ޖަލްސާގައި އޭނާވަނީ ރައީސް ޔަމީންގެ ޒަޢާމަތަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. އަދި އިންތިޚާބީ ރައީސް އިބްރާހީމް މުޙަމަދު ޞާލިހަށް ތާއީދު ކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެޖަލްސާގައި ހިޔަލީ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށްޓަކައި އޭނާއާއި އޭނާގެ ކޮއްކޮ އަޙުމަދު ރަޝީދު ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ކެމްޕޭނަށް ޚަރަދުވެސް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ވީ އެއްވެސް ފައިދާއެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.