ހޫޘީ ހަނގުރާމަވެރިންގެ އަތުން ޔަމަނުގެ ބަނދަރު ރަށެއްކަމުގައިވާ ހުދައިދާ ހިފަން ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުުރާ ޔަމަނު ސަރުކާރުގެ ސިފައިން ކުރާ ހަނގުރާމަ ރަށާއި ކައިރިވަމުން އަންނަ ވަރަކަށް އެރަށުގައި ދިރިއުޅޭ އެތައް ލައްކަ އާއްމުންނެއްގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާ ބޮޑުވެއްޖެއެވެ.
"ކޯލިޝަންގެ އެހީތެރިކަމާއެކު ހަނގުރާމަކުރަމުންދާ ޔަމަނުގެ ސިފައިން މިހާރު ތިބީ ހުދައިދާއާ ވިއްސަކަށް ކިިލޯމީޓަރު ދުރުގައި. ހަނގުރާމަ މިހާރުވެސް ދަނީ ހިނގަމުން." ރިޔާޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ސައޫދީން އިސްނަގައިގެން އެކުލަވާލާފައިވާ ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލްމާލިކީ އިއްޔެ ބުނެފައި ވެއެވެ.
މިހާރު ކުރިއަށްދާ ހަމަލާތަކަށް ފަސްދުވަސްވެފައިވާއިރު، އިރާނުގެ އެހީލިބޭ ހޫޘީ ހަނގުރާމަވެރިންގެ 150 މީހުން މަރުވެފައިވާ ކަމުގެ ޚަބަރު ލިބެއެވެ.
މިހާރުގެ ހަމަލާތަކުގައި ހުދައިދާ ހިފަން ގަސްތުނުކުރާކަމަށް ކޯލިޝަންގެ ތަރުޖަމާނު ބުނެފައިވީ ނަަމަވެސް ހަނގުރާމަ ހިނގާ ސަރަހައްދުގައި ތިބި މަސްއޫލުވެރިންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ސަރުކާރު ސިފައިން މިހާރުވަނީ ހުދައިދާ ވަށާލާފައެވެ.
ހަނގުރާމަ ގަދަވަމުން ދާއިރު ހުދައިދާ ހޮސްޕިޓަލެއްގައި ތިބި 59 ކުދިންގެ ސަލާމަތާ މެދު ކަންބޮޑުވާކަމަށް އދ. ގެ ކުޑަކުދިންނަ ބެހޭ ޖަމްއިއްޔާ ޔުނިސެފުން ވަނީ ބުނެފައެވެ.
"ޔަމަނުގެ ބަނދަރު ރަށެއްކަމުގައިވާ ހުދައިދާގައި ހިނގާ ވަރުގަދަ ހަނގުރާމަ މިހާރު ހިނގަމުންދަނީ އެރަށުގެ އައްޘައުރާ ހޮސްޕިޓަލަށް ނުރައްކާ ވާހާ ކައިރީގައި. 59 ކުދިން (އޭގެ ތެރޭގައި އައިސީޔޫގައި ފަރުވާދެމުންދާ 25 ކުދިންވެސް ހިމެނޭ) ވަނީ މަރުވެދާނެ ކަމުގެ ނުރައްކަލާ ވަރަށް ކައިރީގައި." ޔުނިސެފުގެ ބަޔާނެއްގައި ވެއެވެ.