އެއްވެސް ސަރުކާރަކުން މަސްވެރިންނަށް ދެރަވާގޮތަށް ކަމެއްނުކުރާނެ: މިފްކޯ

ރާއްޖޭގައި މިހާރުއޮތް ސަރުކާރުން ވެސް އަދި އަންނަންއޮތް ސަރުކާރުން ވެސް މަސްވެރިންނަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް މިފްކޯގެ ސީއީއޯ ޢަދުލީ ޢިސްމާޢީލް ވިދާޅުވެއްޖެއެވެ.

ދެން ސަރުކާރާ ޙަވާލުވާން ތިއްބެވި ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވަނީ މަސްވެރިންނަށް ރަނގަޅުކޮށްދެއްވާނެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑަކީ މަސްވެރިކަމުގެ ދާއިރާގައި ގިނަދުވަހު އުޅެފައިވާ މީހަކަށްވާތީ އަޅުގަނޑު އުންމީދު ކުރާނަން މަސްވެރިންނަށް ރަނގަޅުގޮތެއް ވޭތޯ،" ޢަދުލީ ވިދާޅުވިއެވެ.

މަސްވެރިން އަތުން މަސް ނެގުމަށްފަހު ފައިސާ ނުދެވިފައިވާ މައްސަލައާ ބެހޭގޮތުން ޢަދުލީ ވިދާޅުވީ އެކަން އެހެންވާން ބޭނުންނުވާ ކަމަށާއި އެހެންނަމަވެސް މިދުސްވަރު ކުއްލިއަކަށް މަސްބާނަން ފެށުމުން ކޭޝްފުލޯއަށް ތާށިކަމެއް އައީ ކަމަށެވެ.

އެގޮތަށް ނުލިބި ހުންނަ ފައިސާ ހޯދަން ކޫއްޑޫއަށް ނުވަތަ މާދުރު ބަނދަރެއްގައި އޮންނަ ބޯޓަކަށް ދާންޖެހުމުން މައްސަލަތަކެއް ދިމާވާ ކަމަށް މަސްވެރިން ބުނާ ކަމަށް ޢަދުލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފައިސާ ހުންނަ ކަމަށްވާނަމަ ކޮންމެ ބަނދަރެއްގައި އޮންނަ ބޯޓަކުން ވެސް ފައިސާ ލިބޭނެ ކަމަށެވެ.

"މާދުރުގައި އޮންނަ ދޯންޏެއް ފައިސާބަލައި ކޫއްޑުއަށް އަންނަންޖެހެނީ ތެޔޮ ޚަރަދުކޮށްފައޭ ބުނެ ނުބައި މަޢުލޫމާތު އެބަފަތުރާ. އެގޮތަށް އަންނާކަށް ނުޖެހޭނެ. ކޮންމެ ބަނދަރެއްގައި އޮތް ކޮންމެ ބޯޓަކުން ވެސް ފައިސާ ހުންނައިރު ލިބޭނެ. އައްޑޫ ބަނދަރުގައި އޮތްބޯޓަކަށް މަސްކިރާފައި އަނެއްދުވަހު އަންގާލައިފައި ދާންވީ ތިމަންނަމެން މިދަނީ ކޮލަމާފުށީ ބަނަދަރަށޭ އެބޯޓުން ފައިސާލިބޭނެގޮތް ހަދައިދޭށޭ. އެގޮތަށް ހަމަޖެހޭނެ. ތެލާއި އައިސް ވެސް ލިބޭނެ،" ޢަދުލީ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.