މަސީޙުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމަށް މަޖިލީހުގެ ޢާއްމު ކޮމިޓީން ފާސްކުރައްވައިފި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޢާއްމު ކޮމިޓީން ނިންމަވައިފައިވަނީ މަސީޙުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް 45 މެމްބަރުން ސޮއި ކުރެއްވުމަށްފަހު 2017 ވަނަ އަހަރު މަޖިލީހަށް ވައްދައިފައިވާ މައްސަލަ ކުރިއަށް ގެންދިޔުމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޢާއްމު ކޮމިޓީއަކީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކޮމިޓީއެކެވެ. އެ ކޮމިޓީން ފާސްކުރައްވައިފައިވަނީ މި މައްސަލައިގައި މަސީޙަށް އިތުރުވަގުތު ދެއްވަން ނުޖެހޭ ގޮތަށް ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މަސީޙުގެ އިތުބާރުނެތް ކަމުގެ މައްސަލަ 45 މެމްބަރުންނާއެކު 2017 ވަނަ އަހަރު މަޖިލީހަށް ހުށަހެޅުއްވީ ޖުލައި 3 ވަނަ ދުވަހުއެވެ. އެފަހަރު އެ މައްސަލަ ހުށަހެޅީ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ތާއީދާ އެކުގައެވެ.

ޕީޕީއެމްގެ 12 މެމްބަރަކު އެކަމަށް ތާއީދު ކުރެއްވުމުން އެމީހުންގެ މައްސަލަ ބަލަން އެޕާޓީން ފެށިއެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަހަޅައި އެ މައްސަލަ އެޖެންޑާ ކުރުމުގެ ކުރިން ޕީޕީއެމްގެ ބާރަ މެމްބަރަކުވަނީ ޕާޓީން ވަކިކޮށްފައެވެ. އެހެން ކަމުން އެ ފަދަ މައްސަލައެއް ހުށަހަޅަން ބޭނުންވާ ޤާނޫނީ ޢަދަދު ހަމަނުވާ ކަމަށް ވިދާޅުވެ އެމައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

އެހެންނަމަވެސް އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމްކޯޓުން ވަނީ ޙުކުމް ކުރައްވައިފައެވެ. އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމްކޯޓުން ޙުކުމް ކުރެއްވުމުން އަލުން އެމައްސަލަ ބަލަން ނިންމެވީ އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.