އެންޓި ޑިފެކްޝަން ޤާނޫނަކީ އޮންޖެހޭ ޤާނޫނެއް ކަމަށާއި އެއީ ރައްޔިތުން ބޭނުންވާ ޤާނޫނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްނަރު އަދި ޕީޕީއެމްގެ ނާއިބު ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެ ޤާނޫނޫ އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާމެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި މައްސަލައިގެ ބަޙުސް މަރުހަލާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މަޖިލީހަށް އިންތިޚާބުވެފައި އެގޮތް ބަދަލު ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ.
"އެންޓި ޑިފެކްޝަން ޤާނޫނެއް އޮންނަން އަޅުގަނޑު ތާއީދު ކުރަން. އެޤާނޫނު އޮންނަންޖެހޭ. އެއީ ރައްޔިތުން ބޭނުންވާ ޤާނޫނެއް. ރައްޔިތުން ބޭނުން ނުވޭ ރައްޔިތުން އަޅުގަނޑުމެންނަށް ވަކިފިކުރެއްގައި ވޯޓުދިނީމައި މާދަމާ އަޅުގަނޑުމެން މިތަނަށް (މަޖިލިހަށް) އައިސްފައި އަޅުގަނޑުމެންގެ އަމިއްލަ ފައިދާއަށްޓަކައި އަޅުގަނޑުމެންގެ ލާބައާއި މަންފާއަށްޓަކައި ކުރިއެރުމަށްޓަކައި ޖާހާއި އިއްޒަތަށްޓަކައި އެހެން ޕާޓީއަކަށް ބަދަލުވާކަށް ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުމެއްނުވޭ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި ބަޙުސްގައި ރައީސް ޔާމީނަށް ތަޢުރީފް ކުރައްވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީނަށްޓަކައި ފަޚުރުވެރިވާ ކަމަށެވެ. ޕީޕީއެމްގެ ވެރިކަމުގައި ރައީސް ޔާމީނަށް މިޤައުމަށް ހޯއްދަވައި ދެއްވި ކުރިއެރުމާއި ތަރައްޤީއަށްޓަކައި ވެސް ފަޚުރުވެރިވާ ކަމަށް ޢަބްދުއްރާޙީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ފަދަ ވިޝަނަރީ ލީޑަރަކު ދިވެހި ތާރީޚުވެސް ދެކެފައި ނުވާކަމަށެވެ. "ހަޖަމް ކުރެވުނަސް ނުކުރެވުނަސް މިއީ މިކަންއޮތް ގޮތް. މިއީ މިކަމުގެ ޙަޤީޤަތް،" އޭނާ ވިދާޅުވިއެވެ.