ރުއްތައް ނަގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނީ ތަޙުޤީޤަށްފަހު: އީޕީއޭ

ރަށަކުން ނަގައިފައިފައިވާ ރުއްތަކެއް: ފޮޓޯ ސޯޝަލް މީޑިއާ

ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ ބައެއް ރަށްރަށުން ރުއްތައް ނަގައިގެން ރާއްޖޭގެ ބައެއް ރިސޯޓުތަކާއި ބޭރުގެ ގައުމުތަކަށް ގެންދާ ފަރާތްތަކުގެ މައްސަލަ ބެލުމަށްފަހު އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވެއްޖެއެވެ.

ނަޢީމް ވިދާޅުވީ އީޕީއޭއިން ގެންދަވަނީ ފުލުހުންނާ ގުޅިގެން އެމައްސަލަ ތަޙުޤީޤު ކުރައްވަމުން ކަމަށެވެ.

"އަޅުގަނޑުމެން ރުއްތައް ނަގަން ހުއްދަ މިދެނީ އެއްރަށުން ނަގައިފައި އަނެއް ރަށަށް ގެންދަން. އެއީ ކޮންމެހެން ވެސް ނަގަންޖެހޭ ރުއް. އެއީ އެއާޕޯޓު ހަދާށާއި، ފުޓުސަލް ދަނޑުތައް ހެދުމަށާއި މިކަހަލަ ކަންތައްތަކަށް ނަގަންޖެހޭ ރުއްތައް ނަގަން ހުއްދަދެނީ. އެގޮތަށް ހުއްދަ ދިނީމައި އެނަގާ ގަޑީގައި ނަގަން ނުޖެހޭ ރުއްތައް ވެސް ދަނީ ނަގަމުން،" ނަޢީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިސޯޓުތަކަށް ގެންދާ ރުއްތަކަކީ އީޕީއޭއަށް އެނގިގެން ނަގާ ރުއްތަކެއް ނޫން ކަމަށެވެ. ނަޢީމް ވިދާޅުވީ އެގޮތަށް ރުއްތައް ގެންދާ ފަރާތްތަކުގެ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށެވެ. އީޕީއޭ އިން މީގެ ކުރިން ވަނީ ރުއްތައް ނެގި މައްސަލައެއްގައި ރިނބިދޫ ކައުންސިލާމެދު ފިޔަވަޅު އަޅުއްވައިފައެވެ.

ނަޢީމް ވިދާޅުވީ އެއާޕޯޓު އެޅުންފަދަ ކަންކަމަށް ރުއްތައް ނަގަން ހުއްދަދޭއިރު ހުއްދަ ދެނީ އެނަގާ ރުއްތަށް އެހެން ތަނަކަށް ގެންގޮސް އިންދާ ގޮތަށް ކަމަށެވެ. "އެވަރިހަމަ ރިސޯޓަކަށް ގެންދިޔަސް ރާއްޖޭގެ އެހެން ރަށަކަށް ގެންދިޔަސް. ގެންދަން ވަކި ރަށެއް ނޯންނާނެ ކަނޑައަޅައިފައި،" ނަޢީމް ވިދާޅުވިއެވެ. "ބޭނުން ވަނީ ރުއްތައް ނަގައި ހަލާކުކޮށްލުމުގެ ބަދަލުގައި އިންދުން،" އޭނާ ވިދާޅުވިއެވެ.

ނަޢީމް ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްރަށުން ރުއްތައް ނަގައިގެން ބޭރުގެ ބައެއް ޤައުމުތަކަށް ވެސް ގެންދާ ޚަބަރު ލިބިފައިވާ ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ރުއްތައް ނަގައިގެން އަބޫދާބީއަށް ގެންދާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އެހެންކަމުން ކަސްޓަމުން ވިދާޅުވެފައިވަނީ މިފަދަ މައްސަލައެއް ފާހަގަ ކުރެވިގެން އެކަން ހުއްޓުވާފައިވާ ކަމާށާއި، ކަސްޓަމްސްއިން އެފަދަ ހުއްދައެއް ދީފައި ނުވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.