މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް އާސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ- މައުމޫން

ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދީ، ރައްޔިތުންނަށް އާމާން އަމާންކަން ކަށަވަރު ކޮށްދިނުމަށްޓަކައި އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްގެ އާ ސަރުކާރުން ހަރުދަނާ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ކުލީ ސިފައިންގެ ބަޔަކު ދިވެހިންގެ ބަޔަކާއި ގުޅިގެން ރާއްޖެ އަރައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލަން މަސައްކަތް ކުރި ދުވަހެއް ނަމަވެސް، އެދުވަހު ދިވެހި ސިފައިން ގައުމަށްޓަކައިވީ ގުރުބާނީއާއެކު ﷲ ނަސްރު ދެއްވި ކަމަށްޓަކައި މިއަދުވެސް ޙަމްދު ކުރައްވާ ކަމަށެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ރާއްޖެއަށް ކުރިމަތިވި މި އުދުވާނީ ހަމަލާގައި ބޭރުން އައި ލަޝްކަރާ ކުރިމަތިލައި ގައުމަށްޓަކައި އެދުވަހު ދިވެހި ސިފައިންވީ ގުރުބާނީ ފާހަގަ ކުރައްވައި ރައީސް މައުމޫން ވިދާޅުވީ އެއީ ގައުމީ ބަތޮލުންތަކެއް ކަމަށާއި އެބޭފުޅުންގެ މަސައްކަތަށް މިއަދުވެސް ސާބަސް ދެއްވާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި އަލަށް އުފެދޭ ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅު ތަކަށް ރައީސް މައުމޫނާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ތަމަޅަ ކުލީ ސިފައިންގެ ބަޔަކާއި ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެއަށް އަރައިދިން އުދުވާނީ ހަމަލާއިން ދިވެހިންނަށް ކާމިޔާބު ލިބުނު ދުވަހެވެ. އެކަމުގައި އިންޑިޔާ ސިފައިންވެސް ފަހުން ވަނީ އެހީތެރިވެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.