ޖަލު ޙުކުމް މިނިވަން ވުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއެކު ޑީލެއް ހަދައިގެން މިނިވަން ވުމަކީ ގަބޫލުކުރެވޭ ކަމަކަށްނުވި ކަމަށާއި ޒަމާންވީ ރަޙްމަތްތެރިވާ އަދި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު ފޮނުއްވައިގެންވެސް ސަރުކާރުން ހަދަން އުޅުނު ޑީލު ގަބޫލު ނުކުރެއްވީ އެހެންވެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ސިޔާސީ މަސައްކަތަށް ނުކުންނެވީވެސް މިއީ ދަތި އުދަނގޫ ކަންކަން ކުރިމަތިވާނެ ކަމެއްކަން އެނގިހުރެ ކަމަށާއި ސިޔާސީ މަސައްކަތުގައި އަބަދުވެސް އަމިއްލަފުޅަށް ގަބޫލުކުރާ އުސޫލުތަކެއް ގެންގުޅުއްވާ ކަމަށެވެ. އެހެންވެ އެ އުސޫލުތަކުން ބޭރުން ޑީލެއް ހައްދަވަން ބޭނުންފުޅު ނުވީ ކަމަށް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޖަލަށް ވަޑައިގަންނަވަން ޖެހުނީ ހައްގު މަސައްކަތެއް ކުރަން ނުކުމެގެން ކަމަށާއި އެދުވަހު ނުނުކުމެ ހުންނެވިނަމަ މިއަދު ދިވެހިން މިދެކޭ ދުވަސް އައުން ދުރު ކަމަށެވެ. އަދި ޖަލަށް ވަޑައިގަތުމުން ރާއްޖޭގެ ޙާލަތުވެސް ވަރަށް ކައިރިން ފެނިގެންދިޔަ ކަމަށް ވިދާޅުވިއެވެ.
އިމްރާން ވަނީ އޭނާގެ ޒަމާންވީ ރަޙްމަތްތެރިޔާ ޑރ މުޙަންމަދު ޝަހީމް އަލީ ސައީދާ ބެހޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ޑރ ޝަހީމްއާ ބެހޭގޮތުން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ޔާމީންގެ ރަނިންމޭޓް ކަމާއި ހަވާލުވުމަށް ފަހު ޑރ ޝަހީމް އަމަލު ކުރެއްވި ގޮތުން ކިތަންމެ ގާތް ރަޙްމަތްތެރިއެއް ނަމަވެސް އެކުގައި ދެން ސިޔާސީ މަސައްކަތް ކުރަން ދަތި ކަމަށެވެ.
އިންތިޚާބުގެ ތެރޭގައި ޑރ ޝަހީމް ވަނީ ޝައިޚް އިމްރާން އާއި ޝައިޚް އިލްޔާސްއަށްވެސް ބަހުގެ ހަމަލާތައް ދެއްވާފައެވެ.