މާލީ ބަޔާން ހުށަހެޅުމަށް އޮންނަ މުއްދަތަށް ބަދަލުގެނައުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ދީފައިނުވާނެ: އޮޑިޓަރ ޖެނެރަލްގެ އޮފީސް

ދައުލަތުގެ އެކި މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވަން ޖެހޭ މާލީ ބަޔާން ހުށަހެޅުއްވުމަށް އޮންނަ މުއްދަތަށް ބަދަލުގެނައުމަށް އެއްވެސް ފަރާތަކަށް ފުރޞަތު ދެއްވާފައި ނުވާނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާަޅުވެފައިވާ ގޮތުގައި މާލީ ބަޔާން ހުށަހަޅަން އޮންނަ މުއްދަތަށް ބަދަލު ގެނައުމަކީ ގާނޫނުން އޮޑިޓަރ ޖެނެރަލް އަށް ލިބިދީފައިވާ ބާރެއް ނޫނެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، "މާލީ ބަޔާން އޮޑިޓަރ ޖެނެރަލަށް ހުށަހެޅުމަށް ޤާނޫން އަސާސީގައި ނުވަތަ ޤާނޫނުގައި ކަނޑައަޅާފައި އޮންނަ ވަގުތު ނުވަޔަ މުއަދަތަށް ބަދަލު ގެނެސް، އެ މުދަތު އިތުރުކޮށް، ނުވަތަ ދިގުކޮށްދިނުމަކީ އޮޑިޓަރ ޖެެެނެރަލަށް ޤާނޫނުން ލިބިދީފައިވާ ބާރަކަށް ނުވާ ހިނދު، މާލީ ބަޔާން ހުށަހެޅުމަށް އޮންނަ އޮންނަ މުއްދަތަށް ބަދަލު ގެނައުމަށް އެއްވެސް ފަރާތަކަށް އޮޑިޓަރ ޖެެނެރަލް ފުރުސަތު ދީފައި ނުވާނެ" ކަމަށެވެ.  

އަދި މާލީ ބަޔާން ހުށަހެޅުމަށް ކަނޑައަޅާފައި އޮންނަ މުއްދަތު ފާއިތުވުމަށް ފަހުވެސް ބަޔާން ހުށަހެޅުއްވުމަކީ ޤާނޫނީ ގޮތުން މާޤާމުގައި ހުންނަވައިގެން ކުރެއްވުން މުހިއްމު ކަމަށްވާތީ އެފަދަ ފަރާތްތްތަކުގެ ސަމާލުކަމަށް އެކަން ގެންނެވުމަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރުާ ގޮތް ކަމުގައިވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

2014ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާލީ ބަޔާން ހުށަނާޅުއްވާ ކަމަށް މީޑިއާގައި އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ. އެއާއި ގުޅިގެން ރައީސްގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ރިޔާސީ ފަހު އަހަރު ހިމަނައިގެން ދައުރު ހުސްވުމުގެ ކުރީން މާލީ ބަޔާން ހުށަހަޅަން ފުރުޞަތު ދެއްވާފައިވާ ސިޓީއެއް، މީގެ ދެތިން ދުވަސް ކުރީން ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހަށް އޮޑިޓަރ ޖެނެރަލް ވަނީ ފޮނުއްވާފައި" ކަމަށެވެ. އަދި މާލީ ބަޔާން ޤަވައިދުން ހުށަނާޅުއްވާ ރައީސުން ތިއްބެވިކަމާއި، އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަ ކުރައްވާ ކަމަށް ވެސް މުޢާޒުގެ ޓުވީޓުގައި ވެއެވެ. ހަަމައެހެންމެ ރައީސްގެ މާލީ ބަޔާނާ ގުޅޭ އެންމެހައި މަޝްވަރާތައް އޮޑީޓަރ ޖެނެރަލްގެ ލަފާފުޅާ އެެއްކޮށް ކުރެވިފައިވާ ކަމަށްވެސް މުޢާޒު ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ އިސް މަޤާމް ތަކުގައި ތިއްބަވާ، ނުވަތަ ދައުލަތުގެ ވަކި މަސްއޫލިއްޔަތުތަކާއި ޒިއްމަ ހަވާލު ކުރެވިފައިވާ ފަރާތަތަކުން ޤާނޫން އަސާސީގައި ނުވަތަ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަރާތްތަކުގެ މިލްކިއްޔާތުގައިވާ މުދަލާއި މުދަލާއި، ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙާތުތަކާއި، އަރަންޏާއި، ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް (މާލީ ބަޔާން) އޮޑިޓަރ ޖެެނެރަލް އަށް ކޮންމެ އަހަރަކު ހުށަހަޅަން ޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި އެފަދަ ފަރާތްތަކުން ބަޔާންތައް ހޯއްދެވުމަށް އެ އޮފީހުން ކެނޑިނޭޅި މަސައްކަތް ކުރައްވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ ނޫސް ބަޔާން: 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.